ފީފާ ވޯލްޑް ކަޕް 2022: ރޮނާލްޑޯގެ ފެންވަރު ފެންނާނެބާ؟

މި އަހަރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕަކީ ތަފާތު ވޯލްޑް ކަޕެކެވެ. 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށްވުރެ ހާސްގޮތުން ތަފާތު މުބާރާތެކެވެ. އެގޮތުން ބަލާއިރު މިއަހަރުގެ މުބާރާތް އެންމެ ޚާއްސަ ވާނެ އެއް ކުޅުންތެރިއަކީ ޕޯޗުގަލުގެ ކެޕްޓަން އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލުން ކުޅޭ ފުރަތަމަ މެޗު ގާނާއާ ދެކޮޅަށް މިރޭ ކުޅޭއިރު، މި މެޗުގައި ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމުގައި ބެލެވެއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިވާ ކުޅުންތެރިޔާގެ ފަރާތުން މިއަދު ފެންނާނެ ކުޅުން ބެލުމަށް މުޅި ދުނިޔެވެސް އޮތީ ކެތް މަދު ވެފައެވެ.

މެޗު ކުޅޭނެ ދަނޑު

މިރޭ 21:00 ގައި މެޗު ކުޅޭނީ ދުނިޔޭގެ ހަމައެކަނި އެއްތަނުން އަނެއް ތަނަށް ގެންދެވޭ ސްޓޭޑިއަމް ކަމުގައިވާ 974 ގައެވެ. 40،000 މީހުންގެ ކެޕޭސިޓީއެއް ހުންނަ ސްޓޭޑިއަމް 974 ހުޅުވާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި ސްޓޭޑިއަމް ފަރުމާކޮށްފައި ވަނީ ފެންވިކް އިރިބަރެންއެވެ.

ޝިޕިން ކޮންޓެއިނަރުތަކުން ފަރުމާ ކޮށްފައިވާ މި ސްޓޭޑިއަމްގައި ފީފާ ވޯލްޑް ކަޕްގެ 7 މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް 2021 ވަނަ އަހަރު ފީފާ އަރަބް ކަޕްގެ ބައެއް މެޗްތައް މި ސްޓޭޑިއަމްގައި ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޕޯޗުގަލް

ވިލާތުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫއެފާ ޔޫރޯ 2016 ވަނަ އަހަރު ކާމިޔާބުކުރި ޕޯޗުގަލް ޓީމަކީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއް ނަމަވެސް އެއީ ވޯލްޑްކަޕްގައި މާ ކާމިޔާބު ޓީމެކޭ ބުނެވޭކަށްނެތެވެ. މި އަހަރުގެ ވޯލްޑްކަޕަށް ޕޯޗުގަލްއިން ނުކުންނަނީ ސީދާ ތަށި ހޯދުމުގެ އަޒުމުގައެވެ. މިއީ ޕޯޗުގަލް މި މުބާރާތުގައި ކުޅޭ އަށްވަނަ ފަހަރެވެ.

މި އަހަރު ޕޯޗުގަލް ޓީމު ވާދަކުރާއިރު، އެޓީމުގެ ކެޕްޓަން އަދި އެންމެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑޯގެ މިއީ އެންމެ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ. އެހެންކަމުން ޕޯޗުގަލްގެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ.

ޕޯޗުގަލްގެ އެންމެ ފަހު ފަސް މެޗުގެ ނަތީޖާ

1. ޕޯޗުގަލް 4 - 0 ނައިޖީރިއާ (17 ނޮވެމްބަރު)

2. ޕޯޗުގަލް 0 - 1 ސްޕެއިން (27 ސެޕްޓެމްބަރު)

3. ޕޯޗުގަލް 4 - 0 ޗެކް ރިބަޕްލިކް (24 ސެޕްޓެމްބަރު)

4. ޕޯޗުގަލް 0 - 1 ސްވިޒަލޭންޑް (12 ޖޫން)

5. ޕޯޗުގަލް 2 - 0 ޗެކް ރިބަޕްލިކް (9 ޖޫން)

ގާނާ

އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "އެފްރިކަން ކަޕް އޮފް ނޭޝަންސް" ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ ގާނާއަކީ ފީފާ ރޭންކިންއަށް ބަލާއިރު މި އަހަރު ވޯލްޑްކަޕްގައި ކުޅޭ އެންމެ ދަށް ޓީމެވެ. ގާނާއަކީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމު ކަމުގައިވީނަމަވެސް އެ ޓީމަކީ ވޯލްޑްކްޕަގައި ކާމިޔާބު ޓީމެއް ނޫނެވެ. އެ ޓީމަށް ވޯލްޑްކަޕްގެ ޖާގަ ފުރަތަމަ ލިބުނީ 2006 ވަނަ އަހަރުއެވެ.

ގާނާގެ އެންމެ ފަހު ފަސް މެޗުގެ ނަތީޖާ

1. ގާނާ 2 - 0 ސްވިޒަލޭންޑް ( 17 ނޮވެމްބަރު)

2. ގާނާ 1 - 0 ނިކަރަގުއާ (27 ސެޕްޓެމްބަރު)

3. ގާނާ 0 - 3 ބްރެޒިލް (23 ސެޕްޓެމްބަރު)

4. ގާނާ 0 - 0 ޗިލީ (3-1 އިން ޕެނަލްޓީ އިން މޮޅުވީ) (14 ޖޫން)

5. ގާނާ 1 - 4 ޖަޕާން (10 ޖޫން)

ދެޓީމުގެ ތަރިން:

ޕޯޗުގަލް: ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޕޯޗުގަލް ޓީމުގެ ކެޕްޓަނެވެ. ބައިނަލްއަގްވާމީ ފުޓުބޯޅައިގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު ނިމުމަކާ ހަމައަށް އަންނައިރު އޭނާއަށް މިއަހަރުގެ ވޯލްޑްކަޕް ހާއްސައެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕަށް މި މުބާރާތް ވެދާނެކަމަށް ބެލެވޭއިރު، ވޯލްޑްކަޕަކާއެކު ކެރިއަރު ނިންމާލަން އޭނާއާއި އޭނާގެ ސަޕޯޓަރުން ވެސް ބޭނުންވެއެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 191 މެޗު ކުޅެ، 117 ގޯލު ޖަހައިފައެވެ.

ގާނާ: މުހައްމަދު ކުޑުސް

ގާނާގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މުހައްމަދު ކުންޑުސްއެވެ. އޭނާއަކީ މި ވޯލްޑްކަޕްގައި އެންމެ ވިދާލާނެ އެއް ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އުމުރުން 22 އަހަރުގެ ކުންޑުސް އަކީ އަޔެކްސްއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރެކެވެ. ޔޫރަޕްގެ ގިނަ ކުލަބުތަކުން ދަނީ އޭނާއަށް ފާރަލަމުންނެވެ. ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ކުންޑުސް އަންނަނީ ގާނާގެ ގައުމީ ޓީމަށް ކުޅެމުންނެވެ. އެގޮތުން އޭނާ ވަނީ 18 މެޗެއް ގާނާ ގައުމީ ޓީމަށް ކުޅެ، ފަސް ގޯލު ޖަހައިފައެވެ.

comment ކޮމެންޓް