ފީފާ ވޯލްޑްކަޕްގައި ބޮޑު ތަފާތަކުން ކޯސްޓަރީކާގެ މައްޗަށް ސްޕެއިންއިން ކުރި ހޯދައިފިއެވެ.
މެޗުގެ ހަތަރު ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ މެޗުގެ ލިޑު ނަގާނެ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ސްޕެއިންގެ ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ އަށް ވަނަ މިނެޓުގައި ވެސް ސްޕެއިންއަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްޕެއިންގެ ޕެޑްރީ ގޮންޒަލޭޒް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މަކޯ އެސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.
ފުލުފުލުގައި ކޯސްޓާ ރީކޯ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ސްޕެއިން އިން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޕެޑްރީ ދިން ތްރޫ ޕާހަކުން ޑެނީ އޮލްމޯ ޖެހި ރީތި ގޯލެކެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ޖޯޑީ އަލްބާ ނެގި ހުރަހަކުން މާކޯ އެސެންސިއޯ ޖެހި ގޯލެކެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ސްޕެއިން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސްޕެއިންގެ އަލްބާއަށް ކޯސްޓަރީކާގެ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރަކު ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެ ގޯލު ޖެހީ ފެރާން ޓޮރެސްއެވެ.
ދެވަނަ ހާފުގައި ވެސް ސްޕެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ފެރާން ޓޮރެސް ވަނީ ސްޕެއިންގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ސްޕެއިންގެ ގަވީ ވަނީ ރީތި ގޯލެއް ޖަހައިފައެވެ. އޮލްމޯ ޖައްސާލި ޕާހަކުން ގަވީ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. އެ ގޯލާއެކު ގަވީ ވެފައި ވަނީ ވޯލްޑްކަޕްގެ ތާރީޚްގައި ގޯލު ޖެހި ތިން ވަނައަށް އެންމެ ހަގު ކުޅުންތެރިއާއަށެވެ. އޭނާ ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާއި ތިން މަހާއި 18 ދުވަހެވެ.
އެ ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ސްޕެއިންއިން އިން ވަނީ މެޗުގެ ހަވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ނިކޯ ވިލިއަމް ކޯސްޓަ ރީކޯ އޭރިއާ ތެރެއަށް ނެގި ހުރަސް އެ ޓީމުގެ ކީޕަރު ނަވާސް އަތުގައި ޖެހިފައި ކުޅުމަށް ނިކުތުމުން ކާލޮސް ސޯލާއަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ސްޕެއިންއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ އޮލްމޯގެ އެހީތެރިކަމާއެކު އަލްވާރޯ މޮރާޓާ ޖެހި ގޯލެކެވެ.
ސްޕެއިން ވޯލްޑަކްޕްގައި ހިމެނިފައިވަނީ ގްރޫޕް އީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ޖަޕާން އަދި ޖަރުމަނެވެ.