ޔުނިސެފުގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ކެމްޕެއިނާ އަޔުޝްމާން ކުރާނާ ގުޅިއްޖެ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށްޓަކައި ޔުނިސެފުން ކުރިއަށްގެންދާ ކެމްޕޭންގެ އެމްބެސެޑަރުކަމަށް އެކްޓަރު އަޔުޝްމާން ކުރާނާ ހޮވިއްޖެއެވެ.

އަޔުޝްމާންގެ އިތުރުން މިކެމްޕޭންގައި ބައިނަލް އަޤްވާމީ ފުޓްބޯޅަ ކުޅުންތެރިންވެސް ބައިވެރިވާނެއެވެ. އޭގެތެރޭގައި ފުޓްބޯޅަ އައިކަންސް ކަމަށްވާ ޑޭވިޑް ބެކަމް، ރޮބާޓް ލެވަންޑޮންސްކީ، ސާޖިއޯ ރަމޮސް، އެންޑްރީ ޝެވް ޗެންގްކޯ އަދި ކާފޫ ހިމެނެއެވެ. ފުޓްބޯޅަ ދުނިޔޭގައި ފާހަގަކޮށްލެވޭ މިޝަޚުޞިއްޔަތުންނާއެކު އަޔުޝްމާން ޚާއްޞަގޮތެއްގައި މަސައްކަތްކުރާނީ އަންހެންކުދިންގެ ޙައްޤުތައް އެކުދިންނަށް ހޯދައިދީ އެކުދީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މިކެމްޕޭނާ ބެހޭގޮތުން ވާހަކަދައްކަމުން އެކްޓަރު އަޔުޝްމާނު ބުނެފައިވަނީ، ކުޑަކުދިންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކަށް ދުނިޔޭގެ ސަމާލުކަން ވަރަށްބޮޑަށް އައިސްފައިވާކަމަށެވެ. އެހެންކަމުން މިއީ ހުރިހާ އެންމެންވެސް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އެކަމަކާމެދު ވަކާލާތުކުރަން ޖެހިފައިވާ މައްސަލައެއްކަމަށް އަޔުޝްމާންވަނީ ބުނެފައެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން މިމަސައްލައަށް ޙައްލެއް ހޯދުމަށް އެކްޓަރު މަސައްކަތް ފަށާފައިވާކަމަށްވެސް އަޔުޝްމާނުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރާއި ޤަދަރު ލިބިފައިވާ މީހުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ މިކަމަށް ޙައްލެއް ހޯދަން އެޅޭ ރަނގަޅު ފާލެއްކަމަށްވެސް އަޔުޝްމާންވަނީ ބުނެފައެވެ.

މުޖްތަމަޢުގައި އަންހެން ކުދިންނާ ފިރިހެންކުދިންގެ މެދުގައި ފަރަޤުކުރުން ހުއްޓުމަކަށް ގެންނަންޖެހޭކަމަށާއި، ފިރިހެން ކުދިންނެކޭ އެއްގޮތަށް ދިރިއުޅުމުގައި އަންހެންކުދިންނަކީވެސް މުޖްތަމަޢުގައި އަގުހުރި ބައެއްކަން ޤަބޫލުކުރަންޖެހޭކަމަށް އެކްޓަރުވަނީ ބުނެފައެވެ. އަދި ހަމަހަމަ ފުރުޞަތުތަކެއް އަންހެންކުދިންނަށްވެސް ދެވެންޖެހޭނެކަމަށް ޤަބޫލުކުރާކަމަށް ޤައުމީ އެވޯޑްވެސް ޙާޞިލްކޮށްފައިވާ އެކްޓަރުވަނީ ބުނެފައެވެ. މިގޮތަށް ވިސްނުން ބަދަލުކޮށްފިނަމަ މުޖްތަމަޢުގައި ކުރިއަށް އޮތްތާނގައި ވަރަށް ރަނގަޅު ފަރުދުންތަކެއް އުފެދޭނެކަމަށާއި މުޖްތަމަޢަށް ތަރައްޤީގެގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެކްޓަރުވަނީ ބުނެފައެވެ.

އަޔުޝްމާން އެންމެ ފަހުން ފެނުނީ މިއަހަރުގެ އޮކްޓޯބަރު މަހު ރިލީޒްވި ފިލްމު "ޑޮކްޓަރ ޖީ"އިންނެވެ. އަޔުޝްމާނުގެ ކުރިޔަށް ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު "އޭން އެކްޝަން ހީރޯ" އަދި "ޑްރީމް ގާލް 2"ގެ ނަމުގައި އުފައްދާ ދެ ފިލްމެއްގެ މަސައްކަތް އެކްޓަރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް