ބްރެޒިލްއިން ސާބިއާ ބަލިކޮށްފި، ތަރިއަކަށްވީ ރިޗާލިސަން

މެޗުގައި ބްރެޒިލް އިން ކާމިޔާބު ކުރި ދެވަނަ ލަނޑުގައި ރިޗާލިސަން ބައިސިކަލް ކިކަކުން ބޯޅަ ފޮނުވާލަނީ --- ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑްކަޕްގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ބްރެޒިލް އިން ސާބިއާގެ މައްޗަށް ކުރިހޯދައިފިއެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބްރެޒިލް މޮޅުވެފައިވާއިރު މިއީ ވޯލްޑް ކަޕުގައި އެޓީމުން މިހާތަނަށް ކުޅުނު 110 މެޗުގެ ތެރެއިން މޮޅުވި 70 ވަނަ މެޗެވެ. މިއީ މިހާތަނަށް އެއްވެސް ޓީމަކަށް މޮޅުވެވިފައިވާ އަދަދެއް ނޫނެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ބްރެޒިލްއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ބްރެޒިލްގެ ރަފީނިއާ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ދިފާއުކުރީ ސާބިއާގެ ކީޕަރު މެލިންކޮވިޗް ސެވިޗްއެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައިވެސް ބްރެޒިލްއަށް ވަނީ ގޯލެއް ޖަހައި ލީޑު ނެގުމުގެ ފުރުސަތު ލިބިފައެވެ. ސާބިއާގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ރަފީނިއާ ފޮނުވާލި ހަމަލާ ދިފާއު ކުރީ ސާބިއާގެ ކީޕަރު ސެވިޗްއެވެ.

ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން---

މެޗުގެ 59 ވަނަ މިނެޓުގައި ބްރެޒިލްގެ ޑަނީލޯ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ބްރެޒިލްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިއީ ނޭމާގެ މޮޅު ކުޅުމަކުން ތަނަވަސް ކުރި ފުރުސަތެއްގައި ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާއެއް، ސާބިއާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން، ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރިޗާލިސަން ޖެހި ލަނޑެކެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ބްރެޒިލްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ވިނީޝިއުސް ނަގައިދިން މޮޅު ހުރަހަކުން، ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު މައްޗަށް ބޯޅަ ހިއްލާލައި، ބައިސިކަލް ކިކަކުން ރިޗާލިސަން ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑެކެވެ. މިއީ ބްރެޒިލްގެ ގައުމީ ޖާޒީގައި ރިޗާލިސަން ޖެހި 19 ވަނަ ލަނޑެވެ. އަދި ފީފާ ވޯލްޑް ކަޕުގައި އޭނާ ބްރެޒިލް އަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ.

ރިޗާލިސަން އަކީ 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގައި ބްރެޒިލްގެ ގައުމީ ޖާޒީގައި ކުޅުނު ޑެބިއު މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. 2014 ވަނަ އަހަރު މި ޝަރަފު ހޯދީ ނޭމާ އެވެ.

މި މެޗުގައި ބްރެޒިލްގެ ކުޅުންތެރިން ވަނީ ޖުމްލަ 22 ހަމަލާއެއް ފޮނުވާލައި އޭގެއިން އަށް ހަމަލާއެއް ގޯލާއި އަމާޒުވާހެން ފޮނުވާލާފައެވެ. މި މެޗުގައި ބްރެޒިލް ޓީމުގެ ފުރަތަމަ 11 ގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ހަމަލާއެއް އުފެއްދިފައި ނުވަނީ ތަޖުރިބާކާރު ޑިފެންޑަރު މާކީނިއޯސް އަށާއި މެދު ތެރެއިން ކުޅުނު ލޫކަސް ޕަކޭޓާ އަށެވެ.

ބްރެޒިލް އިން ޑޮމިނޭޓު ކުރި މި މެޗުގެ 81 ވަނަ މިނެޓުގައި ބްރްޒިލްގެ ކަސެމީރޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެ މިނެޓެއް ފަހުން ފްރެޑް ފޮނުވާލި ހަމަލާ ދިފާއުކުރީ ސެވިޗްއެވެ.

ވޯލްޑްކަޕްގައި ބްރެޒިލް އަދި ސާބިއާ ހިމެނިފައިވަނީ ގްރޫޕްް ޖީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސްވިޒަލޭންޑާއި ކެމަރޫންއެވެ. މިއަދު ސްވިޒަލެންޑާއި ކެމަރޫން ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބު ކުރީ ސްވިޒަލެންޑެވެ.

މިއާއެކު މި ގުރޫޕުގެ ހުރިހާ ޓީމަކުންވެސް މި މުބާރާތުގައި އެއް މެޗު ކުޅެފައިވާއިރު، ގުރޫޕުގެ އެއްވަނަ ލިބެނީ ބްރެޒިލް އަށެވެ. ދެވަނަ ލިބެނީ ސްވިޒަލެންޑަށެވެ. ބްރެޒިލް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި ކެމަރޫން އޮތްއިރު ފުލުގައި އޮތީ ސާބިއާ އެވެ.

comment ކޮމެންޓް