އަޖޭ ދޭވްގަންގެ އިތުރު ފިލްމެއްގެ ޓީޒާ ނެރެފި

ދާދިފަހުން ރިލީޒްވި ފިލްމު "ދްރިޝްޔަމް 2"ގެ ކާމިޔާބީގެ އަޑު ނުކެނޑެނީސް އެކްޓަރު އަޖޭ ދޭވްގަންގެ އިތުރު ފިލްމެއްގެ ޓީޒާ ދައްކާލައިފިއެވެ. މިފިލްމަކީ އަޖޭ އަމިއްލައަށް ޑައިރެކްޓްކޮށް އެކްޓަރެއްގެ ރޯލް ފިލްމުގައި ކުޅޭ ހަތަރު ވަނަ ފިލްމެވެ. "ބޯލާ"ގެ ނަމުގައި އުފައްދާ މިފިލްމަކީ، 2019ވަނަ އަހަރު ރިލީޒްވި ތަމަޅަ ފިލްމު "ކައިތީ"ގެ ރިމޭކްއެކެވެ. މިމަހު 18ވަނަ ދުވަހު ރިލީޒްވި ފިލްމު "ދްރިޝްޔަމް-2"އަކީވެސް ތަމަޅަ ފިލްމެއްގެ ރިމޭކްއެކެވެ.

ފިލްމު "ބޯލާ"ގައި އަޖޭގެ އިތުރުން ފެންނާނީ ބަތަލާ ތައްބޫއެވެ. މިފިލްމަކީ، އަޖޭގެ އަމިއްލަ ކުންފުނި އޭޑީ ފިލްމްސްއާއި ޓީ-ސީރީސް އަދި ރިލަޔަންސް އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދާ ފިލްމެކެވެ.

ފިލްމުގެ ޓީޒާއަށް ނަޒަރެއް ހިންގާލާއިރު އަޖޭ ފެންނަނީ، އިންޑިއާގެ ކުށްވެރިން ބައިތިއްބާފައިވާ ޖަލެއްގެތެރެއިން ފެންނަ ވަރަށް ބާރުގަދަ ޝަޚްޞިއްޔަތެއްގެގޮތުގައެވެ. ފިލްމުގައި އަޖޭ ފެންނަނީ ތަމަޅަ ފިލްމު "ކައިތީ"ގައި އެކްޓަރު ކާތީ ފެނުނު ފަދަ ވަރުގަދަ އެކްޝަން ރޯލަކުންނެވެ. އެހެންނަމަވެސް އަޖޭގެ ފިލްމު "ބޯލާ"ގައި ހަމައެކަނި ފެންނާނެ ތަފާތަކީ، އޭރުގެ އެކްޝަން ސީންތައް ޒަމާނާ އެއްގޮތަށް ފެއްތުމަށް ގެނެސްފައިވާ ބަދަލުތަކެވެ.

މިއަހަރު ރިލީޒްވި ތަމަޅަ ފިލްމު "ޕީއެސް1"ގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ކާތީ ބުނެފައިވަނީ "ކައިތީ"ގެ ރިމޭކް ބަލަން އޭނާ ކެތްމަދުވެފައިވާކަމުގައެވެ. "ކައިތީ"ގެ ރިމޭކް ގެނެސްދޭއިރު ފިލްމުގެ އަސްލު ނުގެއްލޭގޮތަށް އެއަށްވުރެ އުފެއްދުންތެރި ގޮތަކަށް ފިލްމު "ބޯލާ" ގެނެސްދޭނެކަމަށް ޤަބޫލުކުރާކަމަށްވެސް އެކްޓަރުވަނީ ބުނެފައެވެ.

އަޖޭއާއި ތައްބޫ އެކީގައި ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 30ވަނަ ދުވަހުއެވެ.

comment ކޮމެންޓް