ނަހުލާ އިސްވެހުރެ ގަވާއިދާ ޚިލާފަށް 57 އުޅަނދު ރެޖިސްޓްރީ ކުރިކަމުގެ ތުހުމަތު، މައްސަލަ އޭސީސީއަށް

މިނިސްޓަރު ނަހުލާ: އޭނާގެ މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައި --- ސަން ފޮޓޯ/ ނާއިލް ހުސައިން

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްވެހުރެ ގަވާއިދާ ޚިލާފަށް 57 އުޅަނދު ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި މީގެ ކުރިން ހުރި ބޭފުޅެކެވެ.

އޭސީސީއަށް އޭނާ ފޮނުވި ސިޓީގައި ބުނެފައިވަނީ, އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ނަހުލާ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މާލީ ތަނަވަސްކަން ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަވާއިދުގެ އެއްވަނަ އިސްލާހުގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރިކަމުގެ ހުއްދަ (L10) ހުށަހަޅާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ, މިނިސްޓްރީގައި އެންޓްރީ ނުކޮށް ޖަވާބު ދިނުމަކާ ނުލައި ސިއްރިއްޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ޚިދުމަތް ދީފައިވަނީ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

"މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ޚިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވޭ," އެ ސިޓީގައި ވަނީ ބުނެފައެވެ.

އެހުރިހާ އުޅަނދެއް ވެސް ރާއްޖެ އެތެރެކޮށްފައިވަނީ އެއް ބަޔަކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މިސިޓީއާ އެކު އުޅުނަދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްތައް އެއްކަރުދާސް ކުރީމެވެ. އަދި 57 އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ގަވާއިދާ ޚިލާފުވެފައިވާގޮތް ތަފްސީލް ކޮށްދޭ ރިޕޯޓެއް ހުށަހެޅީމެވެ," އިތުރު ތަފްސީލް އާންމު ނުކޮށް, އޭސީސީއަށް އޭނާ ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ނަހުލާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބްވާ ގޮތް ނުވެފައެވެ.

ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މަގާމުގެ މައްސޫލިއްޔަތްތަކުން އެކަހެރިކޮށް ދާދިފަހުން ވަނީ ސަސްޕެންޑުކޮށްފައެވެ.

ދާދި ފަހަކުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ބުނެ، 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް