މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރަސްމިއްޔާތުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު، ޑރ. ޢާއިޝަތު ޢަލީ، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން، ޑރ. އިބްރާހީމް ޙަސަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުޞްޠަފާ ލުޠުފީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ނިންމި 15 އެޕްރެންޓިސްއަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022ގެ ދަސްވެނިންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރާއްޖެއަށް ތައާރަފުކޮށް، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް އެމަނިކުފާނު ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ގައުމުގެ ހަރުދަނާކަމާއި ކުރިއެރުމަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވެސް ވަނީ ހަފުލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ވަނީ މި ޕްރޮގްރާމްގެ ކުރީގެ ދަސްވެނިން ދިރާގުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު، ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާތީ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުން ބާރުވެރިކުރުމަކީ ދިރާގުން ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށާއި، ޒުވާނުންނަށް ހިތްވަރު ދިނުމަށް ދިރާގުގެ ސީއެސްއާރުން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

އެ ޕްރޮގްރާމުގެ ތެރެއިން، ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އެ ޕްރޮގްރާމްގެ ބައިވެރިންނަށް ލިބެއެވެ. އެ މީހުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް