ޓީ20 ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފި

ޓީ20 ޕްރެޒިޑެންޓް ކަޕް ކުރިކެޓް މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޓީ20 ޕްރެޒިޑެންޓް ކަޕުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކްލަބް ބަލިކޮށް ސީބީއެލް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ހޯދާފައިވަނީ މާލޭ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު 17 ލަނޑުން މޮޅުވެގެންނެވެ. ގުރުދިމާވުމުން މާލޭ ސްޕޯޓްސް ގަސްދުކުރީ ހޮވުމަށެވެ. ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 162 ލަނޑެވެ. މި އިނިންގްގައި އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 55 ލަނޑުހެދި އަކްސަތު ރެޑޭ އާއި، 21 ބޯޅައިން 25 ލަނޑުހެދި ޓީމްގެ ކެޕްޓަން ހަސަން ހާޒިގްއެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ 20 އޯވަރުހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 145 ލަނޑެވެ. މާލޭ ސްޕޯޓްސްއަށް އެންމެ ގިނަ ލަނޑު ހަދާފައިވަނީ 42 ބޯޅައިން 66 ލަނޑު ހެދި މުހައްމަދު ރިސްވާނާއި، 42 ބޯޅައިން 66 ލަނޑު ހެދި އިސްހާގް އީސާއެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބްގެ މުހައްމަދު ރިސްވާންއެވެ.

މެޗު ނިމުމުން ޓީ20 ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންޓީމަށް މެޑަލްއާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ.

ޓީ20 ޕްރެޒިޑެންޓް ކަޕް ކުރިކެޓް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ މެޗު ނިމުމުން ވަނީ ނިމިގެންދިޔަ މައިލޯ ޓީ20 ޕްރީމިއާ ލީގްގެ ވަނަތަކަށް އިނާމް ދީފައެވެ. ލީގްގެ އެންމެ ގިނަ ވިކެޓްނަގާފައިވަނީ ދެ އުކުންތެރިއެކެވެ. އިބްރާހީމް ރިޒާން (ސީބީއެލް) އާއި ލީމް ޝަފީގް (މިލާން ކްރިކެޓް) ކޮންމެ އުކުންތެރިއެއް ވަނީ 14 ވިކެޓް ނަގާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ރުވާން ތާރަކަ އެވެ. އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ދިލްސާން ފެނާންޑޯއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކޮމެޓްސްގެ އަލީ ރާފިލެވެ. މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މާލޭ ވެޓްރަނަސްގެ ރުވާން ތާރަކައެވެ.

ކުޅުންތެރިންނާ އިނާމުތައް ހަވާލުކޮށްދެއްވީ މައިލޯ މޯލްޑިވްސްގެ ސީނިއާ ބިޒްނަސް ޑެވެލޮޕްމަންޓް މެނޭޖަރު ޗަމިންދަ ވިތާނާއެވެ.

ޓީ20 ޕްރެޒިޑެންޓް ކަޕް ކުރިކެޓް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އޮފިޝަލުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލްއެވެ.

ޓީ20 ޕްރެޒިޑެންޓް ކަޕް ކުރިކެޓް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ރައީސް އޮފީސް

ފައިނަލްމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ދެވަނަ ޓީމަށް މެޑަލާ އިނާމް ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ޓީ20 ޕްރެޒިޑެންޓް ކަޕް ކުރިކެޓް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

ޓީ20 ޕްރެޒިޑެންޓް ކަޕް ކުރިއަށްގެންގޮސްފައިވަނީ ލީގްގެ އެންމެ މޮޅު ހަތަރު ޓީމްގެ މެދުގައެވެ. އެ ހަތަރު ޓީމަކީ، މިލާން ކްރިކެޓް އެކަޑަމީ، މާލޭ ވެޓްރަންސް، މާލޭ ސްޕޯޓްސް އަދި ސީބީއެލްއެވެ. މުބާރާތުގެ މެޗުތަކުގެ ކުޅުން އޮތީ މާލޭ ކުޅިވަރު އެކުވެނީ ކުރިކެޓް ދަނޑުގައެވެ.

comment ކޮމެންޓް