ހަނދުގައި ނިއުކްލިއާ ހަކަތައިގެ މަރުކަޒުތައް ގާއިމު ކުރަން ޗައިނާއާއި އެމެރިކާއިން ވާދަކުރަނީ

ޗައިނާއިން ހަނދުގައި އަޅަން ނިންމާފައިވާ ރިސާޗް ސްޓޭޝަން ހުންނާނެ ގޮތް ކަމަށް ބެލެވޭ ގޮތް އާޓިސްޓަކު ކުރަހާފައި -- ފޮޓޯ/ ސީއެންއެސްއޭ

ނިއުކްލިއާ ހަކަތައިގެ މަރުކަޒުތައް ހަނދުގައި ގާއިމު ކުރަން ޗައިނާއާއި އެމެރިކާއިން ވާދަކުރަމުން ދާކަމަށް ޗައިނާ ސަރުކާރުގެ ފަރާތުން ނެރޭ ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނެފިއެވެ.

ޗައިނާ އާއި އެމެރިކާއަކީ މިހާރު ވެސް ގިނަ ދާއިރާތަކުން ވަރަށް ވާދަވެރިކަމެއް ދެ ގައުމަށްވާ އިރު އޭގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ.

ދުނިޔޭގެ ބޮޑު ދެ ބާރުގެ މެދުގައި މިހާރު ވާދަވެރިކަން އިތުރުވެފައިވާ އެއް ދާއިރާއަކީ ހަނދުގައި ކުރާނެ މަސައްކަތްތަކެވެ. އެގޮތުން 2028ގެ ނިޔަލަށް، ހަނދުގައި ނިޔުކްލިއާ ހަކަތައިގެ މަރުކަޒެއް އަޅަން ޗައިނާއިން ރާވާފައިވާއިރު، އެމެރިކާގެ އަމާޒަކީ 2025 ވަނަ އަހަރަށް އިންސާނުން ހަނދަށް ފޮނުވުމެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކުރާ ގޮތުގައި ޗައިނާއިން ހަނދުގައި ގާއިމްކުރަން ރާވާފައިވާ މަރުކަޒަކީ ނިއުކްލިއާ ހަކަތަ ބޭނުން ކުރާ މަރުކަޒަކަށްވުމުގެ ފުރުސަތު ބޮޑެވެ. އެ މަރުކަޒުގައި، ހަނދުގައި އުޅަނދުތައް ޖައްސަން އެހީތެރިވުމަށާއި ދިރާސާތައް ހެދުމަށް ބޭނުންވާ ލޭންޑާ އާއި ހޮޕާއާއި އޯބިޓާގެ އިތުރުން ލޫނާ ރޯވިން ވެހިކަލްއެއްވެސް ބަހައްޓާނެއެވެ. އެ ތަކެތި ހަނދަށް ގެންދާނީ ޗައިނާއިން ހަނދަށް އުޅަނދު ފޮނުވާ އެކި މިޝަންތަކުގައެވެ.

"ހަނދުގެ ސްޓޭޝަނަށް ދިގު މުއްދަތަކަށް، ގިނަ އަދަދަކަށް ބޭނުންވާ ހަކަތަ ފޯރުކޯށްދިނުމަށް އަޅުގަނޑުމެން މިހާރު މި އުފައްދަނީ އާ ނިޒާމެއް، އެއީ ނިއުކްލިއާ ހަކަތަ ބޭނުން ކުރާ ނިޒާމެއް. އަޅުގަނޑުމެން އުންމީދު ކުރަނީ އަޅުގަނޑުމެންގެ އެސްޓްރޮނޯޓުންނަށް 10 އަހަރު ފަހުން ހަނދަށް ދެވޭނެ ކަމަށް،" ޗައިނާގެ ހަނދު އެކްސްޕްލޯރޭޝަން ޕްރޮގްރާމްގެ ޗީފް ޑިޒައިނަރު ވޫ ވެއިރަން ޗައިނާ ސަރުކާރުގެ ބްރޯޑްކާސްޓާ ސީސީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ޖައްވީ ދިރާސާގެ ދާއިރާއިން ޗައިނާއިން ދަނީ އެމެރިކާއަށް ވުރެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގައުމުން އަމިއްލަ ޖައްވީ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ހަނދަށް އުޅަނދުތަކެއް ފޮނުވާފައިވެއެވެ. އޭގެ ތެރެއިން އެއް އުޅަނދު ވަނީ 2019 ވަނަ އަހަރު ހަނދުގެ ދުރު ފަރާތުގައި ޖައްސާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗައިނާއިން ހަނދުގައި މަރުކަޒު ބިނާކުރާނީ ހަނދުގެ ދެކުނު ތަނޑީގައި ކަމަށް ބެލެވެއެވެ. މިމަރުކަޒު ގާއިމު ކުރުމަށްފަހު ބައިނަލްއަގްވާމީ ސައިންޓިފިކް ރިސާޗް ސްޓޭޝަނަކަށް އެތަން ބަދަލުކުރާނެއެވެ. އަދި އެތަނުގައި ޗައިނާއާއި ރަޝިއާއާއި އެހެން ގައުމުތަކުގެ އެސްޓްރޮނޯޓުންނަށް ވެސް މަސައްކަތް ކުރެވޭނެއެވެ. އެކަމަކު އާންމު ގޮތެއްގައި އެތަނުގައި މީހުން ގާއިމުވެ ނުތިބޭނެއެވެ.

ހަނދުގައި ނިއުކްލިއާ ހަކަތައިގެ މަކަޒެއް ގާއިމްކުރާ ވާހަކަ ޗައިނާއިން އިއުލާންކޮށްފައިވަނީ، ވައިޓް ހައުސްގެ ގައުމީ ސައިންސް އެންޑް ޓެކްނޮލޮޖީ ކައުންސިލުން އާ ނޭޝަނަލް ސިސްލޫނާ ސައިންސް އެންޑް ޓެކްނޮލޮޖީ ސްޓްރެޓެޖީއެއް އާންމުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެ ސްޓްރެޓެޖީގައި އެމެރިކާއިން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހަނދުގެ ދެކުނު ތަނޑީގައި އެގައުމުގެ މަރުކަޒެއް ހެދުން ހިމެނެއެވެ.

މިދިޔަ ޖޫން މަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީ އާއި ނާސާއިން ވަނީ ހަނދުގައި ނިއުކްލިއާ ހަކަތަ ބޭނުން ކުރެވޭނެ ނިޒާމެއް ޑިޒައިން ކުރުމަށް، ހަތިޔާރު އުފައްދާ ކުންފުނި ލޮކްހީޑް މާޓިން ހިމެނޭ ގޮތަށް ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ.

ދެހާސް ވިހި ވަނަ އަހަރު، އެމެރިކާ އިސްވެ އޮވެ، ބައެއް ގައުމުތަކުން ވަނީ ޖައްވީ ދިރާސާތަކާ ގުޅުން ހުރި ދިރާސާތައް ހެދުމުގައި ސުލްހަވެރިކަމާއެކު ކުރިއަށް ދިޔުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި 20އަށް ވުރެ ގިނަ ގައުމަކުން ސޮއިކޮށްފައިވީ ނަމަވެސް ޗައިނާ އާއި ރަޝިއާއިން އަދި ސޮއިކޮށްފައިނުވެއެވެ.

comment ކޮމެންޓް