އަހަރުގެ ބާކީ ދުވަސްތަކަށް ހިނގާ ރިކަރެންޓު ޚަރަދަށް ބާކީ އެއް ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ކޮމެޓީއެއްގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ސަރުކާރުގެ ރިކަރެންޓު ޚަރަދުތައް ހަމަޖައްސަން އޮތް ބަޖެޓު އެއް ބިލިއަން ރުފިޔާއަށް ކުޑަވެއްޖެއެވެ.

ކޮންމެ ހަފުތާއަކު އާންމުކުރާ ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 17ވަނަ ދުވަހާ ހަމައަށް 23.7 ބިިލިއަން ރުފިޔާވަނީ ރިކަރެންޓު ޚަރަދުގެ ގޮތުގައި ހޭދަކޮށްފައެވެ. އެ މުއްދަތާ ހަމައަށް ޚަރަދުކުރެވޭނެކަމަށް ބަޖެޓުގައި ހިމަނައިފައިވަނީ 24.8 ބިލިއަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދުތަކުގެ ބަޖެޓް އެއް ބިލިއަނަށް ކުޑަވިއިރު މިއަހަރު ނިމެން ދެން އޮތީ މަހެއްހާ ދުވަހެވެ.

ރިކަރެންޓު ޚަރަދުތަކުގެ ތެެރެއިން ވެސް އެންމެ ބޮޑު ހޭދައެއްކުރީ، މުސާރައާއި އިނާޔަތްތަކަށާއި ޕެންޝަނަށެވެ. އެގޮތުން އެ ކަންކަމަށް ފާސްކޮށްފައިވާ 11.4 ބިލިއަންގެ ބަޖެޓުން 9.2 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރިކަރެންޓާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 32.2 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް 6.4 ބިލިއަން ރުފިޔާވަނީ ޕީއެސްއައިޕީގެ މަޝްރޫތަކަށް ޚަރަދުކޮށްފައެވެ.

މި މަހުގެ 17ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު 23.7 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. އެހެންނަމަވެސް އެއީ ލިބޭނެކަމަށް އަންދާޒާކުރި 24.3 ބިލިއަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި ލިބުނު ބޮޑުބައި ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން 72 ޕަސެންޓު ހިއްސާއަކީ ޓެކްސް އާމްދަނީއެވެ.

ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އަހަރުގެ މިހާތަނަށް ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ. ނަމަވެސް ލިބިފައިވަނީ އެންމެ 322.4 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް