ބެލްޖިއަމްގެ ގޯލްޑެން ޖެނަރޭޝަން ވޯލްޑްކަޕުން ފެންނާނެ: މާޓިނޭޒް

މިފަހަރުގެ ވޯލްޑް ކަޕުގައި ބެލްޖިއަމް އިން ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން---

ފީފާ ވޯލްޑްކަޕް 2022 ގައި ބެލްޖިއަމްގެ ގޯލްޑެން ޖެނަރޭޝަން ފެންނާނެކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ބެލްޖިއަމުން ކެނެޑާގެ މައްޗަށް ކުރިހޯދި މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ ތާރީހުގައި ބެލްޖިއަމަކީ ކާމިޔާބު ޓީމަކަށް ނުވެދާނެކަމަށެވެ. އެހެންނަމަވެސް މިހާރު އޮތް ބެލްޖިއަމް ޓީމަކީ އެ ގައުމުގައި ތާރީހުގައިވެސް އުފެދުނު އެންމެ ވަރުގަދަ ޓީމުކަމަށް އޭނާ ބުންޏެވެ.

ބެލްޖިއަމް އަންނަނީ ފަހަކަށް އައިސް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިން ވަނަ މަގާމު އެ ޓީމުން ވަނީ ހޯދައިފައެއެވެ. އެ ޓީމުން މިއަހަރުގެ މުބާރާތާ ކުރިމަތިލަނީ އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައެވެ.

މިރޭ ހޯދި މޮޅަކީ މި މަސައްކަތުގައި ބެލްޖިއަމް އިން އެޅި ފުރަތަމަ ފިޔަވަޅެވެ.

މެޗު ކުޅުނު ދަނޑު

އަލް ރައްޔާން ސްޓޭޑިއަމް---

މި މެޗު ކުޅެފައިވަނީ އަލް ރައްޔާން ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމް ބިނާކުރީ 2003 ވަނަ އަހަރުއެވެ. ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެގޮތުން 2018 ވަނަ އަހަރު މި ސްޓޭޑިއަމް އަލުން މަރާމާތުކޮށް ގަތަރުގެ ޤައުމީ ދުވަހުގައި އަލުން ހުޅުވިއެވެ.

40،000 މީހުން ވަނުމުގެ ޖާގަ އޮންނަ މި ސްޓޭޑިއަމަށް ނަން ދީފައިވަނީ ގަތަރުގެ އަމީރު އަހްމަދު ބިން އަލީ އަލް ޘާނީގެ ނަމުންނެވެ. ވޯލްޑް ކަޕްގެ ހަތް މެޗެއް މި ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 6 މެޗެއް ހިމެނެއެވެ.

ބެލްޖިއަމް

ބެލްޖިއަމް ގައުމީ ޓީމް---

ބެލްޖިއަމް ޓީމަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެކެވެ. ދެހާސް ނަވާރަ ވަނަ އަހަރުއްސުރެ 2022 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްގެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ފާއިތުވި އަހަރުތަކުގައި ނެރެވިފައެއް ނުވެއެވެ.

އެގޮތުން ބަލާއިރު، އެންމެ ފަހުން ނޭޝަންސް ލީގުގައި އެޓީމު ކުޅުނު މެޗުންވެސް ބަލިވިއިރު 2020 ވަނަ އަހަރުގެ ޔޫރޯގައި ވެސް އެޓީމަށް ކާމިޔާބީއެއް ނުލިބެއެވެ. ނަމަވެސް ކެވިން ޑެ ބުރައިން، ރޮމެލޫ ލުކާކޫ އަދި އެޑެން ހަޒާޑް ފަދަ މޮޅެތި ކުޅުންތެރިން ހިމެނޭ ސްކޮޑް މިފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ. އެ ޓީމަކީ ގްރޫޕް އެފްގެ ފޭވަރިޓުން ކަމަށް ގިނަ މީހުން ގަބޫލުކުރާ ޓީމެވެ.

ޓީމުގެ ތަރި

އެޑެން ހަޒާޑް

ހަޒާޑް--

ބެލްޖިއަމް ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އެޑްން ހަޒާޑެވެ. އެޑެން ހަޒާޑް ވަނީ ބެލްޖިއަމަށް 122 މެޗު ކުޅެދީ 33 ގޯލް ޖަހައިދީފައެވެ.

އަނިޔާގެ ސަބަބުން ފާއިތުވި ދެ ސީޒަނުގައި ހަޒާޑަށް ނުކުޅެވުނަސް އޭނާއަކީ ފޯމުގައި ހުރި އިރު ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ކުޅެނީ ކްލަބް ފުޓްބޯޅައިގައި ދުނިޔޭގެ ގަދަބާރު ރެއަލް މެޑްރިޑްއަށެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމަށް ތިން ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އެގޮތުން އެ އަހަރު ހަޒާޑް ވަނީ އެފަހަރުގެ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ސިލްވާ ބޯލް ހާސިލްކޮށްފައެވެ.

މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ފަސް މެޗު

  • ބެލްޖިއަމް 1-2 އިޖިޕްޓް (18 ނޮވެމްބަރު 2022)
  • ބެލްޖިއަމް 0-1 ނެދަލޭންޑްސް (25 ސެޕްޓެމްބަރު 2022)
  • ބެލްޖިއަމް ވޭލްސް 2-1 (22 ސެޕްޓެމްބަރު 2022)
  • ބެލްޖިއަމް 1-0 ޕޮލެންޑް (14 ޖޫން 2022)
  • ބެލްޖިއަމް 1-1 ވޭލްސް (11 ޖޫން 2022)

ކެނެޑާ

ކެނެޑާ ގައުމީ ޓީމު---

ކެނެޑާގެ ޓީމަކީ ޔޫރަޕުގެ ކްލަބުތަކުގައި ހިމެނޭ މޮޅެތި، ޒުވާން އެތައް ކުޅުންތެރިންނެއް ހިމެނޭ ޓީމެކެވެ. ކެނެޑާއަކީ ވޯލްޑް ކަޕްގެ ތާރީހުގައި މާ ކާމިޔާބު ޓީމެއް ނޫނެވެ. މިއީ އެޓީމުން ވޯލްޑް ކަޕުގައި ވާދަ ކުރާ ދެވަނަ ފަހަރެވެ.

މީގެ ކުރިން 1986 ވަނަ އަހަރު އެ ޓީމުން ވަނީ ވޯލްޑް ކަޕުގައި ވާދަކޮށްފައެވެ. ކެނެޑާގެ އެންމެ ބޮޑު ކާމިޔާބަކީ 1985 ވަނަ އަހަރުގެ ކޮންކާކަފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާއި 2000 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށް 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި ވާދަކުރުމެވެ. ކެނެޑާއަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކޯ ހޯސްޓެކެވެ.

ޓީމުގެ ތަރި

އަލްފޮންސޯ ޑޭވީސް

އަލްފަންސޯ ޑޭވިސް--

ކެނެޑާ ގައުމީ ޓީމުގައި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އަލްފްންސޯ ޑޭވީސްއެވެ. އޭނާ އަކީ ދުނިޔޭގެ ގަދަބާރު ބަޔާން މިއުނިކަށް ކުޅޭ ކުޅުންތެރިއެކެވެ.

ފުލްބެކެއްގެ ގޮތުގައި ކުޅޭ ޑޭވިސްއަކީ އެންމެ ހަލުވި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. ޑޭވީސް ވަނީ ކެނެޑާއަށް ކުޅެދިން 34 މެޗުގައި 12 ލަނޑު ޖަހައިދީފައެވެ. ކެނެޑާގެ ޓީމުގައި ހުރި އެންމެ މުހިއްމު އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ޑޭވީސްއެވެ. އޭނާ އަކީ ޖިސްމާނީ ގޮތުންވެސް ވަރުގަދަ، ބޯޅައާ އެކުވެސް ވަރަށް ބާރަށް ދުވާ ކުޅުންތެރިއެކެވެ. ޑޭވީސް އަކީ ކެނެޑާގެ ތާރީހުގައި ވެސް ކޮންކާކަފްގައި ގޯލް ޖެހި އެންމެ ހަނގު ކުޅުންތެރިޔާއެވެ. އަދި ކޮންކާކަފް 2021ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ޑޭވީސްއެވެ.

ހެޑް-ޓު-ހެޑް

މީގެކުރިން ބެލްޖިއަމް އަދި ކެނެޑާ ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1989 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކެނެޑާއިންނެވެ. ވޯލްޑްކަޕެއްގައި މި ދެ ޓީމު ވާދަކޮށްފައި މިވަނީ މުޅިން އަލަށެވެ.

comment ކޮމެންޓް