މިއީ މިހާތަނަށް ފެންނާނެ އެންމެ ވަރުގަދަ ސްވިސް ސްކޮޑު: ކޯޗު

ވޯލްޑް ކަޕް 2022 އަށް އެކުލަވާލި ސިވިޒަލެންޑް ޓީމުގެ ސްކޮޑަކީ، ތާޜީޚުގައިވެސް ބައިނަލްއަގްވާމީ މުބާރާތަކަށް އެގައުމުން ނެރޭނެ އެންމެ ވަރުގަދަ ސްކޮޑު ކަމަށް، ޓީމުގެ ކޯޗު މުރާޓް ޔާކީން ބުނެފިއެވެ.

މުބާރާތުގައި ސްވިސް ޓީމުން ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު ފަހު ކެމަރޫން އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މުރާޓް ބުނީ، ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އެ ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.

އަދި މިފަހަރުގެ މުބާރާތަށް ނުކުންނަނީ، ތާރީޚީ ކާމިޔާބީތަކެއް ހޯދާ، ތާރީޚުގައި ލިޔެވޭނެފަދަ ކުރިއެރުންތަކެއް ހޯދުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ކޯޗު މުރާޓް ބުނެފައިވެއެވެ.

މުރާޓް އިތުރަށް ބުނީ، ބުރަ މަސައްކަތާއި އެތައް ތަމްރީނަކަށްފަހު ވޯލްޑް ކަޕަށް އައީ، ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާން ނޫން ކަމަށާއި، މި ބުރު ހުރަސް ކޮށް، ރައުންޑް އޮފް 16 ގެ ޖާގަ ކަށަވަރުކުރުމަށް ކަމަށެވެ.

މުރާޓް މިހެން ބުނެފައިވާއިރު، އެންމެފަހުން އެޓީމުން ކުޅުނު ތިން ވޯލްޑް ކަޕުގެ ތެރެއިން ދެ ވޯލްޑް ކަޕުގައި ވަނީ ރައުންޑް އޮފް 16 އާއި ހަމައަށް ދަތުރު ކޮށްފައެވެ.

އެހެންނަމަވެސް އެޓީމަށް ރައުންޑް އޮފް 16 އިން ކުއާޓަރ ފައިނަލަށް ދަތުރުކުރެވިފައި ވަނީ ތާރީޚުގައި ވެސް އެންމެ ތިން ފަހަރުއެވެ. އެއީ އެޓީމު ކުޅުނު އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި 1934 އަދި 1938 ގެ ވޯލްޑް ކަޕުގެ އިތުރުން އެގައުމުގައި ބޭއްވި 1954 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ.

އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު އާންމުކުރި ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގައި 15 ވަނައިގައި އޮތް ސްވިޒަލެންޑު ޓީމާއި ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނާނީ، އެޓީމަށްވުރެ 28 ދަރަޖަ ދަށުގައި، ރޭންކިންގެ 43 ވަނައިގައި އޮތް ކެމަރޫން އެވެ.

މެޗު ކުޅޭ ދަނޑު

އަލް ޖަނޫބް ސްޓޭޑިއަމް

އަލް ޖަނޫބް ސްޓޭޑިއަމް ---

ގަތަރުގެ އަލް ވަކްރާގައި ހުންނަ އަލް ޖަނޫބް ސްޓޭޑިއަމް ރަސްމީކޮށް ހުޅުވީ 2019 ވަނަ އަހަރު ބޭއްވި އާމިރު ކަޕްގެ ފައިނަލް މެޗްގެ ކުރިންނެވެ. 40،000 މީހުންގެ ޖާގަ އޮންނަ މި ސްޓޭޑިއަމް ފަރުމާ ކޮށްފައިވަނީ އިރާގު އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު އާކިޓެކްޓް ޒަހާ ހަޑިޑްއެވެ.

މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ އެ ސަރަހައްދުގައި ދުއްވާ ބޯޓުގެ ރިޔާތައް އަސްލަކަށް ބަލައިގެންނެވެ. މީގެއިތުރުން ސްޓޭޑިއަމްގެ ފުރާޅު ފަރުމާކޮށްފައިވަނީ އަލް ވަކްރާޙްގެ ކަނޑުދަރުކުރުމުގެ ތާރިޙަށް އަލިއަޅުވާލައިގެންނެވެ. މި ދަނޑުގައި މި އަހަރުގެ ވޯލްޑް ކަޕްގެ 7 މެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ރައުންޑް އޮފް 16 ގެ މެޗުތައްވެސް ހިމެނެއެވެ.

ސްވިޒަލެންޑް

ސްވިޒަލެންޑަކީ ފީފާ ވޯލްޑް ކަޕުގައި ޖުމްލަ 10 ފަހަރަށް ކުޅެފައިވާ ގައުމެކެވެ. މިއީ އެ ގައުމުން މުބާރާތުގައި ކުޅޭނެ 11 ވަނަ ފަހަރެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖުގައި ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16 އަށް ދަތުރުކޮށް، އެ ބުރުން ކެޓީ ސްވިޑަން އަތުން ބަލިވެގެންނެވެ.

ޓީމުގެ ތަރި

ގްރެނިޓް ޒަކާ:

ގްރެނިޓް ޒަކާ ---

ވޯލްޑް ކަޕް ފެށުމަށް ފުޓުބޯޅަ ލީގުތައް މެދުކަނޑާލިއިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަދި ރަނގަޅު ފޯމެއްގައި ހުރި ޒަކާ އަކީ ސްވިސް ޓީމުގެ އެންމެ މޮޅު އަދި އެންމެ މުހިންމު ކުޅުންތެރިޔާ ކަމާއިމެދު ދެބަސް ވާނެ މީހަކު ނުހުންނާނެއެވެ.

އުމުރުން 30 އަހަރުގެ ޒަކާ އާސެނަލް އަށް ކުޅެން ފެށި 2016 ވަނަ އަހަރުއެވެ. މިއަދާއި ހަމައަށް އިނގިރޭސި ލީގުގައި 202 މެޗު ކުޅެފައިވާ ޒަކާ، ސްވިޒަލެންޑުގެ ސީނިއަރ ގައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރުއެވެ.

މިހާތަނަށް ގައުމީ ޓީމަށް 107 މެޗު ކުޅެދީފައިވާ ޒަކާ ވަނީ 12 ލަނޑު އެޓީމަށް ޖަހައިދީފައެވެ.

ޒަކާ ވަނީ 2009 ވަނަ އަހަރު ސްވިޒަލެންޑުގެ ޒުވާން ޓީމާއެކު 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ސީނިއަރ ގައުމީ ޓީމާއެކު ޒަކާ އަށް އަދި ސްވިސް ޓީމަށް ކާމިޔާބީއެއް ހޯދާދެވިފައެއް ނުވެއެވެ.

ކެމެރޫން

ކެމެރޫން އިން މިހާތަނަށް ހަތް ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕުގައި ކުޅެފައިވެއެވެ. މިއީ އެ ޓީމުން މުބާރާތުގައި ކުޅޭ އަށް ވަނަ ފަހަރެވެ.

ކެމަރޫން އިން މުބާރާތުގައި އެންމެ ފުރަތަމަ ކުޅެފައި ވަނީ 1982 ވަނަ އަހަރުއެވެ. ވޯލްޑް ކަޕުގައި ކެމަރޫން އަށް އެންމެ ދުރަށް ދެވިފައިވަނީ ކުއާޓަރ ފައިނަލާއި ހަމައަށެވެ. އެއީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ.

ކެމަރޫން އިން މިފަހަރުގެ ވޯލްޑް ކަޕުގައި މި ކުޅެނީ އަށް އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. އެންމެފަހުން ކުޅެފައި ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގައި ކެމަރޫން ރޭންކު ކޮށްފައިވަނީ އެންމެ ފުލަށް ނުވަތަ 32 ވަނަ އަށް ދިޔަ ޓީމުގެ ގޮތުގައެވެ.

އެ ޓީމު މުބާރާތް ނިންމާލީ ގްރޫޕް ސްޓޭޖުގައި ޕޮއިންޓެއް ނުލިބި އޮތް ތިން ޓީމުގެ ތެރެއިން އެއް ޓީމުގެ ގޮތުގައެވެ.

ޓީމުގެ ތަރި

އެރިކް މެކްސިމް ޗޫޕޮ މޯޓިންގް:

އެރިކް މެކްސިމް ޗޫޕޮ މޯޓިންގް..

ޖަރުމަނުގެ ބުންޑަސްލީގާގައި ކުޅެމުން އަންނަ އެރިކް މެކްސިމް ޗޫޕޯ މޯޓިންގް އަކީ ކެމެރޫން ޓީމުގެ އެންމެ ވަރުގަދަ އެއް ހަތިޔާރެވެ.

ޖަރުމަނުގެ ޕާސްޕޯޓެއް ވެސް އޮންނަ ޗޫޕޮ މޯޓިންގް ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ފުރަތަމަ ކުޅެފައިވަނީ ޖަރުމަނުގެ ޒުވާން ގައުމީ ޓީމަށެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ޖަރުމަނުގެ ޒުވާން ގައުމީ ޓީމުތަކަށް އޭނާ ވަނީ ކުޅެފައެވެ.

ކެމެރޫންގެ ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ވާދަވެރި މެޗެއް ކުޅެފައިވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ފީފާ ވޯލްޑް ކަޕުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައިވެސް އޭނާ ވަނީ ކެމެރޫންގެ ގައުމީ ޓީމަށް ކުޅެފައެވެ.

މިއީ އޭނާ ފީފާ ވޯލްޑް ކަޕުގައި ކުޅޭނެ ތިންވަނަ ފަހަރެވެ.

ކެމެރޫންގެ ސީނިއަރ ގައުމީ ޓީމަށް މިހާތަނަށް 69 މެޗު ކުޅެދީފައިވާ ޗޫޕޮ މޯޓިންގް ވަނީ އެޓީމަށް 19 ލަނޑު ވެސް ކާމިޔާބު ކޮށްދީފައެވެ.

މިހާތަނަށް އައި އިރު ކެމެރޫން އާއިއެކު އޭނާއަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީ އަކީ 2021 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި ތިންވަނަ ހޯދުމެވެ.

ހެޑް-ޓު-ހެޑް

މިހާތަނަށް އައި އިރު ކެމަރޫން އާއި ސްވިޒަލެންޑް ފުޓުބޯޅައިގައި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

comment ކޮމެންޓް