ރޮނާލްޑޯ އަށް އަނެއްކާވެސް ސައުދީގެ ކުލަބެއްގެ ހުށަހެޅުން

ވޯލްޑް ކަޕުގައި ޕޯޗުގަލް އާއި ގާނާ ބައްދަލުކުރި މެޗުގެ ކުރިން-- ފޮޓޯ/ގެޓީ އިމޭޖަސް

ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމަށް، ސައުދީ އަރަބިއްޔާގެ ކުލަބަކުން އަނެއްކާވެސް ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ވޯލްޑް ކަޕުގައި ޕޯޗުގަލް އިން މުބާރާތުގެ ފުރަތަމަ މެޗު ކުޅެން 24 ގަޑިއިރަށް ވެފައި ވަނިކޮށް، ރޮނާލްޑޯ ކުޅެމުން އައި މެންޗަސްޓަރ ޔުނައިޓެޑުން ވަނީ އޭނާ އާއިއެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތުން އެއްބަސްވެގެން އުވާލިކަން ހާމަކޮށްފައެވެ.

ރޮނާލްޑޯ ގެނައުމަށް ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ތަކުން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ނަމަވެސް، މިހާތަނަށް އައި އިރު އެފަދަ އެއްވެސް ކުލަބަކުން ރަސްމީކޮށް އެކަން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ސައުދީގެ ކުލަބަކުން މިވަނީ އޭގެއިން އެއްވެސް ކުލަބަކުން ހުށަނާޅާނެ ވަރުގެ ހުށަހެޅުމެއް ރޮނާލްޑޯ އަށް ހުށަހަޅާފައެވެ.

ސައުދީގެ އަލް ނަސްރް ނަމަކަށް ކިޔާ މި ކުލަބުން ރޮނާލްޑޯ އަށް ހުށަހެޅީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މި ތިން އަހަރުގެ ތެރޭގައި ރޮނާލްޑޯ އަށް 225 މިލިއަން ޑޮލަރު ލިބޭނެއެވެ. އެއީ ސީޒަނަކަށް 75 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނަޑަކަށް ހަފްތާއަކު 1.56 މިލިއަން ޑޮލަރެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަލް ނަސްރުގެ އިތުރުން، މެދު އިރުމަތީގެ އެހެން ބައެއް ކުލަބުތަކުންވެސް އަންނަނީ ރޮނާލްޑޯ އަށް ކަޅި އަޅަމުންނެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްފައިވާއިރު، މި އަހަރު ފެށުނީއްސުރެ އެ ދެ ފަރާތުގެ ދެމެދުގައި އައީ މައްސަލަތައް ފުނި ޖެހެމުންނެވެ.

އެގޮތުން ޔުނައިޓެޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމާއި ގުޅިގެން ރޮނާލްޑޯ އެ ކުލަބު ދޫކޮށްލަން މި އަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި މަސައްކަތް ކުރި ކަމުގެ އަޑުތައް ފެތުރުނު އިރި މިއީ މި މައްސަލަތަކުގެ ފެށުން ކަމަށް ބެލެވެއެވެ.

އަދި އޭގެފަހުން ޔުނައިޓެޑުގެ ކޯޗު ކަމާއި އެރިކް ޓެން ހާގް ހަވާލުވި ހިސާބުން، މި މައްސަލަތައް އިތުރަށް ބޮޑުވާން ފެށިއެވެ.

މި މައްސަލަތަކުގެ ހުޅު ފަޅައިގެން ދިޔައީ، ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް ޕިއާސް މޯގަންގެ ''90 މިނެޓްސް'' ޕްރޮގްރާމަށް ދިން އިންޓަވިއު އާއި ގުޅިގެންނެވެ.

މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ އޭނާއަށް ޔުނައިޓެޑުން ''ބޭވަފާތެރި'' ވެފައިވާ ކަމަށާއި، ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް އިހްތިރާމް ނުކުރާ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ދެއްކި ވާހަކަތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، އެޅޭނެ ފިޔަވަޅަކާއި މެދު މަޝްވަރާކުރަމުންދާކަމަށް ޔުނައިޓެޑުން ބުނިތާ މާގިނަ ދުވަހެއް ނުވެ، މިމަހުގެ 22 ވަނަ ދުވަހު އެކުލަބުން ވަނީ ރޮނާލްޑޯ އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ދެ ފަރާތުން އެއްބަސްވެގެން ކޮންޓްރެކްޓް ބާތިލް ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިއާއެކު އުމުތުން 37 އަހަރުގެ ރޮނާލްޑޯ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރިއިރު، މިހާތަނަށް އައި އިރު އޭނާ އެއްވެސް ކުލަބަކަށް ބަދަލުވާން އެއްބަސްވެފައެއް ނުވެއެވެ.

އެހެންނަމަވެސް އިނގިރޭސި ލީގުގެ ދަށް ޑިވިޝަނެއްގައި ކުޅޭ ޓީމަކުން، ހަފްތާ އަކު 35،000 ޕައުންޑުގެ މުސާރައަކަށް ރޮނާލްޑޯ ގެންދަން އެދި ހުށަހަޅާފައިވާ ކަމަށް އިނގިރޭސި މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ރޮނާލްޑޯ އަކީ މެންޗަސްޓަރ ޔުނައިޓެޑުގައި ހަފްތާއަކު 500،000 ޕައުންޑުގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއެކެވެ.

comment ކޮމެންޓް