ކާތިކް އާރްޔަން އުފަންދުވަހު ބެލުންތެރިންނަށް ދިން ހިތްގައިމު ހަދިޔާ ބަލައިލަން ބޭނުން؟

އެކްޓަރު ކާތިކް އާރްޔަންގެ 32ވަނަ އުފަންދުވަހާ ގުޅުވައިގެން މިފަހަރު ފޭނުންނަށް ދީފައިވަނީ ވަރަށް ހިތްގައިމު ހަދިޔާއެކެވެ. ކާރްތިކްގެ އެންމެ އިންތިޒާރުކުރެވޭ ފިލްމު "ޝެހެޒާދާ"ގެ ފިލްމުގެ ފުރަތަމަ ޓީޒާވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ބަތަކާ ކްރިތީ ސެނޮންއާއެކު ކާތިކް ފެންނަ މިފިލްމަކީ، ތަމަޅަ އެކްޓަރު އައްލޫ އަރުޖުން އާއި ބަތަލާ ޕޫޖާ ހެޖްގެ ތަމަޅަ ފިލްމެއްގެ ރިމޭކްއެކެވެ. މީގެކުރިން ކްރިތީ ސެނޮންވަނީ ފިލްމު ރޯހިތް ދަވަންގެ "ލުއްކާ ޗުއްޕީ"އިން ކާތިކްއާއެކު ފެނިފައެވެ. ފިލްމު ޝެހެޒާދާ"އަކީ ރޯހިތް ދަވަންގެ ތިން ވަނަ ޑައިރެކްޝަނެވެ.

ސޯޝަލް މީޑިއާގައި ފިލްމުގެ އަލަތު ޓީޒާ ދައްކާލުމަށްފަހު ކާތިކް ލިޔެފައިވަނީ، ޢާއިލާއާ ގުޅޭ ކަމެއް ކުރިމަތިވެއްޖެނަމަ މަޝްވަރާ ނުކުރާނެކަމަށާއި، އޭގެ ބަދަލުގައި އެކަން ޢަމަލުން ދައްކާނެ ކަމަށެވެ. ހަމަ އެކަނި މިކެޕްޝަންއަށް ބަލާލުމުން ފިލްމުގައި ކާތިކް ފެންނަގޮތް ތަޞައްވަރުކުރެވޭނެއެވެ. އެކްޝަން ސީންތަކާއެކު ކާތިކް ފެންނަ މިފިލްމަކީ، މިހާތަނަށް އެކްޓަރު ކުޅެފައިވާ ފިލްމުތަކުން ނުފެންނަފަދަ ގޮތަކަށް 32އަހަރުގެ އެކްޓަރު ފެންނަ ފިލްމުވެސްމެއެވެ.

ކާތިކްއާއެކު މިހާތަނަށް ކުރެވުނު ތަޖުރިބާތައް ހިއްސާކުރަމުން ޕްރޮޑިއުސަރު ބޫޝަން ކުމާރް ބުނެފައިވަނީ ކާތިކްފަދަ އެކްޓަރަކާއެކު މަސައްކަތްކޮށްލަން ލިބޭ ފުރުސަތަކީ، ކޮންމެ ޕްރޮޑިއުސަރަކުވެސް ދެކޭނެ ހުވަފެނެއްކަމުގައެވެ. މިއަހަރު ރިލީޒްވި ކާތިކްގެ ފިލްމު "ބޫލް ބުލައްޔާ 2"ގެ ކާމިޔާބީއަށްފަހު އެކްޓަރުގެ ކެރިއަރަށްވަނީ ކާމީޔާބީގެ އާއުސްމިންތަކަކަށް ދިއުމުގެ މަގުކޮށައިދީފައެވެ.

މިއަހަރު ރިލީޒްވި ހިންދީ ފިލްމުތަކުގެތެރެއިން ވިޔަފާރީގެގޮތުންވެސް މިފިލްމަށްވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. މީގެއިތުރުން ކާތިކް ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންގްއަށް ބެލުންތެރިންގެ ތަރުޙީބު އަދިވެސްދަނީ ލިބެމުންނެވެ.

ކާތިކްގެ ކުރިޔަށްއޮތް ފިލްމު "ޝެހެޒާދާ" އަންނަ އަހަރުގެ ފެބްރުއަރީ 10ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު މިފިލްމަކީވެސް ކާތިކްގެ ފިލްމީ ކެރިއަރަށް އިތުރުވާނެ ކާމިޔާބީގެ ބޮޅެއްކަމަށް މިހާރުވެސް ގިނަބަޔަކުވަނީ ނިންމާފައެވެ.

comment ކޮމެންޓް