ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ މަގާމަށް ޖެނެރަލް ސައީދު އާސިމް މުނީރު

ޕާކިސްތާން ސިފައިންގެ އައު ވެރިޔާ ޖެނެރަލް ސައީދު އާސިމް

އިސްލާމް އާބާދު (26 ނޮވެމްބަރު 2022) : ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ މަގާމުކަމަށް ބެލެވޭ ސިފައިންގެ އިސް ކޮމާންޑަރު ކަމުގެ މަގާމަށް ޖެނެރަލް ސަޢީދު އާސިމް މުނީރު އައްޔަންކޮށްފިއެވެ.

މީގެއިތުރުން ޕާކިސްތާން ސިފައިންގެ ދެވަނައަށް އެންމެ އިސް މަގާމުކަމަށްވާ ޖޮއިންޓް ޗީފް އޮފް ސްޓާފްސް ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމަށް ލެފްޓިނެންޓް ޖެނެރަލް ޝަމްޝާދު ސާހިރު ވެސްވަނީ އައްޔަން ކޮށްފައެވެ. ހަ ލައްކަ ސިފައިން ހިމެނޭ ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރަކީ ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަންވެސް ލިބިފައިވާ ވަރަށް ބާރުގަދަ އަދި ހުނަރުވެރި ޕްރޮފެޝަނަލް ލަޝްކަރެކެވެ.

ދުނިޔޭގެ ބާރުގެ ތިލަފަތަށް ބަލާއިރު ޕާކިސްތާނުގެ ލަޝްކަރަކީ ނުވަ ވަނައަށް ދުނިޔޭގެ އެންމެ ބާރުގަދަ ލަޝްކަރެވެ. ޕާކިސްތާނުގެ ދުޝްމަން އިންޑިއާ ގެ ލަޝްކަރަކީ ދުނިޔޭގައި އެމެރިކާ، ރަޝިއާ، ޗައިނާ މިތިންގައުމުގެ ލަޝްކަރުތައް ފިޔަވައި ދެން ދުނިޔޭގެ އެންމެ ބާރުގަދަ ލަޝްކަރެވެ. ނުވަތަ ހަތަރުވަނައަށް އެންމެ ބާރުގަދަ ލަޝްކަރުގެ ގޮތުގައެވެ.

ޖެނެރަލް ސަޢީދު އާސިމް މުނީރަކީ ޕާކިސްތާނުގައި ދެވަނައަށް އެންމެ ނުފޫޒުގަދަ މުއައްސަސާކަމަށްވާ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާއެވެ. ސިފައިންގެ އިސް ކޮމާންޑަރު ކަމުގެ މަގާމަށް ޖެނެރަލް ސަޢީދު އާސިމް މުނީރު އައްޔަންކުރީ އެމަގާމުގައި ހުންނެވި ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ އެމަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.

މަގާމުން ރިޓަޔާ ކުރެއްވި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ

ޖެނެރަލް ބަޖުވާ އެމަގާމު އަދާކުރައްވަމުން ގެންދެވީ 2016 ވަނަ އަހަރުން ފެށިގެންނެވެ. ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފު ވިދާޅުވިގޮތުގައި ސިފައިންގެ އެންމެ އިސް ކޮމާންޑަރުކަމުގެ މަގާމަށް ޖެނެރަލް މުނީރު އައްޔަން ކުރުމަކީ ސިފައިންގެ ތެރޭގައި އުފެދިފައި އޮތް ނުތަނަވަސް ކަމަށް ހައްލެއް އަންނާނެ ކަމެކެވެ.

ސިފައިންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވަނީ ޖެނެރަލް ބަޖްވާ އެމަގާމުގައި ހުންނަވާތާ މާގިނަ ދުވަސްވުމުގެ ސަބަބުންކަމަށާ 2020 ވަނަ އަހަރު ބަޖްވާ އެމަގާމުން އިސްތިއުފަ ދެއްވަންޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގެ ސިފައިންގެ އިސް ކޮމާންޑަރުކަމުގެ މަގާމަށް އައު ބޭފުޅަކު އައްޔަން ކޮށްފައިމިވަނީ އެގައުމުގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނު ވެރިކަމުން ދުރުކޮށްފައިވަނީ ސިފައިންގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް ބެލެވޭތީ އިމްރާންޚާނަށް ޕާކިސްތާނުގެ އާންމުންގެ ސަޕޯޓް އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ. މި ސަޕޯޓްގެ އެހީގައި އިމްރާންޚާން ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އެތަށް ލައްކަ ބަޔަކާއެކު ޕާކިސްތާން ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާ އެއް ފަށާފައެވެ.

ޕާކިސްތާނުގެ ސިފައިންނަކީ ޕްރޮފެޝަނަލް މުއައްސަސާއެއްގެ އިތުރުން އެއީ ޕާކިސްތާނުގެ ވެރިކަމުގެ ދާއިރާއަށްވެސް ވަރަށް ބޮޑަށް ވަންނަ މުއައްސަސާއެކެވެ. ސިފައިން ހިތްހަމަނުޖެހޭ ބޮޑުވަޒީރަކަށް ވެރިކަމުގައި ނުހުންނެވޭނެއެވެ. އެފަދަ ބޮޑުވަޒީރަކު މަގާމުގައި ހުންނަވާނަމަ ބޮޑުވަޒީރު ކަމުން ދުރުކޮށް އޭނާގެ ސަރުކާރު ވައްޓާލެވެން އޮތް ގޮތަކަށް ވައްޓާލުމަކީ ސިފައިން އާންމުކޮށް ކުރަމުން ގެންދާކަމެކެވެ.

ބައެއްފަހަރު ބޮޑުވަޒީރު މަގާމުން ދުރުކުރަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޕާލަމެންޓްގެ ތެރެއިން އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. އެކަން ކުރެވެންނެތް ހާލަތްތަކުގައި ޣައިރު ގާނޫނީގޮތެއްގައި ބަޣާވާތްކޮށް ބޮޑުވަޒީރު މަގާމުން ދުރުކޮށް ބޮޑުވަޒީރުގެ ގާނޫނީ ސަރުކާރު ވައްޓާލައިގެންނެވެ.

1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަން ލިބުނުފަހުން ތިންފަހަރެއްގެ މަތިން ޕާކިސްތާނުގެ ސިފައިންވަނީ ޣައިރުގާނޫނީ ގޮތެއްގައި ބަޣާވާތްކޮށްގެން އެގައުމުގެ ސަރުކާރުތައް ވައްޓާލުމަށްފަހު ވެރިކަމަށް އައިސްފައެވެ. މިގޮތުން 3 ފަހަރެއްގެ މަތިން 30 ވަރަކަށް އަހަރު ވަންދެން ޕާކިސްތާނުގެ ސިފައިން އެގައުމުގައިވަނީ ވެރިކަން ކޮށްފައެވެ.

comment ކޮމެންޓް