އެޕް ސްޓޯރުން ޓްވިޓާ ބޭރުކޮށްފި ނަމަ އާ ފޯނެއް އުފައްދާނަން: މަސްކް

ޓްވިޓާގެ ވެރިޔާ އީލޯން މަސްކް -- ފޮޓޯ/ ރޮއިޓާސް

އެޕަލް އާއި ގޫގުލްގެ އެޕް ސްޓޯތަކުން ޓްވިޓާ ނަގައިފި ނަމަ، އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ ބަދަލުގައި ބޭނުން ކުރެވޭނެ ފޯނެއް އުފައްދަން ޖެހިދާނެ ކަމަށް, ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި ޓްވިޓާގެ ވެރިޔާ އީލޯން މަސްކް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އެއްކާރުކަމުގައިވާ ޓެސްލާ ކާރު އުފައްދާ ކުންފުނީގެ ވެރިޔާ މަސްކް އެ ވާހަކަދެއްކީ، އެޕް ސްޓޯރުން ޓްވިޓާ ބޭރުކޮށްލައިފި ނަމަ މަސްކް އާ ފޯނެއް އުފައްދަން ޖެހޭ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެމީހާގެ ޓްވީޓްގައި ބުނެފައި ވަނީ މަސްކް ފޯނެއް އުފައްދައިފި ނަމަ، އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން އައިފޯނާއި އެންޑްރޮއިޑް ފޯނުތައް ދޫކޮށްލާނެ ކަމަށެވެ. އަދި މާސްއަށް ފޮނުވާ ރޮކެޓް އުފައްދާ މީހަކަށް ސްމާޓްފޯން އުފެއްދުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ޓްވީޓަށް ޖަވާބު ދެމުން މަސްކް ބުނީ އެހާ ހިސާބަށް ކަންތައްތައް ނުދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް އިތުރު ގޮތެއް ނެތް ނަމަ ފޯނެއް އުފައްދާނެ ކަމަށް މަސްކްގެ ޓްވީޓުގައިވެއެވެ.

މަސްކްގެ އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ޚިޔާލު ފާޅުކުރިއެވެ. އެގޮތުން އެކަކު ކުރި ޓްވީޓެއްގައި ވަނީ މަސްކް ފޯނު އުފައްދާ ނަމަ، އޭނާ ސްމާޓްފޯނަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ބުނެފައެވެ.

ޓްވިޓާއާ ހަވާލުވުމަށް ފަހު މަސްކް ދަނީ އެ ޕްލެޓްފޯމަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ޓްވިޓާގެ ވެރިފައިޑް ޗެކްމާކް ހިލޭ ދިނުމުގެ ބަދަލުގައި އަށް ޑޮލަރަށް ޗެކްމާކް ގަނެވޭ ޚިދުމަތެއް އޭނާ ފެއްޓިއެވެ. ނަމަވެސް އެ ޗެކްމާކް ގަނެ، މަޝްހޫރު ކުންފުނިތަކާއި މީހުންގެ ނަމުގައި ސައްހަ ނޫން ގިނަ އަދަދެއްގެ އެކައުންޓުތައް ހެދުމުން ޓްވިޓާއިން އެ ޚިދުމަތް ހުއްޓާލިއެވެ.

މަސްކް ވަނީ އެ ޚިދުމަތަށް ބަދަލުތަކެއް ގެނެސް، އަންނަ ހުކުރު ދުވަހު އަލުން ތައާރަފު ކުރާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޓްވިޓާގެ އުސޫލުތަކާ ޚިލާފުވާ މީހުން "ވާޗުއަލް ޖަލުތަކަށް" ލާނެ ކަމުގެ އިންޒާރު މަސްކް ވަނީ ދީފައެވެ. މަސްކް މަޖާޒީ ގޮތެއްގައި އެ ބުނީ ޓްވިޓާގެ އުސޫލުތަކާ ޚިލާފުވާ އެކައުންޓުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ވާހަކަ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް