ގުދުސުގައި ބޮެމެއް ގޮއްވާލައިގެން އިސްރާއީލުގެ މީހަކު މަރާލައި 10 މީހުން ޒަޚަމްކޮށްލައިފި

ގުދްސުގެ ބޮން ގޮއްވާލި ސަރަހައްދުގައި ޔަހޫދީ ސިފައިން ހަރަކާތްތެރިވަނީ

ހިފާފައިވާ ގުދުސް (23 ނޮވެމްބަރު 2022): އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދުސުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން އިސްރާއީލުގެ އެކަކު މަރުވެ 10 މީހުން ޒަޚަމްވެއްޖެއެވެ.

އިސްރާއީލު ސިފައިންގެ ރޭޑިއޯ ބުނިގޮތުގައި ބޮން ގޮއްވާލާފައިވަނީ ގުދްސުގެ ބަސް ސްޓޭޝަނާ ކައިރީގައެވެ. ގޮއްވާލި ބޮން އޮތީ ދަބަހެއްގެ ތެރޭގައެވެ. އެއީ ގޮވާތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ބޮމެއްކަމަށާއި ބޮން ގޮއްވާލާފައިވަނީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެންކަމަށް ބެލެވޭކަމަށް އިސްރާއީލު ސިފައިންގެ ރޭޑިއޯ ބުނެއެވެ.

މިބޮން ހެދުމާއި ބޮން ގޮއްވާލުމުގެ ފަހަތުގައިވަނީ ފަލަސްތީނު މީހުންކަމަށް އިސްރާއީލުގެ ފުލުހުންވަނީ ތުހުމަތުކޮށްފައެވެ. އިސްރާއީލުގެ ފުލުހުން ބުނާގޮތުން އެގައުމުގެ ސިފައިންނާއި ފުލުހުން ގުޅިގެން ގެންދަނީ މިކަމުގެ ފަހަތުގައިވާ ފަރާތްތައް ދެނެގަނެ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިބޮމުގެ ހަމަލާގައި ޒަޚަމްވި އިސްރާއީލުގެ ދިހަ މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ވަރަށް ސީރިޔަސް ކަމަށްވެއެވެ.

ގުދްސުގައި ބޮން ގޮއްވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ޔަހޫދީ އަވަށެއްގައިވެސްވަނީ އިތުރު ބޮމެއް ގޮއްވާލާފައެވެ. އެބޮން ގޮއްވާލާފައިވަނީ އިސްރާއީލު ވެރިވެގަނެގެންއުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށްޓަކައި އިސްރާއީލު ގާއިމްކޮށްފައިވާ ޔަހޫދީ އާބާދީއެއްކަމަށްވާ ރަމޫތް ސެޓްލްމެންޓްގައެވެ.

ބޮމުގެ މި ހާދިސާގައި ދެމީހުން ޒަޚަމްވެ މާއްދީ ބައެއް ގެއްލުންތައް ލިބުނުކަމަށް އެސަރަހައްދުގައި ހުރި އަލްޖަޒީރާގެ މުރާސިލު ބުނެފައިވެއެވެ. ބޮމުގެ މި ދެ ހަމަލާއަށްފަހު އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ މުޅި އިސްރާއީލުގައާއި އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުން މިފަހަކަށް އައިސް އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަނީ ފަރުދީ ފެންވަރުގައެވެ. ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ވަޒަންވެރިންނަށް ވަޅިން ހަމަލާދީގެންނާއި ބަޑިން ހަމަލާދީގެންނާއި އޮއްގައު އުކައިގެންނާއި ޔަހޫދީ އަވަށްތަކުގައި ބޮން ގޮއްވައިގެންނާއި ވެހިކަލްތަކުން ޔަހޫދީ ވަޒަންވެރިންގެ ގައިގައި ޖައްސައި އެކްސިޑެންޓް ކޮށްގެން ފަަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ހަމަލާތައް ދެމުން ގެންދެއެވެ.

މި ހަމަލާތަކުގެ ބޭނުމަކީ އިސްރާއީލު ވެރިވެގަނެގެންއުޅޭ ފަލަސްތީނުގެ ބިންތަކަށް ދުނިޔޭގެ އެކި ގައުމުތަކުން ގެނަސްފައިވާ ޔަހޫދީ ވަޒަންވެރިންނަށް އަމާންކަމާއެކު ދިރިނޫޅެވޭނެކަމުގެ މެސެޖް ދިނުމެވެ.

ގުދުސުގައާއި ޔަހޫދީ އާބާދީއެއްކަމަށްވާ ރަމޫތު ސެޓްލްމެންޓްގައި ބޮން ގޮއްވާލާފައި މިވަނީ ފަލަސްތީނުގެ ޒުވާނުން މެރުމަށް އަމާޒުކޮށްގެން އިސްރާއީލުން އަނިޔާވެރި ހަމަލާތަކެއް ހިންގަމުން ގެންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވި ދިހަވަރަކަށް ދުވަހުގެ ތެރޭގައި ޔަހޫދީ ސިފައިންވަނީ ފަލަސްތީނުގެ ހަ ޒުވާނުން ޝަހީދުކޮށްލާފައެވެ.

މިއަހަރު ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްތީނުގެ 130 މީހުން ޝަހީދުކޮށް 700 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ. ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދުގެ ހަރަކާތްތަކުގެ ތެރެއިން އިސްރާއީލަށް އަމާޒުކުރާ ހަމަލާތަކުގައި އިސްރާއީލުގެ 31 މީހުން މަރުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު