ވެރިކަން ނިމޭއިރު ރައްޔިތުންނަށް ކަށަވަރު ކޮށްދޭނީ ފަގީރުކަން: ޑރ. ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމޭއިރު ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާނީ ފަގީރުކަން ކަމުގައި ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ފާސްކުރި ބިލް ރައީސް މިހާރު ތަސްދީގު ކުރައްވާފައިވާއިރު، ޑރ. ޖަމީލް ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރީ ސަރުކާރުގެ ސިޔާސީ ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޖަމީލް "ސަން"އަށް ވިދާޅުވީ، ހެޔޮ ވެރިކަމެއްގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށްދިނުން ކަމަށާއި، ދެފުށް ފެންނަ ނިޒާމެއްގައި ވެރިކަން ކުރުން ނަމަވެސް އަދުގެ ސަރުކާރުން ފާޅުކަން ބޮޑު ގޮތެއްގައި އަމަލުކުރަމުން ދަނީ ޑިމޮކްރެޓިކް މުޖުތަމައެއްގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ޓެކްސް ބޮޑުކުރުމާއެކު ހީވަނީ ސިޔާސީ މަގާމްތަކުގެ އީދެއް އައިސްގެން އުޅޭހެން. އެއްވެސް ލަދުވެތިކަމެއް ނެތި ހިތުހުރި ގޮތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިޔާސީ މީހުންނަށް ވަޒީފާގެ އީދެއް މިދިނީ. އަޅުގަނޑުގެ ސުވާލަކީ ސިޔާސީ ބަޔަކަށް މުސާރަ ދިނުމަށްޓަކައި ރައްޔިތު މީހާގެ ޖީބުން ފައިސާ އަތުލަން ޖެހޭތޯއޭ؟ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

މީގެއިތުރުން، އެ މަގާމްތަކަށް އައްޔަންކޮށްފައި ވަނީ މުޅީންވެސް ކަމަށް ނާގާބިލް ބައެއް ކަމަށާއި ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ޑެސްކެއް ނެތި، މިފަދަ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޓެކްސް ބޮޑުކޮށްފައިވަނީ ދައުލަތުގެ ރިޒާވު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ވިޔަފާރިވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މީހުންނަށް މިއީ ބޮޑު ގެއްލުމަކަށް ވެދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމާއެކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެ ފިޔަވަޅު އެޅީ ބައިނަލްއަގުވާމީ އެކި އިދާރާތަކުގެ ލަފައާ އެއްގޮތަށް ކަމަށާއި، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޓޫރިޒަމް ދާއިރާގެ އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހުކަމަށްވެސް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް