މަޖިލީހަށް ވަޑައިގަތީ 22 މެންބަރުން, ނަޝީދު ހަނދާން ކޮށްދެއްވީ މެންބަރުންނަށް ލިބޭ ބޮޑު މުސާރަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މަޖިލީހުގެ ހާޒީރު ދަށްވުމުގެ ކަންބޮޑުވުން ވަނީ ފާޅު ކޮށްފަ --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލައްކައަކާ ކައިރި ކުރާވަރަށް ފައިސާ ލިބުނު ނަމަވެސް ޖަލްސާއަށް ވަޑައިނުގަންނަވާތީ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދު މިއަދު ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 80،000ރ. އަށް ވުރެ ބޮޑު އަދަދެއް ކޮންމެ މަހަކު ވެސް ލިބިވަޑައިގަންނަވައެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 87 މެންބަރުންގެ ތެރެއިން ޖަލްސާއަށް ވަޑައިގަނެފައިވަނީ 22 މެންބަރުން ކަމަށެވެ. އެއީ ވަގުތު ފަހަނައަޅައި ގޮސް ރަނގަބީލު ޖެހުމަށް ފަހު ވެސް ހާޒިރުވެވަޑައިގަތް މެންބަރުންގެ އަދަދު ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"ކޮންމެ އިއްޒަތްތެރި މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ. ކޮމެޓީ އެލަވެންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ. މެންބަރެއްގެ މުސާރައިގެ ގޮތުގައި އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ. އަދި މެންބަރުން އިންތިހާބް ވެފައި ތި ތިއްބަވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މިތަނުގައި ތަމްސީލް ކުރުމަށް. މިތަނަށް ވަޑައިނުގަންނަވާކަމީ ވަރަށް ބޮޑު ހިތާމައެއް," ނަޝީދު ވިދާޅުވިއެވެ.

ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ވެސް ނަޝީދު އެދިވަޑައިގަތީ މަޖިލިސް ޖަލްސާ އޮންނަ ދުވަސް ތަކުގައި ގަވާއިދުން ޖަލްސާތަކަށް މެންބަރުން ވަޑައިގަތުމަށެވެ.

"އަދި ބަހުސްގައި ބައިވެރިވަޑައިގަންނަވާ އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަފުޅު ދައްކަވާ ޚިޔާލުފުޅު ފާޅުކޮށް ހެއްދެވުމަކީ މި މަޖިލީހުގެ އަސާސީ މަޤްސަދު," ނަޝީދު ވިދާޅުވިއެވެ.

ޚާއްސަ ހާލަތެއް ކުރިމަތި ނުވާ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ހަފުތާގެ ތިން ދުވަހުއެވެ. އެދީ ހޯމަ, އަންގާރަ އަދި ބުދަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިއްބެވޭ ގޮތަށް ގަވައިދު އިސްލާހުކުރަން ހުށަހެޅި ނަމަވެސް އެ މެންބަރުން އިސްވެތިބެ ވަނީ އިސްލާހު ބޭރުކޮށްލާފައެވެ.

comment ކޮމެންޓް