ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން، ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވާނެ: މަޓާޓޯ

ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއެކު މީގެކުރިން ސަރުކާރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--

ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމުން ލިބެން އޮތް އާމްދަނީގެ ތެރެއިން އެކަނިވެސް 50 މިލިއަން ޑޮލަރު މަދުވާނޭކަމަށް ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނެފިއެވެ.

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް، ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން މަޓާޓޯގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން އަލުން މުރާޖައާކުރަންޖެހޭ ކަމަށެވެ.

މަޓާޓޯއިން ބުނީ ރާއްޖޭގެ އިޤްތިސާދު ރަނގަޅުކުރުމަށް ކަމަށްބުނެ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި، ޓީޖީއެސްޓީ 33 ޕަސެންޓް އިތުރުވުމުގެ ސަބަބުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަންތީގެ ވިޔަފާރިތަކަށްވެސް މިކަމުގެ އަސަރު ކުރާނެކަމަށެވެ.

މިގޮތުން މި މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ބުކިންސްތައް ކެންސަލްވުމާއި، ކުރިމަތިވާ އެނޫންވެސް ކަންކަމާ ގުޅިގެން ޓޫރިޒަމް ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރި ދަށްވެ، މުވައްޒަފުންގެ ސާވިސް ޗާޖުން ކޮންމެ މީހަކަށް ގާތްގަނޑަކަށް 2000 ރުފިޔާ މަދުވާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

ޓޫރިޒަމް ސިނާއަތާ މަޝްވަރާ ކުރުމެއްނެތި ސަރުކާރުން ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން މަޓާޓޯއިން ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. ޚާއްސަ ގޮތެއްގައި ދައުލަތުގެ ޚަރަދުތައް ކުޑަނުކޮށް، އެކަށީގެންވާ ވަގުތު ނުދީ ޓެކްސްތައް ބޮޑުކުރަން ނިންމި ނިންމުމަކީ ރާއްޖޭގެ އިޤްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދޯހަޅިކަން އަންގައިދޭ ކަމެއްކަމަށްވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ޓީޖީއެސްޓީ ނަގާ ރޭޓް 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރުމަށް ނިންމާފައެވެ. މި މައްސަލައިގައި ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު، ޓޫރިޒަމް ސިނާއަތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް