ކުޅިވަރު ޚަބަރު ހޯދަން ނޫސް ކިޔަން ފެށިގޮތަށް މޮޅު ލިޔުންތެރިއަކަށް!

ޒުވާން މުޙައްމަދު ހަމްދޫންގެ ލިޔުންތަކުގައި ޖާދުވީ ކަމެއް ހުރެއެވެ. އެ ލިޔުންތަކުގެ އިބާރާތް ކުރުމާއި އަތުރާލުން ވަރަށް މޮޅެވެ. އިބާރާތްތައް ސާދާވެފައި، ރީއްޗެވެ. ބަހުގެ މުއްސަނދިކަން ފެނެއެވެ. މުހިންމު މައުލޫމާތުތައް އޭނާ ކިޔާދެއްވާފައި ހުންނަނީ ފޫހިކަމެއް ނެތި ކިޔާ ނިންމާލެވޭ ގޮތަށެވެ. ސިފަކުރުންތައް މޮޅީއެވެ. ތާރީޚީ ބޮޑެތި ހާދިސާތައް އޭނާ ލިޔުއްވާފައި ހުންނަ ގޮތުން ތާރީޚަށް ލޯބި ނުކުރާ މީހުން ވެސް ކިޔާ ހިތްވާނެއެވެ. އެހެންވެ އޭނާގެ ފީޗާ ރިޕޯޓްތަކަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ހަމްދޫން ހިމެނެނީ ހުނަރުވެރި ޒުވާން ލިޔުންތެރީންގެ ތެރޭގައެއް ނޫނެވެ. ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ލިޔުންތެރީންގެ ލިސްޓުގެ ކުރީން އޭނާއަށް ޖާގަ ލިބެއެވެ. އެ ލިސްޓުން ހަމްދޫން ޖާގަ ހޯއްދަވާފައި މިވަނީ ވަރަށް ޒުވާން އުމުރެއްގައެވެ. ހަމަ އެހެންމެ ނޫސްވެރި ކަމުގެ ދާއިރާއިން ވެސް އޭނާ ހޯއްދަވާފައިވާ ކާމިޔާބީތައް އުމުރާ ނުބައްދަލެވެ.

"މިހާރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރު، ސްޕޯޓްސްގެ މަގާމުގައި ހުންނެވި ހަމްދޫނަކީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމް މިހާތަނަށް އެންމެ ގިނައިން ހޯއްދަވާފައިވާ ނޫސްވެރިޔާއެވެ. އެންމެ މޮޅު ނޫސްވެރިޔާގެ މަގާމާއި އެންމެ މޮޅު ފީޗާ ލިޔުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމް ހިމެނޭހެން އެކި ކެޓަގަރީން އެކި އަހަރު މަތިން މިހާތަނަށް ހަތް ފަހަރު އޭނާ ވަނީ ނޫސްވެރިކަމުގެ އިނާމް ހާސިލް ކުރައްވައިފައެވެ. އެ އަދަދަށް އިތުރު ނޫސްވެރިއަކަށް އެ އެވޯޑް ލިބިފައެއް ނުވެއެވެ. އަދި މިމަހުގެ ތެރޭގައި އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން، ޒިންމާދާރު ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ވެސް ހާސިލް ކުރައްވައިފައެވެ.

ހަމްދޫން ކަވަރޭޖެއްގެ ތެރެއިން ދިވެހި އެތްލީޓުންތަކަކާއެކު ފޮޓޯއަކަށް ހުއްޓި-- ފޮޓޯ: ހަމްދޫން

ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމްދޫންގެ ލިޔުންތައް ފެންނަނީ ހަމައެކަނި އެ ދާއިރާއަކުން ނޫނެވެ. ތާރީޚާއި އަދަބިއްޔާތަށް ލޯބި ކުރައްވާ ހަމްދޫން އެ ދާއިރާތަކުން ލިޔުއްވާ ފީޗާ ރިޕޯޓްތައް ވަރަށް ފުރިހަމައެވެ. އޭގެ ތެރެއިން ވެސް، "އަސްރު ދިޔައީ ގެއްލިގެން": ހިތުގެ ހިމަނާރާ ކުޅެލި!"، "ސަލާހުއްދީން ތުރުކުރެއްވި އަތަރުގެ މީރު ވަސް!"، "މުހައްމަދު އަމީނުގެ މަރުގެ ދަތުރު": ބޭވަފާ އާއި ލާއިންސާނީ އަނިޔާ،"، "އެކުއެކީ އަވަހާރަވި ސިއްތި އާއި ހާލިދު: އާދަޔާ ޚިލާފު ލޯތްބެއް!" އަދި "ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ" މި ފީޗާ ރިޕޯޓްތައް ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކަށް ނޭނގޭ، ތާރީޚީ އެ ހާދިސާތައް ހަމްދޫންގެ ގަލަމުން ގެނެސްދެއްވާފައިވާ ގޮތް ވަރަށް ޝައުގުވެރިއެވެ. ލިޔުއްވުމުގެ މޮޅުކަމުން، ކިޔަމުންދާއިރު ހާދިސާ ހިތަށް ސިފަވެއެވެ. ނޫސްވެރިކަމުގެ އިނާމް އެހާ ގިނައިން ހަމްދޫނަށް ލިބިވަޑައިގަތީ މިފަދަ މޮޅެތި ލިޔުއްވުންތަކުގެ ސަބަބުންނެވެ.

ހަމްދޫން މޮޅުވީ ކިޔައިގެން!

އައްޑޫ ސިޓީ ހުޅުދުއަށް އުފަން، ހަމްދޫން ކުޑައިރުއްސުރެވެސް ކުޅިވަރަށް ވަރަށް ފޯރިހުރެއެވެ. ޚާއްސަކޮށް ދިވެހި ފުޓްބޯޅައަށެވެ. ވަރަށް ކުޑައިރުއްސުރެ މާލޭގައި ދިރިއުޅުއްވަމުން އަންނަ ހަމްދޫން ކުޑައިރު އުޅުއްވި ގެ ހުންނަނީ ގަލޮޅުދަނޑު ކައިރީގައެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ރަން ޒަމާން ކަމުން، މެޗްތައް ބެލުމަކީ އޭނާ އެންމެ ކުރާ ހިތުން ކުރެއްވި ކަންތަކެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ނޫސް މަޖައްލާތައް ގަވައިދުން ކިޔަން ފެށުނު ސަބަބަކީ ވެސް ކުޅިވަރަށް ބަހައްޓަވާ ޝައުގެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމްދޫނަށް ހިތްވަރު ދިނުމުގެ އިނާމް ހަވާލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ކުޑައިރު ނޫސް މަޖައްލާތައް ވަރަށް ގިނައިން ކިޔަން ފުޓްބޯޅައިގެ ޚަބަރުތައް ހޯދަން. އޭގެ އިތުރުން އަޅުގަނޑަކީ ދިވެހި ބަހަށް ވެސް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް. އެހެންވެ ފުޓްބޯޅައިގެ ޚަބަރުތައް ހޯދާށާއި ދިވެހި ލިޔުންތައް ކިޔަން އަޅުގަނޑު ކުޑައިރު ނޫސްތަކާއި މަޖައްލާތަކަށް ކިޔާކިޔާ ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުރޭ،" އުމުރުން 32 އަހަރުގެ ހަމްދޫން ވިދާޅުވިއެވެ.

ކުޑައިރު ހަމްދޫން މައިގަނޑުކޮށް ކުރައްވަނީ ތިން ކަމެކެވެ. އެއީ ކިޔެވުމާއި ފުޓްބޯޅަ ބެއްލެވުމުގެ އިތުރުން ފޮތާއި ނޫސް މަޖައްލާތައް ވިދާޅުވުމެވެ. ހުސްވަގުތު ތަކުގައި ނެޝަނަލް ލައިބްރަރީގައި ގިނަ ވަގުތު ހޭދަ ކުރައްވައެވެ. އުމުރާ ނުގުޅުނަސް ހުރިހާ ވައްތަރެއްގެ ދިވެހި ފޮތެއް އޭރުވެސް ގަވައިދުން ވިދާޅުވިއެވެ. އޭގެ ސަބަބުން ލިޔުމާއި ނޫސްވެރިކަމަށް ކުޑައިރުއްސުރެ ޝައުގުވެރިކަން ހުންނަވައެވެ.

މަޖީދިއްޔާ ސްކޫލުން އޯ ލެވެލް ހާސިލްކުރެއްވުމަށް ފަހު ހަމްދޫން ނޫސްވެރިމުގެ ތެރެއަށް ވެންނެވީ އުމުރުން 17 އަހަރުގައި 2008ގަ އެވެ. ފުރަތަމަ ގުޅިވަޑައިގަތީ ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތެއްގައި އޭރު އަލަށް ނެރުނު "ރާއްޖެ" ނޫހާ އެވެ. އެންމެ ފުރަތަމަ ލިޔުއްވީ ރާއްޖޭގެ އާއްމު ޚަބަރުތަކެވެ. ނަމަވެސް ދެ ތިން މަސް ފަހުން ކުޅިވަރު ނޫސްވެރިއަކަށް ބަދަލުވެލެއްވި އެވެ. އޭގެ އަނެއް އަހަރު، 2009 ގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ތިބި "ހަވީރު" ނޫހާ ގުޅިވަޑައިގަތެވެ. އޭރުވެސް އޭނާއަށް ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގެ ގިނަ ކަންކަން ފަރިތަ އެވެ. ސަބަބަކީ ކުޑައިރުއްސުރެއް ރާއްޖޭގައި ނެރެމުން އަންނަ ހުރިހާ ނޫހަކާއި މަޖައްލާތަކެއް ގަވައިދުން ވިދާޅުވާތީއެވެ.

"ކުޑައިރު ނޫސްމަޖައްލާތައް ކިޔަން ފެށިއިރަކީ ރާއްޖޭގައި މަޖައްލާތައް ނެރުމުގެ ފޯރި ވަރަށް ގަދަވި ދުވަސް ކޮޅެއް. އޭރު ހުވާސް، އައްޑުވަސް، އުދަރެސް ފަދަ މަޖައްލާތައް ހުރޭ. ހާއްސަކޮށް ހުވާސް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން. ރާއްޖޭގެ އެންމެ މޮޅު ލިޔުންތެރިން ތަފާތު މޮޅު ފީޗާތައް އެ މަޖައްލާ ތަކުގައި ލިޔުނު. އެހެންވެ އަޅުގަނޑު އެ ފީޗާތައް އެއްވެސް އެއްޗެއް ވައްޓާލުނައި ހުރިހާ އެއްޗެއް ވެސް ކީން." ހަމްދޫން ވިދާޅުވިއެވެ.

ގިނައިން ކިޔުއްވާފައި ހުރުމުގެ ސަބަބުން ލިޔުންތެރިކަމާއި ނޫސްވެރިކަމަށް ހަމްދޫން ވަރަށް ފަރިތައެވެ. އެހެންކަމުން ވަރަށް ބާރަށް ދާއިރާއިން އޭނާ ކުރިއެރިއެވެ. އަދި އިތުރަށް މީހާ ތަރައްގީ ވުމަށް ތައުލީމް ވެސް ހާސިލް ކުރެއްވިއެވެ. އެގޮތުން ހަމްދޫން ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީވެސް ހާސިލް ކުރައްވައިފައެވެ.

ހަމްދޫން، ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފާއި އައްޒާމް އަލިފުޅާއެކު-- ފޮޓޯ: މުޙައްމަދު ހަމްދޫން

ހަމްދޫން މިހާ ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. އޭނާ ކުޑައިރުއްސުރެ އެ ބައެއްގެ ލިޔުންތައް ވިދާޅުވަމުން އަންނަ ހަވީރު ނޫހުގެ ތަޖުރިބާކާރު ނޫސްވެރިންގެ އިރުޝާދާއެކު މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ހިތްވަރެކެވެ. އޭގެ ތެރެއިން ވެސް އޭނާ އެންމެ ފާހަގަ ކުރައްވަނީ ހަވީރު ނޫހާއި މިހާރު ނޫހުގެ ކުރީގެ އެޑިޓަރު މޫސާ ލަތީފްގެ ނަމެވެ. މިހާރު ދައުރު ނޫހުގެ އެޑިޓަރުގެ މަގާމުގައި ހުންނެވި މޫސައަކީ ހަމްދޫނަށް ކުޑައިރުއްސުރެ ވެސް އެންމެ ކަމުދާ އެއް ލިޔުންތެރިޔާއެވެ. ދެހާސް ނުވަ ވަނަ އަހަރު ހަމްދޫން "ހަވީރު" ނުހާ ގުޅިވަޑައިގެންނެވިއިރު ކުޅިވަރު ސެކްޝަންގެ ވެރިއަކަށް ހުންނެވީ މޫސައެވެ. އެހެންކަމުން މޫސަގެ ދަށުން މަސައްކަތް ކުރަން ލިބުމަކީ ހަމްދޫނަށް އެތައްކަމެއް ދަސްވި ކަމެކެވެ.

ކެރިއަރުގައި އުފާވާ އެތައްކަމެއް

ހަމްދޫނަކީ ވަރަށް ހަރަކާތްތެރި ނޫސްވެރިއެކެވެ. އޭނާގެ ދާއިރާ ކަމަށްވާ ކުޅިވަރުގެ ހަރަކާތްތައް އޭނާ ކަވަރު ކުރެއްވީ އެ މައިދާންތަކުގައި ހުންނަވައިގެންނެވެ. މިފަހުގެ ތާރީޚުގައި ކުޅިވަރުގެ ދާއިރާއިން ރާޢްޖެ ގިނަ ކާމިޔާބީތައް ހޯދިއިރު ހަމްދޫން އެ ކަވަރޭޖްތަކުގައި އިސްކޮށް އުޅުއްވިއެވެ. އެގޮތުން 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ނެގިއިރު އެ މެޗް ކަވަރު ކުރެއްވުމަށް ކޮލޮމްބޯގެ ސްޓޭޑިއަމްގައި ހުންނެވިއެވެ. އަދި 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި ދިވެހި ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދިއިރު އެތަނުގައި ވެސް ހަމްދޫން ހުންނެވިއެވެ. އަދި 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި އަންހެން ޓީޓީ ޓީމުން ރަން މެޑަލް ހޯދިއިރު އެ ކަވަރޭޖްގައި ވެސް އުޅުއްވިއެވެ. އެ ހުރިހާ ކަވަރޭޖެއް ވެސް ހަމްދޫނަށް ވަރަށް ހާއްސައެވެ.

"2015 ވަނަ އަހަރު ސާއިދު ރަން މެޑަލް ހޯދުމަކީ މުޅި ރާއްޖެއަށް ވެސް ސިހުން ގެނުވި ޚަބަރެއް. އެ ޚަބަރު ކަވަރު ކުރުމަށް އެތަނުގައި ތިބި މަދު ނޫސްވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނޭ. އަދި އެންމެ ފުރަތަމަ އެ ޚަބަރު ބްރޭކްކުރި ނޫސްވެރިއަކަށް އަޅުގަނޑު ވުމަކީ ވަރަށް ބޮޑު ފަހުރެއް،" އުފާވެރި ހަނދާންތައް ހަމްދޫން ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ނޫސްވެރިކަމުގައި 15 އަހަރުވިއިރު ހަމްދޫން ވަނީ ސާފް ޗެމްޕިއަންޝިޕް ހަތަރު ފަހަރު ކަވަރު ކުރައްވާފައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދެ ފަހަރު އަދި ސައުތު އޭޝިއަން ގޭމްސް އެއް ފަހަރު ކަވަރު ކުރައްވާފައިވެއެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗު އިވެންޓެއް ރަޝިއާ އަށް ވަޑައިގެން ކަވަރުކުރެއްވި އެވެ. އޭނާއަކީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރު ކުރުމަށް ރާއްޖޭން ދިޔަ މީޑިއާ ޓީމްގެ ހެޑެވެ. އެ ފަހަރު ގޭމްސް ކަވަރުކުރެއްވީ، މީޑިއާ ޓީމުގެ ލޮޖިސްޓިކްސް ކަންކަން އިންތިޒާމުކުރެއްވުމުގެ ޒިންމާ ވެސް ނަންގަވަމުންނެވެ.

ހަމްދޫން އޭނާގެ މަންމައާއެކު: ކާމިޔާބީތަކުގައި މަންމަގެ ދައުރު ބޮޑު-- ފޮޓޯ: މުޙައްމަދު ހަމްދޫން

ހަމްދޫންގެ ނޫސްވެރިކަމުގެ ހަޔާތުގައި އޭނާ އެންމެ އުފާވާ ކަމަކީ ކުޅިވަރު ކުޅުންތެރިންގެ ކެރިއަރުގެ ކުރީކޮޅުން ފެށިގެން އެ ކުޅުންތެރިން ކާމިޔާބާ ހަމައަށް ވާސިލްވަންދެން ކަވަރު ކުރަމުން ގެންދެވުމެވެ. އެ ކުޅުންތެރިންގެ ތެރެއިން ވެސް، ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ހަމްދޫނަށް ޚާއްސައެވެ.

ސާއިދު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރިލޭ ޓީމާއެކު ލޯ މެޑަލް ހޯދިއިރު އޭނާއަކީ ވަރަށް ޒުވާން އެތުލީޓެކެވެ. ގިނަ މީހުންނަކަށް އޭނާއެއް ނޭނގެއެވެ. ހަމްދޫނަށް، ސާއިދުގެ ހުނަރު ފެނި އޭނާގެ އިންޓަވިއޫއެއް ނަގައި ހަވީރު ނޫހުގައި ޖެހިއެވެ. އެ އިންޓަވިއުގައި ސާއިދު ބުނީ މިސަރަހައްދުގެ މުބާރާތަކުން ރަން މެޑަލްއެއް ބޭނުންވާ ކަމަށެވެ.

"އޭގެ 10 އަހަރު ފަހުން ސާއިދު އެ ކާމިޔާބު ހޯދި. ސާއިދުގެ އެ ދަތުރުގައި، ނޫސްވެރިއެއްގެ ގޮތުގައި އާއްމުންނާ ހަމައަށް އޭނާގެ ޚަބަރުތައް ގަވާއިދުން ގެނެސްދިނުމުގައި ބައިވެރިވެވުމަކީ އަޅުގަނޑު ވަރަށް ފަހުރުވެރިވާ ކަމެއް،" ހަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ވަނީ ރާއްޖެން ބޭރުގެ ބައެއް ނޫސްތަކަށް ވެސް ކޮންޓްރިބިއުޓްކުރައްވައިފައެވެ. އެގޮތުން ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ގޯލް ޑޮޓް ކޮމް އަށް އޭނާ ވަނީ ލިޔުއްވައިފަ އެވެ. އަދި ފްރާންސްގެ ވޯލްޑްކަޕް ތަރި މާސެލް ޑެސައިލީ ރާއްޖެ އައި ފަހަރަކު ހަމްދޫން ނެގި އޭނާގެ އިންޓަވިއުއެއްގެ ޚަބަރު ދުނިޔޭގެ ބޮޑެތި ނޫސްތަކަކުން ވަނީ ކަވަރު ކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ، ޑެއިލީ މެއިލް ވެސް ހިމެނެއެވެ.

ހަމްދޫން މިހާތަނަށް އިންޓަވިއޫ ކުރެއްވި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރީންގެ ތެރޭގައި ބްރެޒިލަށް 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔަބުކޮށްދިން ކެޕްޓަން ކާލޯސް އަލްބާޓޯ ޓޮރޭޒް އާއި އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ބާޖިއޯ ވެސް ހިމެނެއެވެ. މީގެ އިތުރުން އިޓަލީގެ ކުރީގެ ކޯޗު މާސެލޯ ލިއްޕީ އާއި ޕޯޗުގަލްގެ ކުރީގެ ކޯޗު ކާލޯސް ކުއިރޯޒްއާ ޕްރެސް ކޮންފަރެންސްތަކުގައި ސުވާލުކޮށްފައިވެ އެވެ.

ހަމްދޫނަކީ ހަމައެކަނި ޚަބަރުތަކާއި ރިޕޯޓްތައް ލިޔުއްވުމަށް މަޑުން ހުންނަވާ ބޭފުޅެއް ނޫނެވެ. ނޫސްވެރިންގެ ހައްގުތަކުގައި ވަކާލާތު ކުރުމާއި މިނިވަން ނޫސްވެރިކަމަކަށް ގޮވާލާ ކުރާ މަސައްކަތްތަކުގައި ވެސް އޭނާ އިސްކޮށް ހުންނަވައެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްކަންކުރައްވައިފަ އެވެ. އަދި އެމްއެމްސީގެ މެމްބަރުކަން ކުރެއްވި އެވެ. އެމްއެމްސީގައި އޭނާ ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރަން ނެރުނު 'އަލިމަސް' ފޮތުގެ މަސައްކަތުގައި އާއި އެ މުނާސަބަތުގައި ދިން ޝަރަފުގެ ގަލަންތައް ދިނުމުގެ ރަސްމިއްޔާތު އިންތިޒާމްކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އަދި އެމްއެމްސީގެ އިނާމަށް ފީޗާ ލިޔުމުގެ އެވޯޑް އިތުރުކޮށް އިނާމުގެ އުސޫލަށް ބަދަލުތައް ގެނައުމުގައި ވެސް އިސް ރޯލެއް އަދާކުރެއްވި އެވެ.

މީގެ އިތުރުން ހަމްދޫން ވަނީ "އަދަދު" ނޫސް އުފެއްދުމުގައި އިސްކޮށް އުޅުއްވައިފައެވެ. އެ ނޫހުގެ އެޑިޓޯރިއަލް އޮނިގަނޑު ފަރުމާކޮށް ތަންފީޒުކުރެއްވުމުގެ އިތުރުން އަހަރެއްހާ ދުވަހު އެ ނޫހުގެ މެނޭޖިން އެޑިޓަރުގެ މަގާމް އަދާކުރެއްވިއެވެ.

މިހާރު ނޫސްވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ގިނަ ކާމިޔާބީތަކާއެކު ދެން އޭނާ އެންމެ ކުރައްވަން ބޭނުންފުޅުވާ ކަމަކީ މި ދާއިރާއިން މީހުން ބިނާ ކުރެއްވުމެވެ. ނޫސްވެރިންގެ ފެންވަރު ރަނގަޅު ކުރުމަށާއި ނޫސްވެރިކަމަށް ޝައުގު ހުންނަ މީހުން މި ދާއިރާއަށް ނެރުމަށް ހަމްދޫން މިހާރު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބައެއް ނޫސްތަކުގައި ޚަބަރާއި ރިޕޯޓް ލިޔުމާ ގުޅޭގޮތުން ނޫސްވެރިންނަށް ސެޝަންތައް ހިލޭ ނަންގަވައި ދެއްވައެވެ. އަދި ކިޔަވާ ކުދިންނަށް ނޫސްވެރިކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް ސެޝަންތައް ބާއްވަވައެވެ.

އެންމެ ގިނަ އެވޯޑް ހޯއްދެވި ނޫސްވެރިއަކަށް ހަމްދޫން ވުމުގެ ގިނަ ސިއްރުތަކެއް ވެއެވެ. ކިޔުމަށް ހުންނަ ލޯތްބާއި މަސައްކަތަށް ހުންނަ ފޯރިއަކީ އޭގެ އެންމެ މައިގަނޑު ސަބަބެވެ. އެންމެ މޮޅެތި ލިޔުންތެރީންގެ ލިސްޓުން ޒުވާން އުމުރުގައި ހަމްދޫން ޖާގަ ހޯއްދެވީ ގިނަ މަސައްކަތްތަކަކަށް ފަހުއެވެ. ކުޅިވަރު ޚަބަރު ހޯއްދެއްވުމަށް ނޫސް ކިޔުއްވަން ފެއްޓެވި ހަމްދޫނަކީ މިއަދު ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރޭ ހިމެނޭ މޮޅު ބޭފުޅެކެވެ.

"މި ކާމިޔާބީއަކީ އެތައް ބައެއްގެ ލޯތްބާއި އެހީތެރިކަމާއި ހިތްވަރު. އޭގެ ތެރޭގައި ޚާއްސަ ގޮތެއްގައި މަންމަ ހައްވާ ރަޝީދާގެ ނަން ފާހަގަކުރަން. މީގެ އިތުރުން އާއިލާގެ ހުރިހާ މެމްބަރުންނާއި ގާތް އެކުވެރިންނާއި އެކުގައި މަސައްކަތްކުރި ނޫސްވެރިންނާއި އިރުޝާދުދެއްވި އެޑިޓަރުންގެ ނަންތައް ވެސް ފާހަގަކުރަން،" ހަމްދޫން ވިދާޅުވިއެވެ.

comment ކޮމެންޓް