އެކަށީގެންވާ އަދަދަކަށް ޕޯޓުތަކަށް މުދާ ގެންނަ ނަމަ، ޝެޑިއުލް ދަތުރުތައް ރާވާނަން: ސީއެމްއެސްވީއޯއޭ

ސީއެމްއެސްވީއޯއޭއިން ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީއަށް ކުރި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް

އެކަށީގެންވާ އަދަދަކަށް ކުޅުދުއްފުށީ އަދި ހިތަދޫ ޕޯޓަށް މުދާ ގެންނަ ނަމަ، ޝެޑިއުލް ދަތުރުތައް ރާވާނެކަމަށް އިންޑިއާގެ ޓުޓިކޮރިންގެ ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސަލް އޯނާސް އެސޯސިއޭޝަން (ސީއެމްއެސްވީއޯއޭ)އިން ބުނެފިއެވެ.

އެ އެސޯސިއޭޝަންގެ މަތީ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރާތުގައި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް، ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވާފައެވެ.

މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި އެ ވަފުދުގައި ޓުޓިކޮރިން އިން ރާއްޖެއަށް އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނެއެވެ. މި ޖަމުއިއްޔާއަކީ 100 އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް ޖަމުއިއްޔާއެކެވެ. އަދި ޓުޓިކޮރިންގެ އުޅަނދު ފަހަރުތަކަކީ ޒަމާނުންސުރެ ރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދުތަކެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް ޢަބްދުالله ހިމެނިވަޑައިގަންނަވާ ގޮތަށް، އެމްޕީއެލްގެ މެނޭޖްމަންޓްގެ ޓީމެއް ވެސް ސީއެމްއެސްވީއޯއޭގެ ވަދުފާއެކު ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީއަށް ވަޑައިގަތެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ އަންގާރަ ދުވަހު ސީއެމްއެސްވީއޯއޭއިން ކުޅުދުއްފުށި ސިޓީއަށް ކުރި ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެ ސަރަހައްދުގެ ވިޔަފާރިވެރިން ހިމެނޭ ގޮތަށް ބައްދަލުވުމެއް ބޭއްވިއެވެ.

އެއަށް ފަހު، ބުދަ ދުވަހު މި ވަފުދު އައްޑޫ ސިޓީއަށް ގޮސް، އައްޑޫ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންނާ ބައްދަލުކުރި ކަމަށާއި އެ ދެ ސިޓީގެ ބަނދަރަށް ވެސް ވަފުދުން ޒިޔާރަތް ކުރި ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ސީއެމްއެސްވީއޯއޭއިން ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީއަށް ކުރި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލްއިން ބުނީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ބޭއްވި ބައްދަލުވުންތަކުގައި، ކުޅުދުއްފުއްޓާއި ހިތަދޫ ޕޯޓަށް އިންޑިއާގެ ޓޮޓިކޮރިން އިން ޕެރިޝަބަލް އަދި އެހެން މުދާ ފޯރުކޮށްދޭ އުޅަނދުތައް އޮޕަރޭޓްކޮށްދިނުމަށް އެ ޖަމުއިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަފުދުގެ ބޭފުޅުން ވިދާޅުވި ކަމަށެވެ. އަދި އެކަށީގެންވާ އަދަދަށް މުދާ ގެނެވޭނަމަ، އެ ދެ ސަރަހައްދަށް ވެސް ޝެޑިއުލް ދަތުރުތަކެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެ އެސޯސިއޭޝަނުން ދިން ކަމަށް އެމްޕީއެލްއިން ބުންޏެވެ.

މީގެ އިތުރުން، އުޅަނދުފަހަރު އޮޕަރޭޓްކުރުމުގެ އިތުރުން، ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ސަޕްލަޔަރުން ވެސް އެ ޖަމުއިއްޔާގައި ހިމެނޭތީ، ވިޔަފާރިވެރިންނަށް މުދާ ސަޕްލައިކޮށްދިނުމުގެ ޚިދުމަތް ވެސް ވިޔަފާރިވެރިންނަށް ހުޅުވިފައިވާ ކަމަށް މަންދޫބުން ވިދާޅުވިކަން އެމްޕީއެލްއިން ފާހަގަކުރިއެވެ.

އެމްޕީއެލްއިން ބުނީ، ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި މުދާ އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތައް އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ހިއްސާކުރި ކަމަށެވެ. މި ވިޔަފާރިވެރިންނަށް ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުން ޚިދުމަތް ހޯދުމުގައި މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެމްޕީއެލްއިން ދީފައިވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް