ފަތުރުވެރިކަން އޮއްވާ ރާއްޖެ ބަނގުރޫޓެއް ނުވާނެ: އާތިފް

އާތިފް ޝަކޫރު --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ފަތުރުވެރިކަން ދެމި އޮތްހާ ދުވަހަކު، އިގްތިސާދު ބަނގުރޫޓު ނުވާނެ ކަމަށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އަދި ދިވެހި އިގްތިސާދު ދިރާސާ ކުރައްވާ، އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ބަނގުރޫޓު ވުމުގެ ވާހަކަ ފަހަކަށް އައިސް ބޮޑަށް ދެކެވެނީ ރާއްޖެ ބަނގުރޫޓުވުމުގެ މަގަށް ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި، ހުންނަވަން ލަދުވެތިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓް ފާސް ކުރުމުގެ މަރުހަލާގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ދަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން ބުނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ހިޔާލުތަފާތު ވެފައިވާ ނަޝީދު އެ ވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމަށް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ތަޖުރިބާކާރެއްގެ ބަސް ހޯދުމަށް "ސަން" އިން ސުވާލު ކުރުމުން އާތިފް ވިދާޅުވީ ރާއްޖެއަށް ދެއްވާފައިވާ ރޯދީގެ ސަބަބުން، އިގްތިސާދީ ގޮތުން ރާއްޖެ ބަނގުރޫޓު ވުމަކީ އަދި ވާނެ ކަމެއް ނޫން ކަމަށެވެ.

ﷲ އަޅުގަނޑުމެންނަށް ދެއްވާފައި އޮތް ރޯދީގެ ބޮޑުކަމުން، ފުން ކަމުން، ފުޅާ ކަމުން، މުއްސަނދި ކަމުން. އަޅުގަނޑުމެންގެ ފަތުރުވެރިކަން މިގޮތަށް ހިނގާ ކަމަށް ވާނަމަ، އަޅުގަނޑުމެންގެ ކަނޑުތަކުގެ މުއްސަނދިކަން މިހެން ހުރި ކަމަށް ވަންޏާ، މިހެން އަދި ދަތި ދުވަސް ތަކެއް ދިޔަ ކަމުގައި ވީ ނަމަވެސް އަޅުގަނޑަށް ގަބޫލު ކުރެވެނީ ރާއްޖެއަށް އެވަރު ނުވެދާނެ ކަމަށް. އާތިފް

އާތިފް ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވުމާ ހަމައަށް ދިޔަ ނަމަވެސް، އެވަރު ވުމުގެ ކުރިން ރަނގަޅު ފިޔަވަޅުތަކެއް ސަރުކާރާއި އެންމެން ގުޅިގެން އަޅާނެ ކަމަށެވެ.

ފަތުރުވެރިކަން ރަނގަޅަށް ހިނގާ ކަމުގައި ވަނީ ނަމަ ރާއްޖޭއަށް އެވަރު [ބަނގުރޫޓް] ވެދާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އާތިފް

އޭނާ ވިދާޅުވީ ރާއްޖެ ބަނގުރޫޓްވުމާ ދިމާލަށް ދިޔަނުދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ހޫނު ރައްދެއްވެސް ރައީސް ނަޝީދަށް ވަނީ ދެއްވާފައެވެ.

އެގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ފޮރުވާކަށް ނޫޅޭ ކަމަށާއި، ރައީސް ނަޝީދު، ގައުމު ބަނގުރޫޓުވާ ވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓުނެވެ. އެކަމުގެ ސަބަބުން ރާއްޖެ ބަނގުރޫޓްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބައެއް ބޭފުޅުން ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުނީ ބޯޑަރު ހުޅުވަން ރައީސް ޞާލިޙް ނިންމެވި ހިސާބުން ކަމަށް ފިނޭންސް މިނިސްޓަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް