ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރަން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފިއެވެ.

"މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް"ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ސަފީރުންގެ ވަފުދާ ރައީސް ބައްދަލު ކުރެއްވީ، މިއަދު މެންދުރު ފަހު އެމަނިކުފާނުގެ އޮފީހުގައެވެ.

އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވަނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދެނިސް ޗައިބީއެވެ. އަދި މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒާ އާއި ޖަރުމަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގާ ލޯތާގެ އިތުރުން ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާބޯކްއެވެ.

މީގެ އިތުުރުން އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާ އާއި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސާއި ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާ އިތުރަށް ގުޅުންބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

އެގޮތުން، އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސް ދައުރު ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އދގެ ހިއުމަން ރައިޓްސް ކައުންސިލު (ޔޫއެންއެޗްއާރުސީ)ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައި ވާތީ އެކަން ފާހަގަކުރައްވައި އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވަފުދުގެ ބޭފުޅުން ވަނީ ޔޫއެންއެޗްއާރުސީ މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ވަފުދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

comment ކޮމެންޓް