ގްލޭޒާ އާއިލާއިން ޔުނައިޓެޑް ވިއްކާލަން ވިސްނަނީ

އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރު މެންޗަސްޓާ ޔުނައިޓެޑް ވިއްކާލަން، އެ ކުލަބުގެ ވެރިން، ގްލޭޒާ އާއިލާއިން ނިންމައިފިއެވެ.

ގްލޭޒަރ އާއިލާއިން ޔުނައިޓެޑް ވިއްކާލަން ނިންމާފައި މިވަނީ، އެ އާއިލާ އާއި ދެކޮޅަށް ޔުނައިޓެޑުގެ ސަޕޯޓަރުން ބޮޑު ހަރަކާތެއް ފަށައިގެން އުޅޭތާ އަހަރުތަކެއް ވެފައިވަނިކޮށެވެ.

އެމެރިކާއަށް ނިސްބަތްވާ މި އާއިލާއިން މެންޗަސްޓަރ ޔުނައިޓެޑް ގަނެފައިވަނީ، 2005 ވަނަ އަހަރު 1.34 ބިލިއަން ޑޮލަރަށެވެ.

ޔުނައިޓެޑުގެ ވެރިން އެ ކުލަބު ވިއްކާލަން ވިސްނަމުންދާކަން ހާމަކޮށް އެ ކުލަބުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، ކުލަބުގެ ކުރިއެރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކުލަބުގެ ވެރިން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި، ކުލަބަށް އަލަށް އިންވެސްޓްކުރުމާއި، ކުލަބު ވިއްކާލުން ނުވަތަ ކުލަބާއި ގުޅުންހުރި އިތުރު މުއާމަލާތްތައް ކުރަން ބަޔަކު ހުށަހަޅައިފި ނަމަ އެކެމަށް މަރުޚަބާ ކިޔާ، އެކަމާއި މެދު ކުލަބުގެ މިހާރުގެ ވެރިން ވިސްނާނެ ކަމަށެވެ.

ޔުނައިޓެޑް ވިއްކާލުމަކީ ވިސްނަމުންދާ ކަމެއް ކަމަށް އެ ކުލަބުގެ ވެރިން ބުނެފައި ވާއިރު، ގްލޭޒަރ އާއިލާއިން ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ކުލަބުގެ 10 އިންސައްތަ ހިއްސާ ވިއްކާލާފައެވެ. އަދި ފާއިތުވީ އަހަރުތަކުގެ ތެރޭގައި ކުލަބުގެ އިތުރު ހިއްސާ ވިއްކާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން ޔުނައިޓެޑުގެ ބޯޑުގެ އެގްޒެކިއުޓިވް ކޯ ޗެއާމަން އަދި ޑިރެކްޓަރުންގެ ގޮތުގައި ތިބި ޖޮއެލް ގްލޭޒާ އާއި އެވްރަމް ގްލޭޒާ ބުނީ، ބޯޑުގެ ހުރިހާ މެމްބަރުންގެ ވިސްނުންވެސް ހުރީ، ކުލަބުގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ކަމަށާއި، އެންމެ ފުރަތަމަ އިސްކަމެއް އަބަދުވެސް ދޭނީ ކުލަބާއި، ކުލަބުގެ ސަޕޯޓަރުން އަދި ހިއްސާދާރުންނަށް އެންމެ ފައިދާވާނެ ގޮތެއްހޯދައި، އެކަމެއް ކުރުމަށް ކަމަށެވެ.

ޖޮއެލް އާއި އެވްރަމް ގްލޭޒާ ކުލަބު ހިންގުމާއި ހަވާލުވީ، 2006 ވަނަ އަހަރުގެ ތެރޭގައި މެލްކަމް ގްލޭޒާ އަށް ސްޓްރޯކެއް ޖެހި މަސްއޫލިއްޔަތުތަކުން ދުރަށް ޖެހުމާއި ގުޅިގެންނެވެ. ވިޔަފާރި ވެރިޔާ އަދި ބިލިއަނަރު މެލްކަމް މަރުވީ އުމުރުން 85 އަހަރުގައި 2014 ވަނަ އަހަރުއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ ފައިނޭންޝަލް އެޑްވައިޒަރެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަނީ، މި އަހަރުގެ މެއި މަހުގެ ތެރޭގައި ޗެލްސީ ވިއްކާލުމުގެ މުއާމަލާތްތައް ބެލެހެއްޓި ރެއިން ގްރޫޕް އިންނެވެ. ރެއިން ގްރޫޕަކީ އެމެރިކާގެ އިންވެސްޓްމަންޓް ފާމް އެކެވެ.

ސަޕޯޓަރުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވަމުން އަންނަތާ އެތައް އަހަރުތަކެއް ފާއިތުވީ ފަހުން ގްލޭޒާ އާއިލާއިން ޔުނައިޓެޑް ވިއްކާލަން ނިންމާ އެކަން އިއުލާނު ކުރިއިރު، ގްލޭޒާ އާއިލާ އާއި ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން ކުރި މުޒާހަރާތަކެއްގެ ސަބަބުން ޔުނައިޓެޑުން ލިވަޕޫލާއި ދެކޮޅަށް މެއި މަހުގެ ތެރޭގައި ކުޅެން އޮތް މެޗެއް ފަސް ކުރަންވެސް ޖެހުނެވެ.

ގްލޭޒާ އާއިލާ އިން ޔުނައިޓާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެ ކުލަބުން ކުޅުންތެރިންގެ ޓްރާންސްފާގެ ގޮތުގައި 1.18 މިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ.

ގްލޭޒާ އާއިލާއިން ޔުނައިޓެޑް ވިއްކާލަން ވިސްނާކަން އިއުލާނު ކުރިއިރު، ރޭގެ ވަގުތެއްގައި ޔުނައިޓެޑުން ވަނީ އެ ކުލަބުގެ ލެޖެންޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއިއެކު ކުލަބުން ހަދާފައިވާ އެއްބަސްވުން ދެ ފަރާތުން އެއްބަސްވެގެން ބާތިލް ކޮށްފައިވާކަންވެސް އިއުލާން ކޮށްފައެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާއި ދެމެދު މައްސަލަތައް ފުނިޖެހި، ދެ ފަރާތުގެ މެދުގައި އޮތް ގުޅުން ހީނަރުވާން ފެށީ އެ ކުލަބުގެ ކޯޗު ކަމާއި އެރިކް ޓެން ހާގް ހަވާލުވި ހިސާބުންނެވެ.

comment ކޮމެންޓް