އަކްޝޭ އާއި ޓައިގާ އާއެކު މަނޫޝީ އައު ފިލްމަކަށް

އަލީ އައްބާސްގެ 'ބަޅޭ މިޔާން ޗޯޓޭ މިޔާން' ފިލްމަށް އަކްޝޭ ކުމާރު އާއި ޓައިގާ ޝްރޮފް އާއެކު މަނޫޝީ ޗިލަރު ކާސްޓުކޮށްފިއެވެ.

މިސް ވޯލްޑް 2017 އަށް ހޮވުނު މަނޫޝީ އެންމެ ފުރަތަމަ ފެނުނީ 'ޕްރިތުވިރާޖް' ފިލްމުންނެވެ. މި ފިލްމަށްފަހު މައި ލީޑް ރޯލަކުން ދެން ފެންނާނީ 'ބަޅޭ މިޔާން ޗޯޓޭ މިޔާން' ފިލްމުގައެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި ތިން އަންހެން ލީޑުން ފެންނާނެއެވެ. އެހެންކަމުން މަނޫޝީއާއެކު މީގެ ކުރިން ކާސްޓުކޮށްފައިވާ ޖާންވީގެ އިތުރުން އަދި އެހެން އަންހެން ތަރިއެއް ފެންނާނެއެވެ.

މި ފިލްމަކީ ވަޝޫ އާއި ޖެކީ ބަގަނަނި ޕްރޮޑިއުސްކޮށް އަންނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމުގެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި މި ފިލްމުގެ ޕްރޮޑަކްޝަން ޓީމު އިންޓަނޭޝަނަލް ޓީމަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެއެވެ. އަދި، ފިލްމުގެ ބައެއް މަންޒަރުތައް އިންޑިއާގެ އިތުރުން ޔޫރަޕްގެ އެކި ސަރަހައްދުތަކާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ވެސް ނަގާނެ އެވެ.

ފިލްމުގެ ޝޫޓިން އަންނަ އަހަރު ތެރޭ ކުރިއަށްގެންގޮސް ޑިސެމްބަރުގައި ފިލްމު ރިލީޒް ކުރެވޭތޯ ބަލާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.

އަމީތާބް ބަޗަން އާއި ގޯވިންދާ އާއި ރަވީނާ ޓަންޑަން އާއެކު 1998ގައި 'ބަޅޭ މިޔާން ޗޯޓޭ މިޔާން' ނަމުގައި ފިލްމެއް ވަނީ އުފައްދާފައެވެ. މި ފިލްމަކީ ގނަ ބައެއްގެ ތަރުހީބު ލިބުނު ފިލްމަކަށްވާއިރު އަލަށް ނެރޭ ފިލްމަކީ މި ފިލްމުގެ ސީކުއެލް އެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް