ހޭންޑް ފުޓް އެންޑް މައުތު ހަލުވިކަމާއެކު ފެތުރެނީ، ނުރައްކާ ބޮޑީ ކުޑަކުދިންނަށް

ހޭންޑް ފުޓް އެންޑް މައުތު ޖެހިފައިވާ ކުއްޖެއްގެ އަތް --

ރާއްޖޭގައި ހަލުވިކަމާއެކު ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރެމުން އަންނައިރު ބަލީގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދީންނަށްކަމަށް ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެެވެ.

ބަލި ފެތުރޭތީ ސަމާލުވުމަށް އިއްޔެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވަނީ އަންގައިފައެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ވައިރަހަކުން ޖެހޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ ނުރައްކާ ކުޑަކުދިންނަށް އޮތް އިރު އެ ކަމާ ގުޅިގެން މިއަދު ޑރ. ފައިސަލް "ސަން"އަށް ވިދާޅުވީ ބަލި ޖެހިއްޖެނަމަ ގިނަ ކުދިން އެއްވާ ތަންތަނުން އެކަހެރިވުމަކީ މުހިންމު ކަމެއްކަމަށެވެ.

ޑރ. އަޙްމަދު ފައިސަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން އަތް ޖެހޭ ތަންތަން ސާފުކުރުން މުހިންމުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. ހަމައެއާއެކު ގިނަ ގިނައިން އަތް ދޮވުމަކީ އެންމެ މުހިންމު ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކަމަކީ ބަލިވެއްޖެޔާ ސްކޫލަށް ނުގެންދިއުން. ދެން ހަމަ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް މީގައި މައިގަނޑު ގޮތެއްގައި ހުންނާނީ. ޚާއްސަކޮށް ކުޑަކުދީންނަށްވީމަ ވަރަށް މުހިންމު ސްކޫލަތަކުގައި ކިޔައިދޭން އަނގަޔާއި ނޭފަތާއި ލޮލުގައި އަތް ނުލާން،" ފައިސަލް ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ކުޑަކުދީން ބަލީގައި އެޑްމިޓްކުރަން ޖެހެނީ ޑީހައިޑްރޭޝަންގެ ސަބަބުންނެވެ. އަދި ހުން މާ ގަދަވެެގެން ވެސް ބައެއް ކުދިން އެޑްމިޓްކުރަންޖެހެއެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލައާއި ފައިތިލައިގައި ރައްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ.

"ބިހި ވެސް ނަގާނެ ބައެއް ފަހަރަށް. އެކި ތަންތަނުގައި ނަގާނީ. ބައެއް ފަހަރު އަނގައިގައި، ބައެއް ފަަހަރު އަތުގައި. ބައެއް ކުދީންގެ މުޅި ގައިގައި ވެސް. ބިހި ނެގީމާ ކެލަމިން ލޯޝަން މި ލަނީ،" ފައިސަލް ވިދާޅުވިއެވެ.

ބަލި ޖެހުމުން ފަރުވާދޭނީ ބަލީގެ އަލާމާތްތަކަށެވެ. އަދި މިހާތަނަށް ސީދާ މި ބައްޔަށް ވެކްސިނެއް އުފެއްދިފައިނުވާކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

comment ކޮމެންޓް