ޒިޔަދަމްގެ މަރަށް ހަތް އަހަރު، އަންނަ މަހު ހުކުމް ކުރަނީ

ޒިޔަދަމަށް ހަމަލަދީ މަރަލާފައި އޮތް އިރު (މ): ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ އަލީ ސިފާމް (ކ) އަދި ޝަނޫނުގެ މައްޗަށް ----

މީގެ ހަތް އަހަރުކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންގެ މައްސަަލަ އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް ދެ މީހަކު އައިސް ޒިޔަދަމްގެ ފަލަމަސްގަނޑަށް, އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

ގާޒީން ބަދަލުވުމާއި އެހެނިހެން ސަބަބުތަކާ ހެދި ދިގުލައިގެން ގޮސްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމައި ޚުލާސާ ބަޔާން އިއްވާފައި އޮތް ނަމަވެސް މިއަދު ވަނީ އިތުރު އަޑުއެހުމެއް ބާއްވާފައެވެ. އެއީ ޝަރީއަތުން ބައެއް ކަންކަން ސާފު ކުރަން ހުރުމުންނެވެ.

އެގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެކަންކަން ލިޔުމުން ކޯޓަށް ހުށަހެޅުމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނަށް ދަންނަވާފައެވެ. އަދި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު އޭރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް ވެސް ޑޮކްޓަރު ބުނެފައިވެއެވެ.

comment ކޮމެންޓް