50 ރުފިޔާގެ އައު ނޫޓު އަންނަ މަހު ދައުރުވާން ފަށާނެ

ދިވެހި ފަންސާސް ރުފިޔާގެ އައު ނޫޓު

އަންނަ މަހުން ފެށިގެން "ރަން ދިހަ ފަހެއް" ސީރީޒްގެ އައު 50 ރުފިޔާގެ ނޫޓު، ދައުރުވާ ފައިސާގެ ތެރެއަށް ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ތައާރަފުކުރި 50 ރުފިޔާގެ އައު ނޫޓުތަކުގެ އެންމެ ޚާއްސަ ކަމަކީ ދިވެހި ރުފިޔާގެ ނިޝާން މި ނޫޓުތަކުގައި ހިމަނާފައިވުމެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމެވެ. އަދި މިނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެންބަރު 2022 ،12 ޞަފަރު 1444 އެވެ.

އަލަށް ޗާޕުކޮށްގެން ދިވެހި ރުފިޔާގެ ނިޝާނު މި ނޫޓުތަކުގައި ހުރި ނަމަވެސް، މިއާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ދިވެހި ރުފިޔާގެ ނިޝާން ނެތް ނޫޓުތައްވެސް ދައުރު ވާނެއެވެ.

"ރަން ދިހަ ފަހެއް ސީރީޒް" ގެ ނޫޓުތަކަކީ 2016 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުކުރި ނޫޓުތަކެކެވެ. އެގޮތުން އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

comment ކޮމެންޓް