ކްރޮއޭޝިއާ - މޮރޮކޯ- މާޒީގެ ކާމިޔާބީއަށް ބަލައިގެން އިތުރު ކާމިޔާބީއެއް ނުލިބޭނެ: މޮޑްރިޗް

މާޒީގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިގެން، އެއީ ކޮންފިޑެންސް އިތުރުވާކަމެއް ކަމަށް ދެކިގެން ނުކުމެއްޖެ ނަމަ، އިތުރު ކުރިއެރުމެއް ނުލިބޭނެ ކަމަށް ކްރޮއޭޝިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފިއެވެ.

މޮޑްރިޗް މިހެން ބުނެފައި ވަނީ، ވޯލްޑް ކަޕުގައި މިއަދު މޮރޮކޯ އާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކްރޮއޭޝިއާ އިން މުބާރާތުގެ ރަނަރަޕް ކަން ހޯދުން އެއީ ކިހާވަރެއްގެ ކޮންފިޑެންސް ބޫސްޓެއްތޯ އަހައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މި ސުވާލަށް ޖަވާބު ދެމުން މޮޑްރިޗް ބުނީ، 2018 ވަނަ އަހަރު ކްރޮއޭޝިއާއިން ހޯދި ކާމިޔާބީ އަކީ، ދުވަހަކުވެސް ހިތުން ނުފިލާނެ އުފާވެރި ހަނދާންތަކެއް ކަމަށެވެ.

އަދި މުޅި އުމުރުގައި އެކަމުގެ ޝަރަފާއި ފަޚުރު ލިބިގަންނާނެ ކަމަށާއި، އެ އުފާ އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައި ހުންނާނެ ކަމަށެވެ.

އެހެންނަމަވެސް މިހާރު ވިސްނުން ގެންގުޅެން ޖެހޭނީ ހަމައެކަނި މިފަހަރުގެ މުބާރާތާއި މެދު ކަމަށާއި، މާޒީގައި ހޯދާފައިވާ ކާމިޔާބީއެއްގެ ސަބަބުން އޯވާ ކޮންފިޑެންސް ވެއްޖެނަމަ، މުސްތަގްބަލުގައި އިތުރު ކާމިޔާބީތައް ހޯދުމަށް އުނދަގޫ ވާނެ ކަމަށެވެ.

ޓީމާއި ގުޅޭގޮތުން ވާހަކަދައްކަމުން އުމުރުން 37 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރު ބުނީ، ރަޝިއާ ވޯލްޑް ކަޕުގައި ކުޅުނު ބައެއް ކުޅުންތެރިން މިހާރު ޓީމުގައި ނެތް ކަމަށާއި، މިހާރު ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގޯލްޑަން ބޯލް އެވޯޑުވެސް ހޯދި މޮޑްރިޗް، ކްރޮއޭޝިއާ ޓީމާއި މެދު އުންމީދު ބޮޑުކަމަށް ބުނެފައިވާއިރު މުބާރާތުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި މޮރޮކޯ އާއި ދެކޮޅަށް ނުކުންނާނީ މިއަދު މެންދުރުފަހު 3:00 ގައެވެ.

މެޗު ކުޅޭ ދަނޑު:

އަލް ބައިތު ސްޓޭޑިއަމް

60،000 މީހުންގެ ޖާގަ އޮންނަ މި ސްޓޭޑިއަމަކީ އަރަބި ކަޕްގެ މެޗުތައް ކުޅުނު އެންމެ ބޮޑު އެއް ސްޓޭޑިއަމްއެވެ.

މި ސްޓޭޑިއަމަކީ ވޯލްޑް ކަޕަށްޓަކައި އަލުން މަރާމާތު ކުރި ސްޓޭޑިއަމްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޑިއަމެކެވެ. އަލް ބަޔަތު ސްޓޭޑިއަމް ފަރުމާކޮށްދީފައިވަނީ ދާރުލް ހަންދާސްއެވެ.

ޓެންޓެއްގެ ސިފައިގައި ފަރުމާ ކޮށްފައިވާ މި ސްޓޭޑިއަމްގައި ހަތަރު ސްޓޭންޑް ހުރެއެވެ. އޭގެތެރެއިން ކޮންމެ ސްޓޭންޑެއްގެ ބޭރު ފާރުތަކާއި ފުރާޅުތަށް ފަރުމާކޮށްފައިވަނީ ޕޮލިޓެޓްރާފްލޮރޯތެލީން (ޕީޓީއެފްއީ) އިންނެވެ.

މި ސްޓޭޑިއަމް ހާއްސަވެގެންދާ އެއް ސަބަބަކީ ވޯލްޑް ކަޕްގެ ނުވަ މެޗެއް މި ސްޓޭޑިއަމްގައި ކުޅޭތީއެވެ. އޭގެ ތެރޭގައި ކުއާޓާ ފައިނަލްގެ މެޗަކާއި ސެމީ ފައިނަލްގެ މެޗެއް ހިމެނެއެވެ.

ދެ ޓީމުގެ ތަރިން:

ކްރޮއޭޝިއާ: ލޫކާ މޮޑްރިޗް

ލޫކާ މޮޑްރިޗަކީ މިވަގުތު ފުޓުބޯޅަ ކުޅެމުންދާ އަދި ފުޓުބޯޅައިގެ ތާރީޚުވެސް ދުށް އެންމެ ކުޅަދާނަ އެއް މިޑްފީލްޑަރެވެ.

ޔޫރަޕު ފުޓުބޯޅައިގެ ރަސްގެފާނު ރެއާލް މެޑްރިޑުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޮޑްރިޗް އަކީ އެ ކުލަބުން ފަހަކަށް އައިސް ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި އެންމެ މުހިންމު އެއް ހިއްސާދާރެވެ.

ކްރޮއޭޝިއާގެ ސީނިއަރ ގައުމީ ޓީމަށް 2006 ވަނަ އަހަރު ކުޅެން ފެށި މޮޑްރިޗް ވަނީ އެޓީމަށް 155 މެޗު ކުޅެދީ 23 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ގައުމީ ޓީމާއެކު މޮޑްރިޗް ހޯދި އެންމެ ބޮޑު އަދި ހަމައެކަނި ކާމިޔާބީ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕް ކަން ހޯދުމެވެ.

ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރެއިން މޮޑްރިޑް ހޯދާފައިވާ އެވޯޑުތަކުގެ ތެރޭގައި، 2018 ވަނަ އަހަރުގެ ޔޫއެފާ ބެސްޓް ޕްލެޔާ އޮފް ދަ އިޔާ، ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން ބެލަންޑޯ އެވޯޑާއި 2018 ވަނަ އަހަރުގެ ގޯލްޑަން ބޯލް އެވޯޑު ހޯދުން ހިމެނެއެވެ.

މޮރޮކޯ: އަޝްރަފް ހަކީމީ

އަޝްރަފް ހަކީމީ އަކީ މިވަގުތު ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރު ފުލް ބެކް އެވެ. ދުވެލި ބާރު، ޑްރިބްލިންގް ހުނަރުވެސް މޮޅު، އުމުރުން 24 އަހަރުގެ އަޝްރަފް ހަކީމީ ކުޅެނީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ އަށެވެ.

ރެއާލް މެޑްރިޑަށްވެސް މީގެ ކުރިން ކުޅެފައިވާ ހަކީމީ މޮރޮކޯގެ ގައުމީ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 54 މެޗުން އަށް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ގައުމީ ޓީމާއެކު ހަކީމީ އަށް ކާމިޔާބީއެއް ހޯދިފައި ނުވި ނަވަމެސް، އެނާ ކުޅެފައިވާ ކުލަބުތަކާއި ކުޅެމުންދާ ކުލަބާއި އެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

އެގޮތުން ރެއާލް މެޑްރިޑާއި އެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕާ ކަޕްގެ އިތުރުން ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވެއެވެ. އަދި މިލާން އާއި ޕީއެސްޖީ އާއިއެކު އެ ލީގު ކަޕް ހޯދާފައިވެއެވެ.

ހެޑް-ޓު-ހެޑް

ފުޓުބޯޅައިގެ ތާރީޚުގައިވެސް މި ދެ ޓީމު ކުރިމަތިލާފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު، ކިންގް ހަސަން ދެވަނައިގެ ޝަރަފުގައި ކުޅޭ މުބާރާތުގެ ތެރެއިންނެވެ.

މިމެޗުގެ ފުރިހަމަވަގުތު ހަމަވިއިރު 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ޕެނަލްޓީގައި ކުރިހޯދީ ކްރޮއޭޝިއާ އެވެ.

ދެ ޓީމުން އެންމެފަހުން ކުޅުނު 5 މެޗު:

ކްރޮއޭޝިއާ:

  • ކްރޮއޭޝިއާ 1-0 ސައުދީ އަރަބިއްޔާ
  • ކްރޮއޭޝިއާ 3-1 އޮސްޓްރިއާ
  • ކްރޮއޭޝިއާ 2-1 ޑެންމާކް
  • ކްރޮއޭޝިއާ 1-0 ފްރާންސް
  • ކްރޮއޭޝިއާ 1-0 ޑެންމާކް

މޮރޮކޯ:

  • މޮރޮކޯ 3-0 ޖޯޖިއާ
  • މޮރޮކޯ 0-0 ޕެރެގުއާއި
  • މޮރޮކޯ 2-0 ޗިލީ
  • މޮރޮކޯ 2-0 ލައިބީރިއާ
  • މޮރޮކޯ 2-1 ސައުތު އެފްރިކާ
comment ކޮމެންޓް