ތާރީޚުން ހާމަވަނީ ވޯލްޑްކަަޕްގެ އެންމެ ކާމިޔަބު ޓީމު، ބްރެޒިލް އިން ސާބިއާ ބަލިކުރާނެ ކަން!

ވޯލްޑްކަޕްގައި މިރޭ ބްރެޒިލް ކުޅޭ މެޗަކީ އެންމެ ގިނަ ބަޔަކު ބަލާނެ އެއް މެޗެވެ. ރާއްޖޭގައި ވެސް ބްރެޒިލްގެ ސަޕޯޓަރުން މަދެއް ނޫނެނެވެ.

ވޯލްޑްކަޕް ކާމިޔާބުކުރަން އަޒުމު ކަނޑައަޅައިގެން މިއަހަރު ނިކުންނަ ބްރެޒިލް، މިރޭ ކުރިމަތިލާނީ އެ ޓީމުގެ ފުރަތަމަ މެޗާއެވެ. ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމަކީ މި އަހަރުގެ މުބާރާތުގެ ފޭވަރީޓުންކަމަށް ފުޓުބޯޅަ ދިރާސާކުރާ ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މެޗު ކުޅޭ ދަނޑު

ލުސައިލް ސްޓޭޑިއަމް---

މި މެޗު ކުޅެނީ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައެވެ.

އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން، އެންމެ އަގުބޮޑުކޮށް އިމާރާތްކުރާ މި ސްޓޭޑިއަމަކީ މުބާރާތުގެ އެންމެ މުހިންމު މެޗު ކުޅޭނެ ތަނެވެ.

އަރަބިންގެ ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރާ މި ތަނަކީ މުބާރާތައް ތައްޔާރުކުރާ އެންމެ ބޮޑު ސްޓޭޑިއަމެވެ.

މި ސްޓޭޑިއަމާއި ހަ ބުރިޖަކުން ގުޅުވާފައިވާއިރު، ކާރު ޕާކު ކުރާނެ ސަރަހައްދެއްގެ އިތުރުން ސްޓޭޭޑިއަމް ވަށައިގެން ރީތި ފެންގަނޑެއްވެސް އޮންނާނެއެވެ. ޖުމްލަ 80،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި މުބާރާތުގެ ފައިނަލް މެޗުގެ އިތުރުން ގްރޫޕް ސްޓޭޖުގެ ފަސް މެޗާއި ގަދަ ސޯޅައިގެ އެއް މެޗު، ކުއާޓާ ފައިނަލުގެ އެއް މެޗު އަދި ސެމީފައިނަލުގެ އެއް މެޗުވެސް ކުޅޭނެއެވެ.

ބްރެޒިލް

ބްރެޒިލް ގައިމީ ޓީމު ----

ފުޓުބޯޅައިގެ ވާހަކަ ދައްކާފައި ބްރެޒިލްގެ ވާހަކަ ނުދައްކާ ދޫކޮށްލައިފިނަމަ އެ ވަނީ ފުޓުބޯޅައަށް ވެވޭ ބޭއިންސާފަކަށެވެ. ބްރެޒިލްއަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމެވެ.

ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ބްރެޒިލްއަކީ ވޯލްޑް ކަޕް ފަސް ފަހަރަށް ކާމިޔާބުކޮށް، މިހާތަނަށް ބޭއްވުނު ހުރިހާ މުބާރާތެއްގައި ވާދަ ކުރުމުގެ ޝަރަފް ހޯދާފައިވާ ހަމައެކަނި ޓީމެވެ.

ބްރެޒިލް މި އަހަރު ވެސް ނިކުންނަނީ ވޯލްޑްކަޕްގެ ތަށި ހޯދުމުގެ އަޒުމުގައެވެ. އެ ޓީމަށް މިއަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޓީމުގެ ތަރި

ނޭމާ ޖޫނިއާ

ނޭމާ ޖޫނިއާ---

ބްރެޒިލްގެ ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ނޭމާ ޖޫނިއާއެވެ. އޭނާއަކީ ދުވެލި ބާރު، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ.

ނޭމާއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ގިނަ ބަޔަކު ނޭމާ އަށް ސަޕޯޓުކުރާއިރު މި ވޯލްޑްކަޕްގަައި ބްރެޒިލް ޓީމުގައި އެނާ ހިމެނޭތީ އެ ޓީމަށް ސަޕޯޓުރާ މީހުން ވެސް މަދެއް ނޫނެވެ.

މީގެއިތުރުން ނޭމާ ވަނީ އޭނާގެ ނައްޓާ ކޮށްޓުމުގެ ޖާދޫގައި ގިނަބަޔަކު ޖައްސާފައެވެ. ނޭމާ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅެފައެވެ. ފްރާންސްގެ ޕީއެސްޖީގައި ކުޅޭ ނޭމާ މަޝްހޫރުވެގެންދިޔައީ ސްޕެއިންގެ ބާސެލޯނާއަށް ކުޅުނު ދުވަސްވަރުއެވެ. ނޭމާ ވަނީ މިހާރު ގައުމީ ޓީމަށް 121 މެޗު ކުޅެ 75 ގޯލު ޖަހައިފައެވެ.

އެންމެ ފަހުން ކުޅުނު ފަސް މެޗު

  • ބްރެޒިލް 5-1 ޓުނީޝިއާ (27 ސެޕްޓެމްބަރު 2022)
  • ބްރެޒިލް 3-0 ގާނާ (23 ސެޕްޓެމްބަރު 2022)
  • ބްރެޒިލް 1-0 ޖަޕާން (6 ޖޫން 2022)
  • ބްރެޒިލް 5-1 ދެކުނު ކޮރެއާ (2 ޖޫން 2022)
  • ބްރެޒިލް 4-0 ބޮލީވިއާ (30 މާޗު 2022)

ސާބިއާ

ސާބިއާ ގައުމީ ޓީމު---

ސާބިއާއަކީ ޓީމެއްގެ ގޮތުގައި ތަފާތު ދައްކާ، ބޮޑެތި ޓީމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާ ނެރޭ ޓީމެކެވެ. އެ ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނެތް ނަމަވެސް އެ ޓީމަކީ ވެސް ތަޖުރިބާ ހުރި ކުޅުންތެރިތަކެއް އުކެލެވޭ ޓީމެކެވެ.

ސާބީއާ ވަނީ މިހާތަނަށް 12 ވޯލްޑްކަޕެއްގައި ކުޅެފައެވެ. އެގޮތުން 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑްކަޕްގައި ސާބިއާ ކުޅެ އެ ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 1954، 1958ގެ އިތުރުން 1990ގައި ސާބިއާ ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެއީ ވޯލްޑްކަޕުގައި ސާބިއާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީތަކެވެ.

ޓީމުގެ ތަރިން

ޑޫސަން ޓެޑިޗް

ޑޫސަން ޓެޑިޗް---

މިއަހަރު ވޯލްޑްކަޕްގައި ސާބިއާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭ ޑޫސަން ޓެޑިޗަކީ ސާބިއާ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

އޭނާއަކީ އަޔެކްސްއަށް ކުޅެމުންއަންނަ ފޯވާޑެކެވެ. ގޯލާ ރައްޓެހި އަދި މުހިންމު ދަނޑިވަޅުގައި ގޯލު ޖަހާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަކުރެވޭ ޓެޑިޗް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތުއެމްޓަންއަށް ކުޅެފައެވެ. ޓެޑިޗް ސާބިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުއެވެ. އެގެ ފަހުން އޭނާ ވަނީ 90 މެޗު ސާބިއާއަށް ކުޅެދީ 18 ގޯލު ޖަހައިފައެވެ.

އެންމެ ފަހުން ކުޅުނު ފަސް މެޗު

  • ސާބިއާ 5-1 ބަހްރައިން (18 ނޮވެމްބަރު 2022)
  • ސާބިއާ 2-0 ނޯވޭ (27 ސެޕްޓެމްބަރު 2022)
  • ސާބިއާ 4-1 ސްވެޑެން (24 ސެޕްޓެމްބަރު 2022)
  • ސާބިއާ 2-2 ސްލޮވޭނިއާ (5 ޖޫން 2022)
  • ސާބިއާ 0-1 (2 ޖޫން 2022)

ހެޑް-ޓު-ހެޑް

ސާބިއާ އަދި ބްރެޒިލް ވަނީ ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެ ދެ ފަހަރު ވެސް ކާމިޔާބު ހޯދައިފައިވަނީ ބްރެޒިލް އިންނެވެ.

ފުރަތަމަ 2014 ވަނަ އަހަރު އެ ދެ ޓީމުން އެކުވެރި ކަމުގެ މެޗެއް ކުޅުނު އިރު އެ މެޗު 1-0 ގެ ނަތީޖާއަކުން ބްރެޒިލް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެ ދެ ޓީމުގެ ކުރިމަތިލުމެއް ފެނިފައިވާއިރު އެ މެޗުވެސް ކާމިޔާބު ކުރީ ބްރެޒިލް އިންނެވެ.

comment ކޮމެންޓް