އެކްޓަރު އަނޫޕަމް ޚޭރްއަށް މިއަހަރަކީ ކާމިޔާބު އަހަރެއް

ހިންދީ ސިނަމާގައި ދިގު މުއްދަތެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް ފިލްމީ މަސައްކަތްތަކުގައި ދެމިހުރި އެކްޓަރު އަނޫޕަމް ޚޭރްއަށް މިއަހަރަކީ، ފާހަގަކޮށްލެވޭ ކާމިޔާބީ އަހަރެކެވެ. މިއަހަރު އެކަނިވެސް އަނޫޕަމްގެ ތިން ފިލްމެއް ރިލީޒްވެފައިވާއިރު މި ތިން ފިލްމަކީވެސް ވިޔަފަރީގެގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެއިތުރުން ބެލުންތެރިންގެ ތަރުޙީބުވެސް މިފިލްމުތަކަށްވަނީ ލިބިފައެވެ.

މިއަހަރު މާޗްމަހު ރިލީޒްވި "ދަ ކަޝްމީރީ ފައިލްސް" ރިލީޒްވުމާއެކެ ބެލުންތެރިންގެ ޚިޔާލުތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލިއިރު ގިނަބަޔަކުވަނީ އަނޫޕަމް ޚޭރް ފިލްމުގައި އަދާކުރި ރޯލް، ޕުޝްކަރް ނާތް ޕަންޑިތްގެ ރޯލަށް ވަރަށްބޮޑަށް ތަޢުރީފުކޮށްފައެވެ.

ވިވެކް އަގްނިހޯތްރީ ޑައިރެކްޓްކުރި މިފިލްމަކީ، މިއަހަރު މިހާތަނަށް ރިލީޒްވި ފިލްމުތަކުގެތެރެއިން ވިޔަފާރިގެގޮތުން ދެވަނައަށް އެންމެ ބޮޑު ފައިދާ ލިބުނު އެއްފިލްމުވެސްމެއެވެ. އެއަށްފަހު އަނޫޕަމް ދެން ފެނިގެންދިޔައީ މިއޯގަސްޓު މަހު ރިލީޒްވި ތެލުގޫ ފިލްމި "ކާތިކޭޔާ 2"އިންނެވެ. ސެޓްލައިޓް މެދުވެރިކޮށް ފިލްމު ދެއްކުމުގެ ހުއްދަ ޒީ ސްޓޫޑިއޯއަށް ވިއްކާލާފައިވާއިރު ފިލްމުގައި އަނޫޕަމް ޚޭރް ކުޅެފައިވާ ރޯލަށް ކްރިޓިކްސްގެ އިތުރުން ބެލުންތެރިންގެ ވަރަށް ރަނގަޅު ފާޑުކިޔުންތަކެއްވަނީ ލިބިފައެވެ. މި ދެ ފިލްމަށްފަހު މިނޮވެމްބަރު މަހުގެ 11ވަނަ ދުވަހު ރިލީޒްވި ފިލްމު "އޫނޗާއީ"ގައިވެސް އަނޫޕަމް ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ ތަޢުރީފްވަނީ ލިބިގެންގޮސްފައެވެ. އެންމެ 20 ކްރޯޑް ރުޕީސްއިން އުފެއްދި ޕްރޮޑިއުސަރު ސޫރަޖް ބަރަޖްތްޔާގެ މިފިލްމަށް މިހާތަނަށް 33.59 ކްރޯޑް ރުޕީސްވަނީ ލިބިފައެވެ.

އެކްޓަރު އަނޫޕަމް ކުޅެފައިވާ މި ތިން ފިލްމަކީވެސް ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި އެހެންނަމަވެސް ވިޔަފާރީގެގޮތުން ބޮޑު ފައިދާއެއް ލިބުނު ތިން ފިލްމެވެ. މިކާމިޔާބީއާ ގުޅޭގޮތުން 67އަހަރުގެ އެކްޓަރު ބުނެފައިވަނީ، މިއަހަރަކީ އެކްޓަރަށް ވަރަށް ނަސީބުގަދަ އަހަރެކޭ ބުނެވިދާނެކަމަށެވެ. ސަބަބަކީ، ފަހަކަށްއައިސް ގިނަ ބަޔަކު ފިލްމުގެ އުފެއްދުންތެރިކަން ބަލައިގަންނަނީ އެފިލްމަކު ވިޔަފާރީގެގޮތުން ހިނގާ މިންވަރުގެ މައްޗަށް ބެލުމަށްފަހުކަމަށް އެކްޓަރުވަނީ ބުނެފައެވެ. އަދި ގިނަބަޔަކު އެކްޓަރުން ކެޓެގަރީތަކަށް އަމިއްލައަކަށް ބަހާލާކަމަށާއި، މިފަދަ ފިލްމުތަކުގެ ސަބަބުން އެސަޤާފަތް ނިމުމަކަށް އަންނާނެކަމަށް ޤަބޫލުކުރާކަމަށްވެސް އަނޫޕަމްވަނީ ބުނެފައެވެ.

އަނޫޕަމް ބުނެފައިވަނީ ހިތްވަރާއެކު ސާބިތުކަންމަތީހުރު ބުރަކޮށް މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއްވެސް ޙަޞިލްވާނެކަމަށެވެ. މިއަހަރު ރިލީޒްވި ފިލްމުތަކަށް ބޮޑު ކާމިޔާބެއް ލިބުނުނަމަވެސް އަންނަ އަހަރު ރިލީޒްވާންހުރި ފިލްމުތަކުން މިނަތީޖާ ނުނިކުމެދާނެކަމަށް ޤަބޫލުކުރާކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ. އެހެންކަމުން ލިބޭ ކާމިޔާބީއާއެކު ހިތްތިރިކުރުމުގެ އާދަވެސް އެކްޓަރުންގެ ކިބައިގައި ހުންނަންވާނެކަމަށް އަނޫޕަމްވަނީ ބުނެފައެވެ.

1980އާއި 90އިގެ އަހަރުތަކުގައި ނިކުތް ގިނަ ފިލްމުތަކުން ފެނިފައިވާ މިހުނަރުވެރި އެކްޓަރަކީ، އެކްޓުކުރުމުގެ އިތުރުން އެކްޓުކުރަން ޝައުޤުހުންނަ ފަރާތްތަކަށް އެހުނަރު ދަސްކޮށްދިނުމުގެގޮތުން އަމިއްލަ އިންސްޓިޓިއުޓެއްވެސް ހިންގާ ފަންނާނެކެވެ.

comment ކޮމެންޓް