އޮޒިލްއަށް ހަދާލި ގޮތާއި ޖަރުމަނުގެ މިއަދުގެ ހާލަތުން ހުސް އިބުރަތް!

މުސްލިމުންނާއި މުސްލިމުންގެ ދިފާއުގައި ބަސް ބުނާ މީހުންނަށް ދުނިޔޭގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރަސް ތަކުގެ ވާހަކަ އަކީ އައު ވާހަކަތަކެއް ނޫނެވެ.

މި ލިޔުމުގައި ބަލައިލާން މި އުޅެނީ، މި ފަހުން އިސްލާމް ދީނުގެ ދިފާއުގައި ބަސް ބުނި ޝަޚްޞަކަށް ކުރިމަތިވި މިފަދަ ކަމަކަށެވެ. މި ޝަޚްޞު މި "ހައިލައިޓް" ކޮށްލަނީ، މި ދުވަސް ވަރަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް، ފީފާ ވޯލްޑް ކަޕުގެ ދުވަސްވަރަށް ވުމުންނާއި، މިއީ މި ޖީލުގެ ގިނަ ބަޔަކު ދަންނަ ޝަޙްސެއް ކަމަށް ވުމުންނެވެ.

މި ޖީލުގެ ފުޓުބޯޅައިގެ "އެސިސްޓް ކިންގް" ކަމަށް ބުނާ، ފުޓުބޯޅައިގެ ދުނިޔޭގައި ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ ފުޓުބޯޅަ ކުޅުންތެރިއެއްގެ ވާހަކަ އަށެވެ.

މެސަޓް އޮޒިލްގެ ކާމިޔާބީ އަށާއި، އޭނާގެ ނަން ފަނޑު ކޮށްލަން ބަޔަކު ކުރި މަސައްކަތުގެ ވާހަކަ އަށެވެ.

ފުޓުބޯޅައިން ދުނިޔޭގައި ނަމާއި ޝަރަފާއި ފައިސާ ހޯދާ، އެތައް ބައެއްގެ ލޯބި ހޯދި އޮޒިލްގެ "ކުށަކަށް" ވީ ހަމައެކަނި މުސްލިމުންގެ ދިފާއުގައި ބަސް ބުނުމެވެ.

ޗައިނާގެ ޒިންޖިއާންގް ޕްރޮވިންސުގެ އުއިގޫރް މުސްލިމުން، ކޭންޕުތަކުގައި ބަންދުކޮށް ރޭވިގެން ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އެގައުމުގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ބަސް ބުނުމެވެ.

މިއާއެކު އެތައް މަސައްކަތަކާއި ހިތްވަރަކުން އޭނާ ބިނާކުރި 14 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ހިޔަންޏެއް އެޅުނެވެ.

ހުޅަނގުގެ މީޑިއާތަކާއި ހުޅަނގަށް ނިސްބަތްވާ ބައެއް ގައުމުތަކާއި ފުޓުބޯޅަ ކުލަބުތަކުން އޮޒިލް "ބްލެކްލިސްޓު" ކުރީއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މީސްމީޑިއާގެ އެކައުންޓްތައް ބޭނުންކޮށްގެން ޗައިނާގެ މުސްލިމުންގެ ހައްގުގައި އޮޒިލް ވަނީ އަޑުއުފުލަން ފަށާފައެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް، ބާރުހުރި ބޮޑެތި މުސްލިމް ގައުމުތަކުން ޗައިނާގެ މުސްލިމުންގެ ދިފާއުގައި ނުތެދުވަނީ ކީއްވެތޯ އޮޒިލް ވަނީ ސުވާލުއުފައްދާފައެވެ.

ޓުވިޓާ މެދުވެރިކޮށް އޮޒިލް ދިން މެސެޖު ----

ޤުރުޢާން އަންދާ، މިސްކިތްތައް ބަންދުކޮށް، އިލްމުވެރިން މަރަމުން ގެންގޮސް މުސްލިމު އަންހެން ކަނބަލުން އެގައުމުގެ ކާފަރުންނާ އިނުމަށް މަޖުބޫރުކޮށް، ގަދަކަމުން ރަލާއި އޫރުމަސް ކާންދޭއިރު އެކަމާއި ދެކޮޅަށް ނުތެދުވަނީ ކީއްވެތޯ އޮޒިލް ވަނީ ސުވާލުކޮށްފައެވެ.

މީސްމީޑިއާ މެދުވެރިކޮށް އޮޒިލް ވަނީ އާސެނަލްގެ ވެރިންގެ ކިބައިން، އޭނާގެ މި ގޮވާލުމުގައި ބައިވެރިވުމަށް އެދިފައެވެ.

ޗައިނާގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެކަންތައް ހުއްޓާލުމަށް ގޮވާލިއެވެ. އޮޒިލްގެ މިއެދުމަށް އާސެނަލްއިން ދިނީ ހީކުރިގޮތާ މުޅިން ހިލާފު ޖަވާބެކެވެ. ޗައިނާ ބަހުން ޗައިނާގެ ވެބަސައިޓެއް ކަމަށްވާ ވެއިބޯގައި އެޓީމުގެ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޮޒިލްގެ ބަޔާނަކީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ޓީމުގެ އެއްވެސް ބައިވެރިވުމެއް ނެތި އޭނާގެ އަމިއްލަ ހިޔާލު ފާޅުކޮށް ނެރުނު ބަޔާނެއް ކަމަށެވެ.

ތެދު ތެދަށް ބުނާނަމަ ޗައިނާ ދެކެ އާސެނަލް ބިރު ގަތީއެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އާސެނަލް އަކީ ޗައިނާގައި އެތައް ވިޔަފާރިއެއް ކުރަމުން އަންނަ ކުންފުންޏެއްގެ ހިންގުމުގެ ދަށުގައިވާ ކުލަބެކެވެ. އާސެނަލްއިން އަވަސްވެގަތީ އެގައުމުގައި އާސެނަލް އިން ހިންގަމުންދާ ތަފާތު އެތައް ވިޔަފާރިތައް ހުއްޓިދާނެކަމުގެ ބިރަށް އަވަހަށް އެޓީމުގެ ރައްކާ ހޯދުމަށެވެ.

ޗައިނާގެ ރައްދު ތަފާތެވެ. އޮޒިލް އާސެނަލް އަށް ކުޅޭތީ، އެ ކުލަބު ކުޅޭ މެޗުތައް ޗައިނާގައި ނުބެލޭ ގޮތަށް ހަދައި، އާސެނަލްގެ ޖާޒީތަކާއި އެޓީމަށް ސަޕޯޓްކުރުމަށް ބޭނުންކުރާ އެކިއެކި ސާމާނު އަންދާ އެގައުމުގައި ވިއްކުމަށްވެސް ދަތިތަކަކާއި ކުރިމަތި ކުރުވިއެވެ.

އޮޒިލްގެ ވާހަކަ ތަކާއި ގުޅިގެން ޗައިނާގެ ދައުލަތުގެ ޓީވީން އާސެނަލްގެ މެޗު ނުދައްކަން ނިންމިކަން ހާމަކޮށްދޭ ޚަބަރެއް..

މިއާއިއެކު ގަންނާކުރެއްވި ބިރުން އާސެނަލް އިން އޮޒިލް ބާކީ ކުރަން ފެށީއެވެ. މެޗުތަކުގައި އޮޒިލް އަށް ފުރުސަތު ނުދިނީއެވެ. މަޑުމަޑުން ސަފުން ބާކީކޮށް މުޅިން އެކަހެރި ކޮށްލީއެވެ.

މިފަދަ އެތައް ގޮންޖެހުމަކާ އެކު އެންމެފަހުން އޮޒިލް ނިންމީ، ޔޫރަޕުގެ ބޮޑެތި ކުލަބުތައް ދޫކޮށް ތުރުކީ ލީގުގައި ކުޅޭށެވެ.

ޖަރުމަނުގެ ގައުމީ ޓީމުންނާއި އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުންވެސް އޮޒިލް އަށް އެމީހުންގެ "ނުލަފާކަން" ދައްކާލިއެވެ. ތުރުކީގެ ރައީސް، އުރުދުގާން އާއެކު އޮޒިލް ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމުން، އޮޒިލް އަކީ ގައްދާރެއް ކަމަށް ޖަރުމަނުގައި އަޑު ފެތުރެން ފެށިއެވެ. އާންމުންގެ ތެރެއަށް ވުރެން ބޮޑަށް މަތިފަޑީގައެވެ.

"ބޮޑު ކަންތައް ގަނޑަކަށް" ހަދައިގެން އިނގިރޭސިވިލާތުގެ ނޫހަކުން ދައުރުކުރި އޮޒިލް އާއި އުރްދުގާންގެ ފޮޓޯ ---

އޮޒިލް ހާމަކޮށްފައިވާ ގޮތުގައި އެފްއޭގެ އިސް ވެރިންގެ ފަރާތުންވެސް ނަސްލީ ގޮތުން ތަފާތު ކުރުމާއި، ފުރައްސާރަކުރުން އިންތިހާއަށް ގިނަ ވީއެވެ.

މިގޮތަށް ކަން ހިނގަމުން ދަނިކޮށް، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަނު ޓީމަށް ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާން ޖެހުމުން، "ގުރުބާން" ކުރި "ކަންބަޅި" އަކަށް ހެދީ އޮޒިލްއެވެ. މިފަދަ އެތައް ފުރައްސާރަ އަކަށް ކެތް ނުކުރެވިގެން އޮޒިލް އެންމެފަހުން ނިންމީ ގައުމީ ޓީމުން ރިޓަޔަރ ކުރުމަށެވެ. އޮޒިލްގެ ބައްޕަ ވެސް ވަނީ އޮޒިލްގެ ކިބައިން ގައުމީ ޓީމުން ރިޓަޔަރ ކުރަން އެދިފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަނު ޓީމުން ކުޅުނު މެޗެއްގެ ތެރެއިން އޮޒިލް ---

އޮޒިލް އާއި ދޭތެރޭގައި ކަންކުރި ގޮތް ދިފާއު ކުރުމަށް ހުޅަނގުގެ ގަދަ ބާރު ތަކުން ދައްކާ ހުއްޖަތެއް އޮވެއެވެ. ފުޓުބޯޅައިގެ ތެރެއަށް އެކިއެކި ގައުމުތަކުގެ ދާޚިލީ މައްސަލަތަކާއި، ސިޔާސީ ޕްރޮޕެގެންޑާތައް ގެނައުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެއެވެ.

މައްސަލައެއް ނެތެވެ. މުސްލިމުންގެ ދިފާއުގައި ބަސް ބުނުމުން މީހެއްގެ މުޅި ދިރިއުޅުން ހަލާކު ކުރަން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ފުޓުބޯޅައަށް އެފަދަ މައްސަލަތައް "ވައްދަން" އުޅުމުންނެވެ.

މައްސަލަ އަކަށް ވަނީ، 2022 ވަނަ އަހަރުގައި ގަތަރުގައި ކުޅެމުންދާ ވޯލްޑް ކަޕުގައި، ސްޓޭޑިއަމާއި އެ ނޫންވެސް ތަންތަނުގައި، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުމުގެ ފުރުސަތު ގަތަރުން ނުދިނުމުން އެއީ ބޮޑު ކަންތައް ގަނޑަކަށް ހަދައިގެން އުޅުމެވެ.

ގަތަރަކީ، ތަރައްޤީ އާއި ތަމައްދުން އަދި ތަހުޒީބާ ބީރައްޓެހި ގައުމެއްގެ ގޮތުގައި ސިފަކޮށް، ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ.

ހުޅަނގުގެ ބޮޑެތި މީޑިއާ ތަކުން، ގަތަރާ ދެކޮޅަށް ހާއްސަ "ކެމްޕެއިނެއް" ފަށާފައިވެއެވެ. ނަތީޖާ އަކަށްވީ އެ ގައުމުތަކުގެ އާންމު ރައްޔިތުންވެސް މި ކެމްޕެއިންގައި ބައިވެރިވާން ފެށުމެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިއުނިކުން ކުޅުނު މެޗެއްގެ ތެރެއިން---

އެހެންނަމަވެސް ގަތަރުން ދެއްކީ ސާބިތު ކަމެވެ. ސާބިތުވެ ހުންނާނީ އިސްލާމް ދީނުގެ އުސޫލުތަކުގެ މަތީގައި ކަމެވެ.

އަމާން ދޭން ޖެހުނީ ދެކޮޅު ހެދި މީހުންނެވެ.

ވޯލްޑް ކަޕުގެ ގްރޫޕް އީގައި ޖަރުމަނާއި ޖަޕާން ބައްދަލު ކުރި މެޗަށް ނުކުތް ޖަރުމަނުގެ ފުރަތަމަ 11 އިން، މެޗުގެ ކުރިން ނެގި ޓީމު ފޮޓޯގައި، ހުރިހާ ކުޅުންތެރިންވެސް ތިބީ އަނގަ މަތީގައި އަތް އަޅައިގެންނެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗަށް ޖަރުމަނުން ނެރުނު ފުރަތަމަ 11 ---

އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުމުގެ ގޮތުން އަޅާ ކެޕްޓަން ބޭންޑު އެޅުމުގެ ފުރުސަތު ނުދިނުމުންނާއި، ފީފާއިން "ބްލެކްމެއިލް" ކުރާކަމަށް ބުނެ، އެކަމާއި ދެކޮޅަށް ކުރާ ހިމޭން އިހްތިޖާޖެއްގެ ގޮތުގައި އެވެ.

ކަން ދިމާކުރި ގޮތުން މި މެޗުން ޖަޕާން ވަނީ ޖަރުމަނުގެ މައްޗަށް ފަހަތުން އަރައި 1-2 އިން ކުރި ހޯދާފައެވެ.

މިއަދު ޖަރުމަނުގެ ގައުމީ ޓީމާއި ދިމާލަށް ގިނަބަޔަކު އަމާޒުކުރަމުންދާ ބަސް ތަކަކީ، މީގެކުރިން މެސަޓް އޮޒިލް އަށް އެ ފަރާތްތަކުން ބުނި ބަސްތަކެވެ. ފުޓުބޯޅަ އާއި ތިފަދަ "ޕޮލިޓިކަލް ޕްރޮޕެގެންޑާ" ތަކާއި ނުގުޅުވާށެވެ.

ގަތަރުން ބުނަނީ، "އަހަރުމެންގެ ގައުމުގައި އަހަރުމެންގެ ގަވައިދު ތަކާއި ގަބޫލުކުރުންތަކަށް އިޚްތިރާމް" ކުރާށޭއެވެ. "ދަނޑަށް ވަންނަނީ ތިފަދަ ކަންކަން ޕްރޮމޯޓު ކުރަން ނޫން" ކަމާއި މުބާރާތުގައި ކުޅޭ މެޗުތައް ބެލުމަށް ކަމަށެވެ.

މިއީ ވިސްނައިފި މީހަކަށް އިބުރަތެކެވެ.

comment ކޮމެންޓް