ޖޭލޯގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހުސްކޮށްލައިފި!

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުގައި ކަޅު ފޮޓޯއެއް އާންމުކޮށް އޭގައި ހުރި ޕޯސްޓުތައް ނަގައިފިއެވެ.

ދާދިފަހުން ޖޭލޯގެ ފޭނުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބެލި އިރު ފެނުނީ ހައިރާން ކޮށްލި މައްޒަރެކެވެ. އޭނާގެ ހުރިހާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގެ ޕްރޮފައިލް ފޮޓޯ ހުރީ ކަޅު ކޮށްލާފައެވެ. ދެން ޖޭލޯގެ އިންސްޓަގްރާމް ހުޅުވާލައި ބެލިއިރު ކަޅު ކުލައިގެ ފޮޓޯއެއް ޕްރޮފައިލްއަށް ލައި ކުރިން ލާފައި ހުރި ހުރިހާ ފޮޓޯއެއް ވަނީ ނަގައިފައެވެ.

ޖޭލޯގެ ޕްލެޓްފޯމުތަކުގެ ތެރެއިން ޕޯސްޓުތައް ޑިލީޓްކޮށްފައި ނުވަނީ އޭނާގެ ޓިކްޓޮކުންނާއި ޓްވިޓާއިންނެވެ.

ޖުމްލަ 226 މިލިއަން ފޮލޮވަރުން ހިމެނޭ އިންސްޓަގްރާމް އެކައުންޓުގައި އެއްވެސް ޕޯސްޓެއް ނެތުމުން އެކަމާ ގުޅޭގޮތުން ފޭނުން އަންނަނީ ސުވާލުތައް އުފައްދަމުންނެވެ. މިކަމާ ގުޅޭގޮތުން ޖޭލޯގެ ފަރާތުން ވަކި ބަހެއް ލިބިފައި ނުވާއިރު އޭނާގެ ރިޕްރެޒެންޓޭޓިވުންގެ ފަރާތުން ވެސް ވަކި ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

އާންމުކޮށް މަޝްހޫރު ތަރިން ސޯޝަލް މީޑިއާތަކުން ޕޯސްޓުތައް ޑިލީޓުކޮށް އެކައުންޓުތައް ކަޅު ކުރަނީ ބޮޑު ކަމެއް އިއުލާނު ކުރުމަށް ތައްޔާރުވާތީއެވެ. ބައެއް ފަހަރު އެ ކަންތައްތަކަކީ އާންމު ދިރިއުޅުމުގައި ކަމެއް ހާމަކުރުމުގެ ކުރިން ކުރާ ކަމެކެވެ.

ނަމަވެސް ލަވަކިޔުންތެރިންނާއި އެކްޓަރުން އާންމުކޮށް ޕޯސްޓުތައް ޑިލީޓުކޮށް ހަދަނީ އާ އަލްބަމެއް އިއުލާނުކުރުމުގެ ކުރިންނެވެ. ޖޭލޯ އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ. "އޭކޭއޭ" ކިޔާ އެ އަލްބަމަށް ފަހު އެންމެ ފަހުން ޖޭލޯ ދެން ޕާފޯމް ކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ.

comment ކޮމެންޓް