މެޓާ މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ހޯދަން އެންމެ ގިނައިން އެދެނީ އެމެރިކާއިން

ފޭސްބުކާއި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުންޏަކީ މެޓާ --

މެޓާގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ފޭސްބުކް، އިންސްޓާގްރާމް އަދި ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް އެންމެ ގިނައިން އެދިފައިވަނީ އެމެރިކާ ސަރުކާރުން ކަމުގައި އެކުންފުންޏާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެމެރިކާ ސަރުކާރުން ވަނީ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް 69،363 ފަހަރު އެދިފައެވެ.

އެހެންކަމުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޔޫޒާ ޑޭޓާ ފޯރުކޮށްދިނުމަށް އެންމެ ގިނައިން އެދުނު ގައުމަކަށް އެމެރިކާ ވެފައިވާއިރު ދެވަނަ ގައުމަކަށް ވެފައިވަނީ އިންޑިއާއެވެ. އެ މުއްދަތުގައި އިންޑިއާ ސަރުކާރުން ވަނީ މީހުންގެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް 55،497 ފަހަރު އެދިފައެވެ.

އެމެރިކާ އާއި އިންޑިއާއިން މެޓާގައި އެހާ ގިނައިން ޒާތީ މައުލޫމާތަސް އެދިފައިވާ އިރު، އިންޑިއާގެ އައިޓީ މިނިސްޓްރީގެ އެދުމުގެ މަތިން މެޓާއިން ވަނީ އެގައުމުގައި ފޭސްބުކާއި އިންސްޓަގްރާމް ބޭނުން ކުރާ އިރު ހިއްސާ ނުކުރެވޭނެ 597 މައުޟޫއެއް ކަނޑައަޅާފައެވެ. އޭގެ ތެރެއިން ބައެއް މައުޟޫއުތައް މަނާކޮށްފައި ވަނީ ގައުމީ ސަލާމަތާ ގުޅުން ހުރުމުގެ ސަބަބުންނެވެ. އަދި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އެދުމަށް ވެސް ބައެއް ކޮންޓެންޓް މަނާކޮށްފައިވެއެވެ.

މެޓާއިން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ސަރުކާރުތަކުން ޔޫޒަރުންގެ ޑޭޓާ ހޯދުމަށް އެދުނު އަދަދު ވަނީ 214،777 އިން 237،414 އަށް، 10.5 ޕަސެންޓް އިތުރުވެފައެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިންޑިއާގެ އިތުރުން ހިމެނެނީ ޖަރުމަނާއި ބްރެޒިލްއާއި ފްރާންސާއި އިނގިރޭސިވިލާތެވެ.

"އެމެރިކާއިން 69،363 ރިކުއެސްޓް ލިބިފައިވާއިރު، އެއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ ރިކުއެސްޓަށް ވުރެ 15.6 ޕަސެންޓް އިތުރު އަދަދެއް،" މެޓާ ވިދާޅުވި އެވެ.

އެ މުއްދަތުގައި، ވަކިވަކި ގައުމުތަކުގެ ގާނޫނުތަކުގެ ދަށުން އެ ގައުމުތަކުގައި ފޭސްބުކް ކޮންޓެންޓަށް ހުރަސް އަޅާފައިވާ މިންވަރު 75 ޕަސެންޓް އިތުރުވެފައިވާ ކަަމަށް މެޓާއިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ހަ މަހުގައި އެ އަދަދު 50،959ގައި ހުރި އިރު މި އަހަރުގެ ފުރަތަމަ ހަ މަހުގައި އެ އަދަދު 89،368 އަށް އެރިއެވެ.

comment ކޮމެންޓް