ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށް: ނައިބު ރައީސް

ނައިބު ރައީސް ފައިޞަލް ނަސީމް --- ފޮޓޯ/ ރައީސް އޮފީސް

ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މެދުކެނޑުމެއް ނެތި 13 އަހަރު، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަވާފައި ވާތީ އެކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެެވެ.

އޭގެ އިތުރުން ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގައި މަސައްކަތްކުރާ އެހެން ކުންފުނިތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ފާއިތުވެ ދިޔަތަނުގައި ކުރިމަތިވި ކަންކަމުން އެނގުނީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން ކަމަށެވެ. އަދި މިސަރުކާރުން ތަޢުލީމަށާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމްތައް އެތައްހާސް ދަރިވަރުންނެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ކަމެއް ނެތިފައި ނުތިބެ، ފުރުސަތުތަކުގެ ބޭނުން ހިފައިގެން މަސައްކަތްތައް ދަންނަ މަސައްކަތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސެޓްފިކެޓެއް ހާސިލްވުމަކުން އަދި ނުނިމޭކަމަށާއި މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދިރާގު "އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ފުރިހަމަކޮށް 15 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

comment ކޮމެންޓް