ޅ. އަތޮޅަށް އާރުޓީއެލް ފެރީން ހިލޭ ދަތުރުކުރުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފި

އާރްޓީއެލް ފެރީއެއް --

ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދާ "އަހުލުވެރި ކަމުގެ ދަތުރު"ގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އަހުލުވެރިކުރުވުމުގެ ދަތުރުތައް އެ އަތޮޅުގައި ފަށައިގެން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 21 ވަދަ ދުވަހުން ފެށިގެންނެވެ. އަދި މިމަހުގެ 27 ވަނަ ދުވަހަށް ހިލޭ ދަތުރުތައް ނިންމާލައި 28 ވަނަ ދުވަހުން ފެށިގެން އަގު ނަގަން ފަށާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިއަށް ދާ "އަހުލުވެރި ކަމުގެ ދަތުރު" ގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެކަމަކު މުއްދަތު އިތުރުކުރީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

ނައިފަރު ކައުންސިލް މެމްބަރު އަހްމަދު ސާޖިދު "ސަން"އަށް ވިދާޅުވީ ވަކި ދުވަހެއް އަންގަންދެން "އަހުލުވެރި ކަމުގެ ދަތުރު"ތައް ކުރިއަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މި ޚިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނެފައިވާ ގޮތުގައި އާރުޓީއެލް ފެރީން އަތޮޅުތަކަށް ކުރާ ދަތުރުތަކަށް ނަގާނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެކެވެ. އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތަކުގެ އަގު 100 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގައި އުޅޭއިރު ޅ. އަތޮޅަށް ކުރާ ދަތުރުތަކަށް ނަގާނީ 35 ރުފިޔާއާއި، 125 ރުފިޔާއާ ދެމެދުގެ އަގެކެވެ.

އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019އިން، 2023ގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޕަބްލިކް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

comment ކޮމެންޓް