ދަބަހުގައި ގޮވާ އެއްޗެއް އޮތް ކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި ފުލުހުން ހަރަކާތްތެރި ވަނީ - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދަބަހުގައި ގޮވާ އެއްޗެއް އޮތް ކަމަށް ބުނި ދިވެހި މީހަކު މިރޭ ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައިވާ ގޮތުން، ހުޅުމާލޭ ބީޗް ކްލަބުގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް އެ މީހާ ބުނާ ކަމަށް ބުނެ، އާންމު ފަރާތަކުން ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައިވެއެވެ.

ދާދި ފަހުން ފުލުހުން ވަނީ ޓެރަރިޒަމާ ދެކޮޅަށް މާލެ، އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި ވެސް އޮފަރޭޝަނެއް ހިންގާފައެވެ. މި އޮފަރޭޝަނުގެ ތެރެއިން، ނުރައްކާތެރި ގޮއްވުންތަކަށް ބޭނުންކުރާ ތަކެތި އަތުލައިގަނެފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި 14 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އެ އެންމެން ވެސް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް