ފަރެސްމާތޮޑާ އެއާޕޯޓުގެ 82 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ޑެވެލޮޕްމެންޓްގެ މަސައްކަތް --- ފޮޓޯ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެގޮތުން އެ އެއާޕޯޓުގެ ފަޔާ ބިލްޑިންގެ 95 އިންސައްތަ ނިމިފައިވާއިރު އަދި ޓާމިނަލުގެ 80 އިންސައްތަ ވަނީ ނިމިފައެވެ.

އެމްޓީސީސީ އިން ބުނީ މިހާރު މައިގަނޑު ގޮތެއްގައި މި އެއާޕޯޓުގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ދަނީ ސެކިއުރިޓީ ފެންސްތައް ޖެހުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1.2 ކިލޯމީޓަރުގެ (1200 މީޓަރުގެ) ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރެވޭނެއެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ޑިވެލޮޕްމެންޓްގެ މަސައްކަތަކުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

އެގޮތުން މި އެއާޕޯޓަކީ ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ މަސައްކަތް 2019 ވަނަ އަހަރު ގަލްފް ކޮބްލާ ކުންފުނީގެ އަތުން ނެގުމަށްފަހު ހަވާލު ކުރީ އެމްޓީސީސީއާއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް މި އަހަރު ހުޅުވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެތަން އިންޓަނޭޝަނަލް ކުރުމަށް ސަރުކާރުގައި އެދުމަށްވެސް އެ އަތޮޅު ކައުންސިލުން ނިންމިއެވެ.

comment ކޮމެންޓް