ދެވަނަ ބުރަށް ފުރަތަމަ ދަތުރުކުރި ޓީމަކަށް ފްރާންސް

ގޯލު ޖެހުމަށްފަހު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ---

ފީފާ ވޯލްޑްކަޕް 2022 ނޮކްއައުޓް ސްޓޭޖުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް، އެންމެފަހުގެ ޗެމްޕިއަން ފްރާންސް ވެއްޖެއެވެ.

ފްރާންސް އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ މިރޭ ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެެވެ. އެގޮތުން ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ އޭރިއާ ބޭރުން ނެގި ހުރަސް އެޑްރިއާން ރޭބިއޮޓް ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ނަމަވެސް އެ ހަމަލާ ދިފާއުކުރީ ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލްއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން އޮލީވިއާ ޖުރޫޑް ވަނީ ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ތަނަވަސްކުރި ނަމަވެސް، މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގައި ފްރާންސްގެ ޓީމަށް ފަހިވި ގިނަ ފުރުސަތުތަކުގެ އެންމެ ބޮޑު ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެންމާކުގެ ކީޕަރު ކެސްޕާ ސްމައިކަލްއެވެ.

މި މެޗުގައިވެސް އެމްބާޕޭގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި މެދު ލައިނުން ފެށިގެން ކުޅުންތެރިން ކަޓުވަމުން ގޮސް ނުރައްކާތެރި ޝޮޓެއް އެމްބާޕޭ ޖެހިއެވެ. ނަމަވެސް މި ޝޮޓުވެސް ގޯލަށް ވަނުމަށް ހުރަހަކަށްވީ ޑެންމާކުގެ ކީޕަރު އަދި ކެޕްޓަން ޝްމައިކަލްއެވެ.

މެޗުގެ ފުރަތަމަ ގޯލް އަދި ފްރާންސްގެ ފުރަތަމަ ގޯލް މި މެޗުގައި ޖެހީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭއެވެ. އޭނާއަށް އެސިސްޓު ކޮށްދިނީ އެޓީމުގެ ފުލް ބެކް ތިއޯ ހެނާންޑޭޒް އެވެ.

މި މެޗުގެ ދެވަނަ ގޯލް އަދި ޑެންމާކުގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސެންޓާ ބެކް އެންދްރެސް ކްރިސްޓިންސަންއެވެ. މިއީ 68 ވަނަ މިނެޓުގައި އެޓީމުގެ ކްރިސްޓިއަން އެރިކްސަން ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ޑެންމާކްއިން ކުޅުން ވަރަށް ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަ ކުރިއެވެ. މީގެ ނަތީޖާއަކަށްވީ މެޗުގެ 72 ވަނަ މިނެޓުގައި އެޓީމުން ބާރު ޝޮޓެއް ގޯލަށް އަމާޒުކުރުމެވެ. މި ޝޮޓު ހުށިޔާރު ކަމާއެކު ބްލޮކްކުރީ ފްރާންސްގެ ތަޖުރިބާކާރު ކީޕަރު ހުގޯ ލޮރިސްއެވެ.

މެޗު ނިމެން އެންމެ ފަސް މިނެޓަށް ވެފައިވަނިކޮށް ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވެސް އެޓީމުގެ ހުނަރުވެރި ފޯވާޑް އެމްބާޕޭއެވެ. މިއީ އެޓީމުގެ ގްރީޒްމަން ގޯލު އޭރިއާ ތެރެއަށް ނެގި ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ. މި ގޯލަކީ އެމްބާޕޭ މިއަހަރުގެ ވޯލްޑް ކަޕުގައި ޖެހި ތިންވަނަ ގޯލެވެ.

މި މޮޅާއެކު ފްރާންސް ވެގެންދިޔައީ މިއަހަރުގެ ވޯލްޑް ކަޕުގައި އެންމެ ފުރަތަމަ ނޮކް އައުޓް ސްޓޭޖްއަށް ކޮލިފައިވި ޓީމަށެވެ. އެންމެ ފަހުގެ ޗެމްޕިއަނުންގެ ފަރާތުން މިއަހަރުގެ ވޯލްޑް ކަޕުންވެސް ރަނގަޅު ކުޅުމެއް ދަނީ ފެންނަމުންނެވެ.

އެ ގްރޫޕްގެ އެއްވަނަ ފްރާންސްއަށް ލިބެނީ ދެ މެޗު ކުޅެ ހަ ޕޮއިންޓު ހޯދައިގެންނެވެ. އަދި ތާވަލުގެ ދެވަނަ އޮސްޓްރޭލިއާއަށް ލިބެނީ ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ތިންވަނައިގައި ޑެންމާކި އޮތީ ކުޅުނު ދެ މެޗުން އެއް ޕޮއިންޓު ހޯދައިގެންނެވެ. އެ ގްރޫޕްގެ ފުލުގައި އޮތީ ޕޮއިންޓަކާއެކު ޓުނީޝިއާއެވެ.

comment ކޮމެންޓް