ހުޅުމާލޭގެ އިމާރާތްތަކުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެޗްޑީސީއިން ދީފި

ހުޅުމާލޭގެ ފްލެޓެއް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއަށް ވިޔަފާރި ކުރުމުގެ ހުއްދަ އެޗްޑީސީއިން ދީފިއެވެ.

އެޗްޑީސީއިން ބުނީ އެ ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުންނާއި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

ހުއްދަ ދޫކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އަމިއްލަ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައެވެ. އެތަންތަނުގައި ގަރާޖު އަދި ގުދަންކުރުން ފަދަ އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެތަންތަނުގެ ތެރޭގައި އެ އިމާރަތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާވެސް ހިމެނެއެވެ.

އެޗްޑީސީއިން ހުއްދަ ދޫކުރާ ތަންތަނުގެ ފުރަތަމަ ފަންގިފިލާއިން ފިހާރަތަކާއި، ރެސްޓޯރެންޓް އަދި އެހެނިހެން ޚިދުމަތްދޭ ވިޔަފާރިތައް ހިންގޭނެއެވެ.

ހުޅުމާލޭގެ އިމާރަތްތަކުގެ ފުރަތަމަ ފަންގިފިލާގައި ކޮމާޝަލް ވިޔަފާރިކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރިތައް އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިޔުމަށްވެސް މަގު މަގުފަހިވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީއިން ވަނީ ސަރުކާރުން ވިޔަފާރިތައް ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކޮށް، އެ މަސައްކަތުގައި އަބަދުވެސް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް