ގާނާ އަތުން ޕޯޗުގަލްއަށް މޮޅެއް، ރޮނާލްޑޯ އަށް ޝަރަފުވެރި ރެކޯޑެއް

މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވުނީ ރޮނާލްޑޯ ---

ވާދަވެރި ކުޅުމަކަށްފަހު ފީފާ ވޯލްޑްކަޕްގައި ޕޯޗުގަލްއިން ގާނާގެ މައްޗަށް ކުރިހޯދައިފިއެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވސްކޮށްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޖާއޯ ފެލިކްސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އޮޓާވިއޯ ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭނާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން ގާނާ ޓީމުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ގާނާގެ މުހައްމަދު ކުޑުސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް އަމާޒުނުވެ ދިޔައީ ހަމަ ކިރިޔާއެވެ.

ޕޯޗުގަލް އަދި ގާނާ ބަައްދަލުކުރި މެޗުގެ ތެރެއިން---

މެޗުގެ 64 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ގޯލުޖަހައި ޕޯޗުގަލްއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ގާނާގެ ހާފު ތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ. އެ ގޯލާއެކު ރޯނާލްޑޯ ވެފައިވަނީ ފަސް ވޯލްޑް ކަޕްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިއާއަށެވެ. މިއީ ވޯލްޑް ކަޕު ފަދަ އެފަދަ ދެވަނައެއް ނެތް ފަދަ ހައިބަތު ބޮޑު މުބާރާތެއްގައި ހެދި ރެކޯޑެއް ކަމުން މިއީ ޝަރަފުވެރި ރެކޯޑެކެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ގާނާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ކޯޑޯސް ޕޯޗުގަލްގެ އޭރިއާ އަރިމަތިން ނެގި ހުރަހަކުން އަންދްރޭ އަޔޫ ޖެހި ގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލްއިން ވަނީ ގޯލެއް ޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ފެލިކްސް ބޯޅަ ހިފައިގެން ގާނާގެ އޭރިއާ ތެރެއަށް ވަދެ ޖެހި ގޯލެކެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރަފައެލް ލިއާއޯ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެ ގޯލަކީ ބްރޫނޯ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ގާނާ އިން ވަނީ ގޯލެއްޖަހައި މެޗުގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ބާބާ ރަހްމާން ޕޯޗުގަލް ބޭރުން ނެގި ހުރަހަކުން އޮސްމާން ބުކަރި ޖެހި ގޯލެކެވެ.

މި މޮޅާއެކު ޕޯޗުގަލް މިވަގުތު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ. ޕޯޗުގަލްގެ ފަހަތުން އުރުގުއާއި އަދި ސައުތު ކޮރެއާ އޮތްއިރު ފުލުގައި އޮތީ ގާނާ އެވެ.

comment ކޮމެންޓް