ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ރައީސް ހުޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ޓީޓީ ހޯލް ރަސްމީގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވާދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއީ ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލަށް ވާނެ ކަމަށެވެ.

ރައީސް "މާލެ ޓޭބަލް ޓެނިސް ހޯލް" ހުޅުއްވައިދެއްވުމަށްފަހު ކުލުންތެރިންނާއެކު ކުޅުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ހުޅުވި، ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނެއެވެ. މި ހޯލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ބައެއް ކުޅުންތެރިންނާއެކު ޓީޓީ ކުޅުއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިދާއިރާއަށް އަލަށް ނުކުންނަ ގިނަ ކުޑަކުދިން ވެސް ބައިވެރިވިއެވެ.

ރައީސް "މާލެ ޓޭބަލް ޓެނިސް ހޯލް" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ކުޑަކުދިން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ވަނީ ޓީޓީ ހޯލެއް ހުޅުވާފައެވެ. އަދި މި އަހަރު ތެރޭގައި ފުވައްމުލައް ސިޓީގައި ވެސް ޓީޓީ ހޯލެއް ހުޅުވާފައިވެއެވެ.

comment ކޮމެންޓް