ފީފާ ވޯލްޑްކަޕް: ކެނެޑާ އަތުން ވަރުގަދަ ބެލްޖިއަމަށް ހަނި މޮޅެއް

ބަޓްޝުއާއީ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

ފީފާ ވޯލްޑްކަޕްގައި ބެލްޖިއަމްއިން ކެނެޑާ ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެގެންނެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުންވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ހާއްސަކޮށް މެޗުގައި ކެނެޑާގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިފައެވެ.

އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ކެނެޑާއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޔަނިސް ކަރެސްކޯ އަތުގައި ބޯޅަ ޖެހުމުން ކެނެޑާއަށް ވަނީ ޕެނަލްޓީ އެއް ދީފައެވެ. އެ ޕެނަލްޓީ ކެނެޑާގެ އަލްފަންސޯ ޑޭވިސް ޖެހި ނަމަވެސް ބެލްޖިއަމްގެ އިތުބާރު ކީޕަރު ކޯޓުއާ ވަނީ ހުސިޔާރު ކަމާއެކު އެ ޕެނަލްޓީ މަތަކޮށްފައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި މީޝީ ބަޓްޝުއާއީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ހަމަލާއަށް ކެނެޑާގެ ޑިފެންޑަރުން ވަނީ ހުރަސް އަޅާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބެލްޖިއަމުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ޓޮބީ އަލްޑެވާޑް ބެލްޖިއަމްގެ ހާފު ތެރެއިން ދިން ޕާހެއް ހިފައިގެން ބަޓްޝުއާއި ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ޖެހި ގޯލެކެވެ.

ބެލްޖިއަމް އަދި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގެޓީ އިމޭޖްސް

މެޗުގެ ފުރަތަމަ ހާފު ނިމިމުން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކެނެޑާއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ އިތުރު ފުރުސަތެއް ލިބިފައެވެ. ޓެޖަން ބުޗަނަން ބެލްޖިއަމް އޭރިއާ ބޭރުން ނެގި ހުރަހަކުން ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓު ތެރޭގައި ކެނެޑާއިން ނުރައްކާތެރި އިތުރު ހަމަލާއެއް އުފެއްދިއެވެ. އެ ޓީމުގެ ސްޓެފެން އެސްޓާކިއޯ ނެގި ހުރަސް އޭރިއާ ތެރެއިން ޑޭވިޑް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެއެވެ.

ވޯލްޑްކަޕްގައި ބެލްޖިއަމް ހިމެނެނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކްރޮއޭޝިއާއާއި މޮރޮކޯއެވެ. މިއަދި ހަވީރު އެ ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

comment ކޮމެންޓް