ސްޕެއިން އަދި ކޯސްޓަ ރިކާގެ ކުރިމަތިލުން: ޒުވާން ކުޅުންތެރިންނާއެކު ސްޕެއިން އަކީ ވެސް ފެވަރިޓެއް

ވޯލްޑްކަޕްގެ ގަދަބާރު ސްޕެއިން މިއަހަރުގެ ވޯލްޑްކަޕަށް ނިކުންނަނީ ޒުވާން ގިނަ ކުޅުންތެރިންނާއެކުއެވެ. ވޯލްޑްކަޕަށް ސްޕެއިން ނިކުންނަނީ އެ ކުޅުންތެރިންނާއެކު ކާމިޔާބު ހޯދުމުގެ އަޒުމުގައެވެ.

މިރޭ 9:00 ގައި ސްޕެއިން އިން ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅޭ މެޗަކީ ސްޕެއިންގެ ވޯލްޑްކަޕަށް ނެގި ސްކޮޑް ޓެސްޓް ކޮށްލަން ރަނގަޅު ފުރުސަތެކެވެ.

މެޗު ކުޅޭ ދަނޑު

އަލް ތައުމާމާ ސްޓޭޑިއަމް

އަލް ތައުމާމާ ސްޓޭޑިއަމް---

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގަތަރުގެ އަލް ތައުމާމާގައި ބިނާކުރެވުނު އަލް ތައުމާމާ ސްޓޭޑިއަމް އަކީ 40،000 މީހުންނަށް ވަދެވޭ ގޮތަށް ހަދާފައިވާ ސްޓޭޑިއަމް އެކެވެ. މި ސްޓޭޑިއަމްގައި ފީފާ ވޯލްޑް ކަޕްގެ 8 މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ.

އާކިޓެކްޓް އިބްރާހީމް ޖައިދާގެ ކުރެހުމަކަށް ބޮލުގައި އަޅާ "ގާފިޔާ" ސިފަވާގޮތަށް އަޅާ މި ސްޓޭޑިއަމްގެ މަސައްކަތް ކުރިޔަށްދާއިރު މިއީ ގަތަރުގެ ތާރީހާއި، ސަގާފަތާއި، އިސްލާމްދީން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރާ ސްޓޭޑިއަމެއް ކަމަށް ގަތަރު ފުޓުބޯޅަ އިދާރާއިން މައުލޫމާތުދެއެވެ.

ސްޕެއިން

ސްޕެއިން ގައުމީ ޓީމް---

މިހާތަނަށް ކުޅުނު 21 ވޯލްޑަޕްގެ ތެރެއިން 15 ވޯލްޑަޕަކުން ސްޕެއިން ވަނީ ފެނިފައެވެ. އެ ގައުމުގެ އެންމެ ބޮޑު ކާމިޔާބީއަކީ ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ކާމިޔާބުކުރުމެވެ. އަދި 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގައި ވެސް ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ އިރު އެ ޓީމުން އެ މުބާރާތް ނިންމާލީ ހަތަރު ވަނައިގައި އޮވެގެންނެވެ.

2010 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމަށްފަހު ސްޕެއިންގެ ޓީމު ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައިފައެވެ. އެ ވޯލްޑްކަޕާ ވިދިގެން ކުޅުނު ވޯލްޑަކަޕް. 2014 ވަނަ އަހަރުގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އެންމެ ފަހުން ކުޅުނު 2018 ވަނަ އަހަރުގެ މުބާރާތުގައި އެ ޓީމު ކެޓީ ދެވަނަ ބުރުފައި ރަޝިއާއާ ވާދަކޮށެވެ،

އެހެންނަމަވެސް ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗު ލުއިސް އެންރީކޭއާކު ސްޕެއިން ނިކުންނަނީ ގިނަ ޒުވާން ކުޅުންތެރިން ތަކަކާއެކުއެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ ފުޓުބޯޅައިގެ ތަޖުރިބާ މަދު ކުޅުންތެރިންނެވެ.

ޓީމުގެ ތަރި

ޕެޑްރި ގޮންޒާލޭޒް

ޕެޑްރި---

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި 'ގޯލްޑެން ބޯއި'ގެ ލަގަބު ހާސިލުކުރި ޕެޑްރީއަކީ ސްޕެއިން ގައުމީ ޓީމުގައި މިހާރު ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.

އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާ އަކީ ސްޕެއިންގެ ގައުމީ ޓީމަށް އަދި ދުނިޔޭގެ ގަދަ ބާރު ބާސެލޯނާގެ މެދުތެރެ ހިފަހައްޓާ ކުޅުންތެރިއާއެވެ. އުމުރުން 19 އަހަރުގެ ޕެޑްރީ ބައިނަލް އަގްވާމީ ފުޓުބޯޅައިގައި ތަޖުރިބާ މަދު ނަމަވެސް، އޭނާ އަކީ އުފެއްދުންތެރި އަދި ހުނަރުގެ ގޮތުން އަރާހުރި ތަރިއެކެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާ އަކީ މިހާރު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ.

އެންމެ ފަހުން ކުޅުނު ފަސް މެޗު:

  • ސްޕެއިން 3-1 ޖޯޑަން (17 ނޮވެމްބަރު 2022)
  • ސްޕެއިން 1-0 ޕޯޗުގަލް (27 ސެޕްޓެމްބަރު 2022)
  • ސްޕެއިން 2-1 ސްވިޒަލޭންޑް (24 ސެޕްޓެމްބަރު 2022)
  • ސްޕެއިން 2-0 ޗެކްރިޕަބްލިކް (12 ޖޫން 2022)
  • ސްޕެއިން 1-0 ސްވިޒަލޭންޑް (4 ޖޫން 2022)

ކޯސްޓަ ރީކާ

ކެޕްޝަން..

ކޮސްޓަ ރިކާއަކީ އުތުރު އެމެރިކާގެ ތިންވަނައަށް އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ޓީމަކީ ވޯލްޑްކަޕްގައި އެހާ ކާމިޔާބު ޓީމެއް ނޫނެވެ. އެ ޓީމު ފާހަގަ ވަނީ ބޮޑަށް ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ. އަދި ޓީމުގެ އެންމެ ވަރުގަދަ ޑިޕާޓުމެންޓެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވެނީ ޑިފެންސްލައިނެވެ.

ވޯލްޑްކަޕްގައި ކޮސްޓަ ރިކާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1990 ވަނަ އަހަރުގެ ގަދަ 16އަށް އެ ޓީމު ދަތުރު ކުރުމެވެ. އެއީ އެ ޓީމު ވޯލްޑްކަޕެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް ކޮސްޓަ ރިކާ ވާދަކޮށްފައިވަނީ ހަތަރު ވޯލްޑްކަޕެއްގައެވެ.

ޓީމުގެ ތަރި

ކޭލޯ ނަވާސް

ކޭލޯ ނަވާސް---

ކޮސްޓަ ރިކާ ޓީމުގެ އެންމެ މުހިއްމު އަދި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކަށްވަނީ ކޭލާ ނަވާސްއެވެ. އޭނާއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ގޯލްކީޕަރެކެވެ. މީގެއިތުރުން އޭނާއަކީ ރެއާލް މެޑްރިޑްއަށް ވެސް ކުޅުނު ކީޕަރެކެވެ.

ނަވާސް ރެއާލް ދޫކޮށްލީ އެ ޓީމަށް ތީބައުޓް ކޯޓުއާ ގެނައުމުން އޭނާއަށް މެޗު ތަކުން ފުރުސަތު ލިބޭ މިންވަރު މަދުވުމުންނެވެ. ޕީއެސްޖީއަށް ބަދަލުވެ މާ ގިނަ ދުވަހެއް ނުވަނީސް އެ ޓީމަށް ޒުވާން ކީޕަރު ގިއަންލޫގީ ޑޮނަރޫމާގެ ސޮއި ހޯދިއެވެ. މިހާރު ޕީއެސްޖީގެ ގިނަ މެޗުތަކުން ފުރުސަތު ލިބެނީ ޑޮނަރޫމާއަށެވެ.

ނަވާސް ވަނީ ރެއާލްގައި ހޭދަ ކުރި ހަ ސީޒަންގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ޓީމުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު ގޯލު ބަލަހައްޓާފައިވަނީ ނަވާސްއެވެ. އޭނާ ވަނީ ކޮސްޓަ ރިކާ ގައުމީ ޓީމަށް 107 މެޗު ކުޅެދީފައެވެ.

އެންމެ ފަހުން ކުޅުނު ފަސް މެޗު

  • ކޯސްޓަ ރީކާ 2-0 ނައިޖީރިއާ (10 ނޮވެމްބަރު 2022)
  • ކޯސްޓަ ރިކާ 2-1 އުޒްބަކިސްހެތާން (27 ސެޕްޓެމްބަރު 2022)
  • ކޮސްޓަ ރިކާ 2-2 ދެކުނު ކޮރެއާ (23 ސެޕްޓެމްބަރު 2022)
  • ކޮސްޓަ ރިކާ 1-0 ނިއުޒލޭންޑް (14 ޖޫން 2022)
  • ކޮސްޓަ ރިކާ 2-0 މާޓިނިކޫ (5 ޖޫން 2022)

ހެޑް-ޓު-ހެޑް

ކޯސްޓަ ރިކާ އަދި ސްޕެއިން، މީގެކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވެއެވެ. އެއިން އެއްވެސް ފަހަރަކު ކޮސްޓަ ރިކާއަށް މޮޅެއް ލިބިފައި ނުވާއިރު ސްޕެއިން އިން ވަނީ ދެ މެޗެއް ކާމިޔާބުކޮށްފައެވެ.

އެގޮތުން 2015 ވަނަ އަހަރު އެކުވެރި ކަމުގެ މެޗެއްގައި ސްޕެއިން ވަނީ 2-1 ގެ ނަތީޖާއަކުން ކޯސްޓަ ރިކާގެ މައްޗަށް ކުރި ހޯދައިފައެވެ. އަދި 2017 ވަނަ އަހަރު ކުޅުނު އެކުވެރި ކަމުގެ މެޗު ސްޕެއިން ކާމިޔާބުކުރީ 5-0 ގެ ބޮޑު ނަތީޖާއަކުންނެވެ. 2011 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވެއެވެ.

އެ ދެ ޓީމު އަދި އެއްވެސް ފަހަރަކު ވޯލްޑްކަޕެއްގައި ވާދަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް