އެންމެ ބޭނުންވި ވަގުތުގައި މެސީގެ އެހީ ލިބި، އާޖެންޓީނާ އިން އުންމީދު ހޯދައިފި

މެސީ ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ ----

އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމަށް އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ލިއޮނެލް މެސީގެ ބޭނުންޖެހުނު ވަގުތުގައި، އެ ޓީމަށް އޭނާ އެހީވެދީ، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އައުކޮށްދީފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗަށް ނުކުތްއިރު މި މެޗުގައި މަދުވެގެން ޕޮއިންޓެއް ހޯދަން އާޖެންޓީނާއަށް މަޖުބޫރެވެ. މެޗުން ބަލިވި ނަމަ އާޖެންޓީނާ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު އެއްކޮށް ބަންދުވީހެވެ.

ނާޒުކު ހާލަތެއްގައި އޮތް އާޖެންޓީނާއަށް އުންމީދުގެ ހުޅުކޮޅެއް މެސީ ދިއްލާލަދިން މެޗުގައި އެޓީމުން މެކްސިކޯގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މެކްސިކޯ އަދި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން---

މެޗުގެ ފުރަތަމަ ހާފުގައި އެޓޭކިންގް މޮޅު ގޭމެއް ކުޅުނީ މެކްސިކޯ އިންނެވެ. ފުރަތަމަ ހާފުގައި ގިނަ ހަމަލާތައްވެސް އުފެއްދީ އެޓީމުންނެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވުނީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެރިއާ ބޭރުން މެކްސިކޯއަށް ލިބުނު ހިލޭ ޖެހުމުން އެޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާއެވެ. ގޯލާ އަމާޒުކޮށް އެލެކްސް ވޭގާ ފޮނުވާލި ބާރު ހަމަލާ ގޯލާއި އަމާޒުވި ނަމަވެސް، މި ހަމަލާގައި ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީ އާޖެންޓީނާގެ ހުސިޔާރު، އަދި މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅުނީ އާޖެންޓީނާއިންނެވެ. ފުރަތަމަ ހާފުގައި މެކްސިކޯގެ ފަރާތުން ފެނުނު ޖޯރު، އަދި މޮޅު ކުޅުން ދެވަނަ ހާފުގައި ނުފެނެއެވެ.

ނަތީޖާ އަކަށްވީ ދެވަނަ ހާފުގައި އެޓީމުގެ މެދު ތެރެއިން ރަނގަޅަށް ބޯޅަ ނުހިފެހެއްޓި، އާޖެންޓީނާގެ ހަމަލާތަކުގެ ޝިކާރައަކަށް ވުމެވެ.

ހާއްސަކޮށް މެސީގެ މޮޅު ކުޅުމުގެ ޝިކާރައަކަށް ވީއެވެ.

މެޗުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެސީ އެވެ. މިއީ ޑީ އޭރިއާގެވެސް ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާ ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެން މެސީ ކާމިޔާބު ކޮށްދިން ޖާދުވީ ލަނޑެކެވެ.

އާޖެންޓީނާއިން ލީޑު ފުޅާ ކުރީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މިއީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން، މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެންޒޯ ފެނާންޑޭޒް ޖެހި ލަނޑެކެވެ.

މިއީ އުމުރުން 21 އަހަރުގެ އެންޒޯ ސީނިއާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުން އާޖެންޓީނާ މޮޅުވިއިރު އޭނާއަށް ދެ ޝަރަފެއްވެސް ލިބިފައިވެއެވެ. އެއީ އާޖެންޓީނާގެ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅެދިން ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއާ އަށް ވުމުގެ ރެކޯޑާއި، ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ޝަރަފެވެ.

މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު އާޖެންޓީނާ އިން ވަނީ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓު ހޯދާފައިވާ ޕޮލެންޑެވެ. ތިންވަނައިގައި އޮތީ ފުރަތަމަ މެޗުގައި އާޖެންޓީނާގެ މައްޗަށް ކުރި ހޯދި ސައުދީ އަރަބިއްޔާ އެވެ. ސައުދީގެ މައްޗަށް އާޖެންޓީނާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ތާވަލުގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން އެއް ޕޮއިންޓު ހޯދާފައިވާ މެކްސިކޯ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދިއުމަށް މި ބުރުގެ ތިންވަނަ މެޗުގައި އާޖެންޓީނާއިން ޕޮލެންޑާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުން މަޖުބޫރު ވާނެއެވެ.

ސަބަބަކީ ޕޮލެންޑް އަތުން އާޖެންޓީނާ ބަލިވެއްޖެ ނަމަ، ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި މެކްސިކޯ އާއި ސައުދީ ބައްދަލުކުރާ މެޗުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން އާޖެންޓީނާއަަށް ފުރުސަތު ގެއްލޭނެތީއެވެ.

comment ކޮމެންޓް