60 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއޭއީއޭގެ ގަވަނިންގް ކައުންސިލް

ތެހެރާން (23 ނޮވެމްބަރު 2022): އީރާނުން ފުރަތަމަ ފަހަރަށް 60 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރަން ފަށައިފިކަން އެގައުމުން ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ މުހައްމަދު އިސްލާމީ އާ ހަވާލާދީ އެގައުމުގެ "އިސްނާ" ނޫސް އެޖެންސީ ބުނިގޮތުގައި ފަރުބަދަތަކުގެ އަޑީގައި ހުންނަ އީރާނުގެ ފޯޑޯ ނިއުކްލިޔާ މަރުކަޒުގެ ލެބޯޓްރީ ތަކުގައި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ 60 އިންސައްތައަށެވެ. ކުރިން އީރާންވަނީ 60 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރާކަން ކަށަވަރުކޮށްދިނުމަށް ދެކޮޅު ހަދާފައެވެ.

އީރާނުގެ ނިއުކްލިޔާ އިދާރާގެ ވެރިޔާ މުހައްމަދު އިސްލާމީ

ނަމަވެސް މި ފެންވަރަށް އީރާނުން ޔޫރޭނިޔަމް ފައްކާކުރާކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ތުހުމަތު ކުރަމުން ގެންދާތާ އެތައް މަހެއްވެއްޖެއެވެ. 60 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރާކަމަށް އީރާނުން ރަސްމީ ސިފައެއްގައި އެއްބަސްވެފައިމިވަނީ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ގަވަނިންގް ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު އީރާނާ ދެކޮޅަށް ގަރާރެއް ފާސްކުރުމުން އެގަރާރަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބެލެވެއެވެ.

"އައިއޭއީއޭ" ގެ ގަރާރު އީރާނުން ސިފަކޮށްފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމު ތަކުގެ ނުފޫޒުގައި އީރާނާ ދެކޮޅަށް ފާސްކުރި "ސިޔާސީ" ގަރާރެއްގެ ގޮތުގައެވެ. މި ގަރާރަށް ރައްދު ދޭނެކަމުގެ އިންޒާރު އީރާނުންވަނީ ދީފައެވެ.

ގަރާރު ފަސްކުރި ދުވަހު އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ މުހައްމަދު އިސްލާމީ ވަނީ އީރާން ނިއުކްލިޔާ ހަކަތައާއި ނިއުކްލިޔާ ޓެކްނޮލޮޖީން މަހުރޫމް ކުރަން މަސައްކަތްކުރާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ އަވާގައި ޖެހިގެން "އައިއޭއީއޭ" އިން އީރާނާ ދެކޮޅަށް ފާސްކުރި ގަރާރުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަމާއި އެގަރާރަށް އީރާނުން ބޯނުލަނބާނެ ކަން ހާމަކުރައްވާފައެވެ.

އިސްލާމީ ވިދާޅުވިގޮތުގައި އެގަރާރުގެ ސަބަބުން ގެއްލުންވާނީ "އައިއޭއީއޭ" އިން އީރާނުގައި ހިންގާ ނިއުކްލިޔާ އިނިސްޕެކްޝަންގެ މަސައްކަތް ތަކަށް ކަމަށާއި ގެއްލިގެންދާނީ "އައިއޭއީއޭ"ގެ އިތުބާރު ކަމަށްވެސް މުހައްމަދު އިސްލާމީ ވިދާޅުވެފައިވެއެވެ.

ފަރުބަދަ ތަކުގެ އަޑީގައި ގާއިމްކޮށްފައިވާ އީރާނުގެ ފޯޑޯ ނިއުކްލިޔާ މަރުކަޒު

"އައިއޭއީއޭ" އަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިން ބާރުގެ ނުފޫޒު ހިނގާ ކަމަށް އީރާން އަބަދުވެސް ތުހުމަތު ކުރެއެވެ. އަދި "އައިއޭއީއޭ" އިން ދުނިޔޭގެ އެތައް ގައުމެއްގެ ނިއުކްލިޔާ ހަރަކާތްތައް ބަލައި މޮނިޓާ ކުރަންޖެހޭއިރު އެއިދާރާގެ މަސައްކަތުގެ 95 އިންސައްތަ އަމާޒުކުރަނީ ހަމައެކަނި އީރާނަށް ކަމަށާއި އެއީ އިންސާފު ނޫންކަމުގެ ޝަކުވާވެސް އީރާން ގެންދަނީ އަބަދު ކުރަމުންނެވެ.

އީރާނުން ބުނާގޮތުގައި "އައިއޭއީއޭ" އީރާނާ މުއާމަލާތް ކުރަންޖެހޭނީ ޓެކްނިކަލް ގޮތުންނެވެ. ނަމަވެސް އެއިދާރާގެ ސުލޫކު ހުންނަނީ އީރާނު ކުށްވެރިކުރުމާއި އީރާނުންދޭ އެއްބާރުލުމުގެ އަގު ވަޒަންނުކުރުމާއި ސިޔާސީ ބޭނުންތައް ހާސިލް ކުރުމުގެ މައްޗަށްކަމަށް އީރާނުން ބުނެއެވެ.

"އައިއޭއީއޭ" ގެ ގަވަނިން ކައުންސިލުން އީރާނާ ދެކޮޅަށް ފާސްކުރި ގަރާރަށް ރަޝިއާއާއި ޗައިނާއާއި ޕާކިސްތާނާއި އެނޫންވެސް ބައެއް ގައުމުތަކުން ވޯޓު ދީފައެއް ނުވެއެވެ. އަދި އެގަރާރު ފާސްކުރީ އެމެރިކާ ބައެއް ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވައިގެންކަމަށްވެސް އީރާނުން ވަނީ ތުހުމަތު ކޮށްފައެވެ.

"އައިއޭއީއޭ" ގެ ގަވަނިން ކައުންސިލުން އީރާނާ ދެކޮޅަށް ގަރާރު ފާސްކުރީ އީރާނުން އިއުލާނުކޮށްފައި ނުވާ އެގައުމުގެ ތަނަކުން މަތީ ފެންވަރަކަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ގެ އަސަރު ފެނުނު މައްސަލާގައެވެ. އެކަމާބެހޭގޮތުން ފުރިހަމަ ޖަވާބެއް އީރާނުން ނުދޭކަމަށް ބުނެ އެކަމުގައި އިތުރަށް އެއްބާރުލުން ދިނުމަށް އެދިއެވެ. ނަމަވެސް އިއުލާނުކޮށްފައި ނުވާ ތަނަކުން ޔޫރޭނިޔަމްގެ އަސަރު ފެނުނުގޮތް އެތަށް ފަހަރަކު "އައިއޭއީއޭ" ގެ އިނިސްޕެކްޓަރުންނަށް ސާފުކޮށްދީފައިވާނެ ކަމަށާ ދެން އިތުރަށް ސާފުކޮށްދޭންޖެހޭނެ އެއްޗެއް ނޯންނާނެކަމަށް އީރާން ބުނެއެވެ.

މި މައްސަލައިގެ ފައިލް ލެއްޕުމަށް "އައިއޭއީއޭ" ދެކޮޅު ހަދަނީ ޓެކްނިކަލް މައްސަލައެއް އޮވެގެން ނޫންކަމާއި އެކަން ކުރަނީ އީރާނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސިޔާސީ ބޭނުމުގައި އެމެރިކާގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް އީރާން ބުނެއެވެ.

60 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާކަން އީރާން ކަށަވަރުކޮށްދިނުމުން އެމެރިކާއާއި ޔޫރަޕްގެ ބާރުތައްވަނީ ކަންބޮޑުވެ އީރާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ނިއުކްލިޔާ ހަތިޔާރު ހެދުމުގެ ފުރުސަތު އީރާނަށް ނުދޭނެކަމަށް ބުނެ އެމެރިކާއިން ކުރީއްސުރެ އީރާނަށް ދެމުން ގެންދާ އިންޒާރު އަނެއްކާވެސް އެމެރިކާއިން ވަނީ އައުކޮށްފައެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާނަށް ނުދޭނެކަމަށް އެމެރިކާ ތަކުރާރުކޮށް ބުނެ އިންޒާރު ދެމުންގެންދިޔަނަމަވެސް އީރާނުގައި ނިއުކްލިޔާ ހަތިޔާރު ނުހުންނާނެކަމުގެ ޔަގީންކަން އެމެރިކާއި ދީފައެއް ނުވެއެވެ. އެމެރިކާއިން ދެކޭގޮތުގައި ނިއުކްލިޔާ ހަތިޔާރަކީ އީރާނަށް ހަރާމް އެއްޗެކެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަށާ އަދި އިސްރާއީލަށް ހުއްދަ އެއްޗެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު