30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މެލޭޝިއާގެ ބޮޑުވަޒީރުކަން އަންވަރު އިބްރާހީމަށް

އަންވަރު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަނީ

ކުއާލަލަންޕޫރު (24 ނޮވެމްބަރު 2022) : މެލެޝިއާގައި އައު ސަރުކާރުގެ ބޮޑުވަޒީރުކަމަށް އެގައުމުގެ އާންމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދި ޕަކަޓަން ހަރަޕަން ކޯލިޝަންގެ ވެރިޔާ އަންވަރު އިބްރާހީމް އައްޔަންކުރުމަށް އެގައުމުގެ ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީން މުސްތަފާ ނިންމެވުމާއެކު އަންވަރު ބޮޑުވަޒީރުކަމުގެ ގާނޫނީ ހުވާ ކުރައްވައިިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރަސްގެފާނު މިގޮތަށް ނިންމެވީ މެލޭޝިއާގެ އާންމު އިންތިޚާބުގައި އެއްވެސް ކޯލިޝަނަކަށް އަދި ޕާޓީއަކަށްވެސް އަޣްލަބިއްޔަތު ލިބިފައިނުވާތީ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އަންވަރުގެ ކޯލިޝަނުން ކަމަށްވުމުންނެވެ.

މެލޭޝިއާގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ދެވަން ރަކްޔަތްގައި 222 ގޮނޑި ހިމެނޭއިރު މަތިގެކަމަށްވާ ދެވަން ނެގާރާގައި ހިމެނެނީ 70 ގޮނޑިއެވެ. މެލޭޝިއާގައި އޮންނަނީ އިނގިރޭސިވިލާތުގައި އޮންނަ ބާވަތުގެ ވެސްޓްމިނިސްޓަރ ސްޓައިލްގެ ޕާލަމެންޓްރީ ނިޒާމެކެވެ. އާންމު އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ދެވަން ރަކްޔަތް ގައި ހިމެނޭ 222 ގޮނޑީގެ ތެރެއިން މަދުވެގެން 112 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ސަރުކާރެއް އެކުލަވާލާލައި އެސަރުކާރަށް ޕާލަމެންޓްގެ ރުހުން ހޯދޭނީ ދެވަން ރަކްޔަތުގައި ހިމެނޭ 222 ގޮނޑީގެ ތެރެއިން މަދުވެގެން 112 ގޮނޑި ލިބިގެންނެވެ. އަންވަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުން މިހާރު އޭނާއަށް ޖެހިވަޑައިގަންނަވާނީ މިއަދަދަށް ގޮނޑި ހޯދައިގެން ސަރުކާރެއް އެކުލަވާލައި އެސަރުކާރަށް ޕާލަމެންޓްގެ ތިރިގޭގެ ތާއީދު ހޯއްދަވާށެވެ. ތާއީދު ލިބޭނީ މަދުވެގެން އެތަނުގެ 112 ގޮނޑި ހޯދައިގެންނެވެ.

އަންވަރުގެ ޕަކަޓަން ހަރަޕަން ކޯލިޝަނަށް ލިބިފައިވަނީ 82 ގޮނޑިއެވެ. އަނެއް 30 ގޮނޑި ހޯދުމަށް އަންވަރު ޖެހިވަޑައިގަންނަވާނީ އެހެން ޕާޓީތަކާ އެކު ނޫނީ އެހެން ކޯލިޝަނަކާއެކު ކޯލިޝަނެއް ހަދާށެވެ.

އަންވަރު ކުރިން ވިދާޅުވެފައިވާގޮތުން ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ޕެރިކާޓަން ނެސިނަލް ކޯލިޝަންއާ އޭނާ ބައިވެރިވެވަޑައި ނުގަންނަވާނެއެވެ. ޕެރިކާޓަން ނެސިނަލް ކޯލިޝަނަށް 73 ގޮނޑި ލިބިފައިވެއެވެ. އަދި މެލޭޝިއާގެ ސަލަފީ ފިކުރުގެ ދީނީ ޕާޓީއެއްކަމަށްވާ ޕާސް ޕާޓީ އާވެސް އޭނާ ގުޅިވަޑައިނުގަންނަވާނެއެވެ. އެއީ ޕާސް ޕާޓީން ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުންނެވެ.

އެހެންކަމުން މެލޭޝިއާގެ އައު ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ކުރިމަތީގައި އޮތީ ތިންވަނައަށް އެންމެ ގިނަ ގޮނޑި ހޯދި އަމްނޯ ކޯލިޝަންއާ ބައިވެރިވެވަޑައިގަތުމެވެ. އެއީ މިހާރު ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޯލިޝަންއެވެ. އަދި އެންމެފަހުން ބޮޑުވަޒީރުކަމުގައި ހުންނެވި އިސްމާއީލް ސަބްރީގެ ކޯލިޝަންވެސް މެއެވެ. އެކޯލިޝަނަށް ޕާލަމެންޓްގެ 30 ގޮނޑި ލިބިފައިވެއެވެ. އެކޯލިޝަންގެ ތާއީދު ލިބިއްޖެނަމަ ސިންޕަލް މެޖޯރިޓީއަކާއެކު އަންވަރަށް ސަރުކާރެއް އެކުލަވާލައި އެސަރުކާރަށް ޕާލަމެންޓްގެ ރުހުން ހޯދިދާނެއެވެ.

އަންވަރު، މެލޭޝިއާގެ ބޮޑުވަޒީރުކަން ހޯއްދަވަން މަސައްކަތްކުރައްވާތާ 30 ވަރަކަށް އަހަރުވެފައިވެއެވެ. ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށްފަހު އަންވަރު ވިދާޅުވިގޮތުގައި އެހެން ޕާޓީތަކުގެ ތާއީދާއެކު އޭނާގެ ކޯލިޝަނަށް 112 ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ތާއީދު ލިބޭނެ ޕާޓީތަކުގެ ނަމެއް އަދި ކޯލިޝަން ހަދާނެ ޕާޓީތަކެއް އަންވަރު ހާމައެއް ނުކުރައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް