ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްއިން 10،000 މުވައްޒަފުން ވަކިކުރަނީ

ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްއިން ވަނީ 10،000 މުވައްޒަފުން ވަކިކުރަން ނިންމާފަ --

ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްއިން 10،000 މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.

މެޓާ، އެމެޒޯން، ޓްވިޓާ، ސޭލްސްފޯސް އަދި އެހެނިހެން ބޮޑެތި ޓެކް ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކުރަމުންދާ މި ދަނޑިވަޅުގައި ގޫގުލްއިން ނިންމާފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ހަ ޕަސެންޓް މީހުން ދޫކޮށްލަން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ދަ އިންފޮމޭޝަން ނޫހުން ރިޕޯޓުކުރި ގޮތުގައި ގޫގުލްއިން ގިނަ އަދަދެއްގެ މީހުން ވަޒީފައިން ވަކިކުރަނީ އެ ކުންފުނީގައި މުވައްޒަފުންގެ މަސައްކަތް ވަޒަން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްގެންނެވެ.

"އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން، އާ ޕާފޯމަންސް މެނޭޖްމަންޓް ސިސްޓަމެއްގެ ދަށުން، އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބެލެވޭ އެތައް ހާސް މުވައްޒަފުންނެއް ބޭރުކޮށްލެވޭނެ. އަދި މުވައްޒަފުންނަށް ބޯނަސް އާއި ސްޓޮކް ގްރާންޓް ނުދިނުމަށް ވެސް އެ ނިޒާމު ބޭނުން ކުރެވިދާނެ،” ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، އެ ނިޒާމުގެ ދަށުން މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް، ހަ ޕަސެންޓް މުވައްޒަފުން ނުވަތަ ގާތްގަނޑަކަށް 10،000 މީހުންނަކީ އެކަށީގެންވާ ވަރަށް ނަތީޖާ ނުނެރެވޭ މީހުން ކަމަށް ކަނޑައެޅުމަށް އަލްފަބެޓުން ވަނީ އަންގާފައެވެ.

އެ ވާހަކަތަކާ ބެހޭ ގޮތުން އަލްފަބެޓުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އަލްފަބެޓްގައި ގާތްގަނޑަކަށް 187،000 މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

އަލްފަބެޓްގެ ވިޔަފާރިއަށް އަސަރުކޮށް މުވައްޒަފުންތަކެއް މަދުކުރުމަށް ނިންމާފައިވާއިރު، އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅީގެން މިދިޔަ އަހަރު އަލްފަބެޓްގެ މުވައްޒަފަކަށް ގާތްގަނޑަކަށް 295،884 ޑޮލަރުގެ ބަދަލެއް ނަގައިދީފައިވެއެވެ.

އަލްފަބެޓަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 13.9 ބިލިއަން ޑޮލަރުގެ ސާފު ފައިދާއެއް ލިބިފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 ޕަސެންޓްގެ ދަށްވުމެކެވެ. ނަމަވެސް ކުންފުނީގެ އާމްދަނީ ވަނީ ހަ ޕަސެންޓް އިތުރުވެ، 69.1 ބިލިއަން ޑޮލަރަށް އަރާފައެވެ.

އެ ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗައިގެ އަމާޒަކީ މުވައްޒަފުންގެ އަދަދު މަދުކޮށްގެން ވިޔަސް އަލްފަބެޓްގެ ސާފު ފައިދާ ކުއާޓަރަކަށް ޖެހޭވަރު ގާތްގަޑަކަށް 20 ޕަސެންޓް މައްޗަށް ޖެއްސުމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަލްފަބެޓުން މުވައްޒަފުން ދޫކޮށްލަން ޖެހިއްޖެނަމަ، ބައެއް މަސައްކަތްތެރިންނަށް އެ ކުންފުނީގެ އާ ރޯލަކަށް ނުވަތަ އެހެން ދާއިރާއަކަށް އެދި ހުށަހެޅުމަށް 60 ދުވަހުގެ މުއްދަތެއް ދެއެވެ.

ޕިޗައި ވަނީ އެ ކުންފުނިން އަދިވެސް އިންވެސްޓް ކުރަމުންދަނީ ކުއަންޓަމް ކޮމްޕިއުޓިން ފަދަ ދިގު މުއްދަތުގެ މަޝްރޫއުތަކަށް ކަމަށާއި ނަމަވެސް ފައިސާ ރައްކާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެން މިތިބީ މުވައްޒަފުން ދޫކޮށްލަން ޖެހޭތީ ކަންބޮޑުވެފައި. އަހަރެމެން މިދަނީ އިގްތިސާދީ ގޮތުން އުނދަގޫ ވަގުތުކޮޅެއްގައި މަސައްކަތް ކުރަމުން. މިފަދަ ވަގުތެއްގައި ކުންފުންޏެއްގެ ގޮތުގައި އެއްބައިވެ، އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަހަރެން ދެކެން،” ޕިޗައި ބުންޏެވެ.

ގޫގުލް އިން އިތުރު މުވައްޒަފުން ހޯދުން ހުއްޓާލާފައިވާއިރު، ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުން މަސައްކަތް ރަނގަޅު ކުރުމަށް ނުވަތަ ވަޒީފައިން ވަކިވުމަށް އަންގާފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް