އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި، ކާކުކަން ދެނެގަތުމަށްޓަކައި ބަލައިގަންނަން ވާނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ކަމަށް ސަރުކާރުން ބުނެފިއެވެ.
އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓާއި، އައިޑީކާޑު، ވޯކް ވިސާ، ލައިސަންސް ކާޑު، އެއާޕޯޓް ސެކިއުރިޓީ އަދި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ޖެހި ރަސްމީ ލިޔުންތައް އެ ތާރީޚުން ފެށިގެން ބާތިލު ވާނެ ކަމަށެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން، އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރެވޭ ލިޔެކިޔުން ހޯދުމުގައި ދަތިކަން ދިމާވުމުން އެ މައްސަލަ ހައްލު ކުރުމަށްޓަކައި ކާކުކަން ދެނެގަތުމަށްޓަކައި ބަލައިގަންނަ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ވީ ނަމަވެސް، އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ، އެ ލިޔެކިޔުން ބޭނުން ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މުއްދަތު ހަމަވެފައި ވީނަމަވެސް ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ މީހުން އެއާލައިން ޓިކެޓު ގަތުމަށާއި ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކައި އެ ލިޔުންތައް އައީ ބަލައިގަންނަމުންނެވެ.
މިދިޔަ އަހަރު އޮތް ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ވެސް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު ދިނެވެ.